ޗެމްޕިއަންސް ލީގް

ރެއާލް-ރޯމާ، ލިވަޕޫލް-ޕީއެސްޖީ، ބާސާ-އިންޓަ، ޔުވެ-މެންޔޫ

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭއެސް ރޯމާ ވާދަ ކުރަން ޖެހިއްޖެ އެވެ. އެންމެ ފަހުގެ ރަނަރަފު ލިވަޕޫލްއާ ދެކޮޅަށް ވާދަ ކުރަން ޖެހޭނީ ޕީއެސްޖީ އެވެ.

މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް އާއި ރޯމާ ހިމެނުނީ ގުރޫޕް ޖީ ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ރަޝިއާގެ ސީއެސްކޭ މޮސްކޯ އާއި ޗެކްރިޕަބްލިކްގެ ޕްލްޒަން އެވެ.

ލިވަޕޫލް އާއި ޕީއެސްޖީގެ ހިމެނޭ ގުރޫޕް ސީ ވެގެންދާނީ، ވަރުގަދަ ގުރޫޕަކަށެވެ. އެ ގުރޫޕްގައި އިޓަލީގެ ވަރުގަދަ ބާރު ނަޕޯލީވެސް ހިމެނެ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އެވެ.

ގުރޫޕް ސްޓޭޖުގައި، ބާސެލޯނާ އާއި އިންޓަ މިލާން ހިމެނޭ ގުރޫޕް ބީ ވެސް ވެގެންދާނީ ވަރުގަދަ ގުރޫޕަކަށެވެ. އެ ގުރޫޕުގައި އިނގިރޭސި ފުޓްބޯޅައިގައި ވަރުގަދަ ބާރަކަށް ވަމުން އަންނަ ޓޮޓެންހަމްވެސް ހިމެނެ އެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް ގުރޫޕްގެ އެއް ވަނަވެސް ހޯދާފަ އެވެ. ގުރޫޕް ބީ ގައި ދެން ހިމެނެނީ ނެދަލެންޑްސްގެ ޕީއެސްވީ އެންދޯވަން އެވެ.

ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓަޑް ހިމެނޭ ގުރޫޕް ވެގެންދާނީ ތާރީހީ ގުރޫޕަކަށެވެ. ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބު ޔުނައިޓަޑާ ދެކޮޅަށް ޗެމްޕިއަންސް ލީގްގައި ނިކުންނާނެ އެވެ. އެ ދެ ޓީމު ހިމެނޭ ގުރޫޕް އެޗްގައި ދެން ހިމެނެނީ ވެލެންސިއާ އާއި ސްވިޒަލޭންޑްގެ ޔަންގު ބޯއީސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ލައްވާލީ ނިސްބަތުން ފަސޭހަ ގުރޫޕެކެވެ. ނަމަވެސް ފްރާންސްގެ ލިޔޯން އާއި ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އާއި ޖަރުމަންގެ ހޮފެންހަމް ގެ ކުރިމަތިލުން ސިޓީއަށް ފަސޭހަ ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ވަރުގަދަ ބަޔާން މިޔުނިކަށް ލައްވާލީ ގުރޫޕް އީ ގައި ޕޯޗްގަލްގެ ބެންފީކާ އާއި ނެދަލޭންޑްސްގެ އަޔެކްސް އާއި ގްރީސްގެ އޭއީކޭ އެތެންސް އެވެ. އެތުލެޓިކޯ މެޑްރިޑާއި ބުރޫޝިއާ ޑޯޓަމުންޑް، މޮނަކޯ އާއި ބެލްޖިއަމްގެ ކުލަބު ބާގް ހިމެނެނީ ގުރޫޕް އޭ ގަ އެވެ.