ސިނަ މާލެ ބްރިޖް

ރައީސް: އުންމީދުގެ ބްރިޖު ހުރަސްކޮށް މިދަނީ ތަރައްގީގެ އާ ޒަމާނަކަށް

ހުޅުލެ އާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ބްރިޖަކީ އުންމީދުން ފުރިގެންވާ ބްރިޖެއް ކަމަށާއި މިރެއިން ފެށިގެން ދިވެހިން ދަތުރު ކުރާނީ އުންމީދުގެ ބްރިޖު ހުރަސްކޮށް، ތަރައްގީގެ އާ ޒަމާނަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ތިން އަވަށް ގުޅުވައިދޭ ސިނަމާލޭ ބްރިޖު ހުޅުވުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެ ތަރައްގީވަމުން އަންނަނީ 240،000 މީހުން ދިރިއުޅުމަށްޓަކައި ހަދާ ޒަމާނީ ސިޓީއެއް ގޮތުގައި ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އައުމަށް އެތަށް ހާސް ބަޔަކުކިލޯމީޓަރެއްގެ ދުރުމިނަށް ކަނޑު ހުރަސްކޮށް ދަތުރު ކުރަން ޖެހިފައި އޮތް ކަމަށާއި އެހެންވެ ބްރިޖެއް އެޅޭނެ ދުވަހަކަށް ހުވަފެންތަކެއް ދެކެމުން ދިވެހިން އައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދާއި ވަސީލަތްތައް ބަލާފައި ބްރިޖެއް އެޅުމަކީ ދިވެހިންނަށް ކުރެވޭވަރަށް ވުރެ މާ ބޮޑު ކަމެއްގެ ގޮތުގައި ކުރިން ވިސްނިފައި އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ކުރީ ދިވެހިންނަށް ބޭނުންވާ އެފަދަ އެންމެ މުހިންމު ކަންކަމަށް އަމާޒުކޮށްގެން ކަމަށާއި އިސްކަމެއް ދިނީ ޒަމާނީ ދިރިއުޅުމެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ވިސްނުމުގައި ޗައިނާގެ ރައީސް ޝީޖިން ޕިންގް އަރިހަށް ވަޑަައިގެން އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެން ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ބްރިޖުގެ އަޅުމަށް ކަމަށާއި އެއަށް ފަހު މަޝްވަރާތަކާއި މަސައްކަތްތައް ފެށިގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އޭގެ އެންމެ ތިން އަހަރާއި 11 މަހަށް ވުރެ މަދު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި އިފްތިތާހު ކުރަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު، ކަނޑު ހުރަސްކޮށް ގިނަ ފުރުސަތުތަކާއި ޒަމާނީ ދިރިއުޅުމަކަށް ރައްޔިތުން ގެންގޮސްދޭނެ ބްރިޖު، ޒުވާން އަންހެނުންނާއި ފިރިހެނުންނަށް ޒުވާނުންގެ އުންމީދުން ފުރިފައިވާ ޔޫތު ސިޓީއަށް ދެވޭނެ ބްރިޖު،" އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިން އިންތިޒާރުގައި ތިބީ އުންމީދީ ބްރިޖެއް ހުރަސްކޮށް އާ މާދަމާއަކަށް ދަތުރު ކުރުމަށށް ކަމަށާއި އެއީ އާއިލާތަކަށާއި ދަރިންނަށް ހަމަޖެހޭ މާހައުލަކަށް ބަދަލުވުން ކަމަށެވެ. މިރޭ ފެށިގެން ދަނީ ދިވެހިންނަށް ކުރިއެރުމާއި ތަރައްގީގެ އާ ޒަމާނެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މި ދައްކުވައިދިނީ ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން މަންޒަރު
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މިރޭ ބްރިޖު ހުޅުވުމާއި އިންވެސްޓުމަންޓުތައް އެތަށް ގުނައަކަށް އިތުރުވުމާއި 80،000އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދިޔުމުން އެނގެނީ ސިޔާސީ ބައިބައިވުންތަކަށް ވުރެ ކުރިޔަށް ވަޑައިގަތުން މާ ރަނގަޅު ކަަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި ހަމަނުޖެހުންތައްކުން ނިކުތުމަށް ފަހު ފާގަތި މާދަމާއެއް އޮންނަ ބިމަކަށް ހިޖުރަ ކުރުމަށް ގިނަ ބަޔަކު
ބޭނުންވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިނަމާލޭ ބްރިޖަކީ ޗައިނާ އާއި ރާއްޖޭގެ ރައްޔިތުންގެ އެކުވެރިކަން ދައްކުވާދޭ ރަމްޒެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ދެމެދު ގާއިމްވާ ހަގީގީ ގާތް ގުޅުމަކާ ހެދި ތަރައްގީ އާއި ކުރިއެރުން ލިބޭނެ ކަމަށާއި ކަމަށާއި ބިނާ ކުރެނިވި މަޝްވަރާ ކޮށްގެން ގައުމުތަކުގެ މެދުގައި ބޮޑެތި ކަންކަން ހާސިލު ކުރެވޭނެ ކަމުގެ މިސާލެއް ކަމަށް ރައީސް ޔާމީން
ވިދާޅުވި އެވެ.