ސާފް ސުޒުކީ ކަޕް

އުމޭރު ސާއިފް، ހަންނަ، އައްޒާމު، ސާމިރު ސްކޮޑުން ބާކީކޮށްފި

ގަތަރުގެ ޓްރެއިނިން ކޭމްޕްގައި އަނިޔާވި މިޑްފީލްޑަރު މުހައްމަދު އުމޭރު އާއި ޑިފެންޑަރު މުހައްމަދު ސާއިފް އާއި އަހްމަދު ސާމިރު، މިޑްފީލްޑަރު މުހައްމަދު އައްޒާމް އަދި ޒުވާން ފޯވަޑް ހަސަން ރާއިފް އަހްމަދު (ހަންނަ) ސްކޮޑުން ބާކީ ކޮށް 22 ކުޅުންތެރިންނަށް ސްކޮޑް ތިރި ކޮށްފި އެވެ.

އުމޭރުގެ އުކުޅުވަޅަށް އަނިޔާވީ، ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައި، އެ ގައުމުގެ ދެ ވަނަ ޑިވިޝަން ކުލަބު އަލްމަރްހިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޑިފެންޑަރު ސާއިފް އާއި އައްޒާމްއަކީ މީގެ ކުރިންވެސް ސްކޮޑުން ޖާގަ ލިބޭ ދެ ކުޅުންތެރިންނެވެ. ނަމަވެސް ފައިނަލު ސްކޮޑުން ޖާގަ ހޯދުމުގައި އެ ކުޅުންތެރިންނަށް ކުރިއަށް ދެވިފައެއް ނުވެ އެވެ. މުޅިން އަލަށް ސްކޮޑުން ޖާގަލިބުނު ސާމިރު އާއި ހަންނައަށް ވެސް ފައިނަލު ސްކޮޑުން ޖާގަ ލިބޭ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރު ފޯމު ގެއްލި ގައުމީ ޓީމުން ޖާގަ ގެއްލުނު އަހްމަދު އިމާޒު (އައްކޮ) ވަނީ އަލުން އެނބުރި އައިސް 22 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދާފަ އެވެ. މިދިޔަ އަހަރު އޯގަސްޓް މަހު ކުރިމަތިވި އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ 22 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނިފަ އެވެ.

ސީނިއާ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ، ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީންއަށްވެސް ސާފްގެ ސްކޮޑުން ޖާގަ ލިބުނެވެ. ތިން އަހަރަށް ފަހު ސްކޮޑުން ޖާގަ ލިބުނު ގްރީންގެ ޑިފެންޑަރު ސަމްދޫހް މުހައްމަދަށްވެސް ވަނީ 22 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ލިބިފަ އެވެ.

ސާފްގެ ގަވާއިދު ބުނާގޮތުން، ފައިނަލު ސްކޮޑުގައި ހިމެނޭނީ 20 ކުޅުންތެރިންނެވެ. ރާއްޖެއިން ސްކޮޑުގައި 22 ކުޅުންތެރިން ހިމެނި އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ، މުބާރާތް ތެރޭގައިވެސް ޓީމުގެ ޓްރެއިނިން ކުރިއަށް ގެންދިއުމުގައި ޓެކްނިކަލް ފަސޭހައަކަށް ޓަކައެވެ.

މި މަހު ހަ ވަނަ ދުވަހު ގައުމީ ޓީމު ގަތަރު ކޭމްޕަށް ފުރީ، އެންމެ ފުރަތަމަ އިއުލާން ކުރި 30 ކުޅުންތެރިންގެ ސްކޮޑުން ތިން ކުޅުންތެރިން އުނި ކުރުމަށް ފަހު އެވެ. އޭރު ސްކޮޑުން އުނި ކުރިން ތިން ކުޅުންތެރިންނަކީ، ޓީސީގެ އަބްދުﷲ އައްޒާމް (އެޑޫ) އާއި މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އާއި އީގަލްސްގެ ޒުވާން ގޯލްކީޕަރު މިފްދާދު އަހްމަދެވެ.

ގަތަރު މަގުން، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްއަށް ގައުމީ ޓީމު މާދަމާ ދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ އިއުލާން ކޮށްފަ އެވެ. މުބާރާތުގެ ކުރިން، ޕާކިސްތާނާ ދެކޮޅަށް ކުޅެން ހަމަޖެއްސި އެކުވެރި ކަމުގެ މެޗު ވަނީ ކެންސަލް ވެފަ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާ އާއެކު ގުރޫޕް "ބީ" ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ ލަންކާ އާ ދެކޮޅަށެވެ. އިންޑިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު އެވެ.

ރާއްޖެއިން ވަނީ ބަނަގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ ތެރެއިން ދެ ފަހަރަށް ފައިނަލުގައި ކޫލެފަ އެވެ. އެދެފަހަރުވެސް ރާއްޖެ ވަނީ ފައިނަލުގައި ބަލިވެފަ އެވެ.