ހަބަރު

މާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި

ޖުމްހޫރީ މައިދާނު ކައިރީގައި މީހަކަަށް މިރޭ ވަޅިން ހަމަލާދީ މަރާލައިފި އެވެ. ހަމަލާދީ މަރާލާފައިވަނީ މައުލޫމާތު ލިބޭ ގޮތުގައި 19 އަހަރުގެ ޒުވާނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ކައިރީ ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް އަވަސްއަށް ވިދާޅުވީ ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިރޭ 7:30 ގައި ކަމަށާއި އޭނާ ގެނައިއިރު ވެސް ފުރާނަ ހުރި ކަމަކަށް ނުބެލޭވުނު ކަމަށެވެ. ނަމަވެސް އޭނާ ހޭއަރުވަން މަސައްކަތް ކުރުމަށް ފަހު މިހާރު އޭނާ މަރުވެފައިވަ ކަމަށް ކަނޑައަޅާފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ.

މާރަމާރީއާ ގުޅޭ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފަހަކަށް އައިސް މާލޭގައި މާރާމާރީތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި ހަފުތާ ތެރޭގައި ވެސް މީހަކަށް ވަނީ ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.