ބޮލީވުޑް

ސޯނޫ ފިލްމު ދޫކޮށްލުމުން، ނަންވީ ކަންގަނާ!

އަންނަ އަހަރު ޖެނުއަރީގައި ރިލީޒް ކުރަން ނިންމާފައިވާ، ކަންގަނާ ރަނާއުތު ލީޑުން ފެނިގެންދާ ފިލްމު "މަނިކަރްނީކާ: ކުއީން އޮފް ޖާންސީ" އިން އެކްޓަރު ސޯނޫ ސޫދް ވަކިވުމާއި ގުޅިގެން ތަފާތު ބަހުސްތައް ދަނީ ކުރެވެމުންނެވެ. ސޯނޫ ފިލްމު ދޫކޮށްލީ ކަންގަނާއާ ދެމެދުގައި ބޮޑު ދެބަސްވުންތަކެއް ހިނގުމުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި އެވެ.

ދެބަސްވުންތައް އުފެދުނީ މި ފިލްމު ޑައިރެކްޓުކުރުމާއި ކަންގަނާ ހަވާލުވުމުން ކަމަށްވެ އެވެ. މި ފިލްމުގެ މައިގަނޑު ޝޫޓިންތައް މިހާރު ވަނީ ނިމިފަ އެވެ. ނަމަވެސް ބައެއް މަންޒަރުތައް އަލުން ނަގަންޖެހުމާއި މަދުވާ ބައެއް މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކަންގަނާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ މީހުންގެ މެދުގައި އެއްވެސް ދެބަސްވުމެއް ހިނގާފައި ނުވާކަމަށާއި އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިވެސް ކްރިޝް ޖަގްރަލަމުންޑީ ކަމަށެވެ. ކަންގަނާ ޑައިރެކްޝަނާއި ހަވާލުވީ މި ދުވަސްކޮޅު ކްރިޝް އެހެން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ، "މަނިކަރްނީކާ" ގެ މަސައްކަތައް ނިންމަންޖެހޭ ތާރީހު ގާތްވާތީ އަވަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި ޑައިރެކްޝަނާއި ކަންގަނާ ހަވާލުވީވެސް ކްރިޝްގެ އިރުޝާދުގެ މަތިންކަމަށް ވަނީ ބުނެފަ އެވެ.

ސޯނޫ އެ ފިލްމު ދޫކޮށްލީ ކަންގަނާގެ ސަބަބުން ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް ކަންގަނާވެސް ވަނީ ރައްދުދީފަ އެވެ. ޕިކްންވިލާއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ، މިދިޔަ އަހަރު މި ފިލްމުގެ މަންޒަރެއް ސޯނޫއާއެކު ނެގިފަހުން އަދި އެ ދެމީހުން ދިމާ ނުވާ ކަމަށެވެ. ފިލްމަށް އަލުން ނަގަންޖެހޭ ބައެއް މަންޒަރުތައް ނެގުމަށް ސޯނޫ ތާރީހެއްވެސް ދީފައި ނުވާ ކަމަށާއި ބައްދަލުކުރަން އެދުމުން އެކަމާއިވެސް އޭނާ ދެކޮޅު ހެދިކަމަށް ކަންގަނާ ބުންޏެެވެ.

ކަންގަނާގެ ބޮޑު ތުހުމަތެއް ސޯނޫއަށް

ކަންގަނާ ތުހުމަތުކުރި ގޮތުގައި ސޯނޫ ފިލްމު ދޫކޮށްލީ އަންހެން ޑައިރެކްޓަރަކާއެކު މަސައްކަތްކުރަންޖެހުމުންނެވެ. އެ މަންޒަރުތައް ނެގުމާއި ބެހޭގޮތުން ސޯނޫ އާއި ވާހަކަދެއްކުމުން، އޭނާގެ ރޯލަށް އެހެން އެކްޓަރަކު ނަގަން އެދުނުކަމަށާއި އަދި އެ ރޯލަށް ޒީޝާން އައްޔޫބް ނެގިތަނާއިހެން ސޯނޫ ގުޅާފައިވާ އެ މަންޒަރުތައް ނަގަން ތާރީހެއް ދިން ކަމަށްވެސް ކަންގަނާ ބުންޏެވެ. ކަންގަނާ ބުނީ ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައިކަމަށެވެ.

މި ވާހަކަތަކުގެ ރައްދުގައި ސޯނޫ ބުނެފައި ވަނީ އަންހެން ޑައިރެކްޓަރަކާއެކު މަސައްކަތްކުރަން އޭނާ ދެކޮޅު ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީގެ ކުރިން ފިލްމު "ހެޕީ ނިއު އިޔާ" ގައި އޭނާ މަސައްކަތްކުރީ އަންހެން ޑައިރެކްޓަރަކާއި (ފަރާ ޚާން) އެކުގައި ކަމަށެވެ. އަދި ސޯނޫގެ ތަރުޖަމާނު ބުނި ގޮތުގައި މި ފިލްމު ދޫކޮށްލަންޖެހުނީ އޭނާގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ޝޫޓިންގެ ތާރީހާއި މި ފިލްމަށް އަލުން ޝޫޓުކުރަންޖެހޭ ތާރީހުގެ ސަބަބުން ފުށުއަރާތީ ކަމަށެވެ.