ހޮލީވުޑް

ރުއްސޯ ބްރަދާސްގެ ފިލްމަކަށް ކްރިސް ހެމްސްވޯތް

މާވެލް ސްޓޫޑިއޯސްއިން މި އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ޑައިރެކްޓުކުރި އެންތޮނީ ރުއްސޯ އާއި ޖޯސެފް ރުއްސޯ (ރުއްސޯ ބްރަދާސް) ޕްރޮޑިއުސްކުރާ ނެޓްފްލިކްސް ފިލްމަކަށް ކްރިސް ހެމްސްވޯތު ނަގައިފި އެވެ. މި ފިލްމު ވެގެންދާނީ ކްރިސްގެ ފުރަތަމަ ނެޓްފްލިކްސް ފިލްމަށެވެ.

އެކްޝަން ތްރިލާ މި ފިލްމުގެ ނަމަކީ "ޑާކާ" އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ސޭމް ހާގްރޭވް އެވެ. މިއީ އޭނާގެ އަލަތު ޑައިރެކްޝަނެވެ. ސްޓަންޓް ކޯޑިނޭޓަރެއް ކަމުގައިވާ ސޭމްއަކީ މާވެލްގެ ފިލްމުތަކުގައި ކެޕްޓަން އެމެރިކާގެ ރޯލު ކުޅޭ ކްރިސް އީވަންސްގެ ސްޓަންޓް މަންޒަރުތައް އޭނާގެ މަތިން ނަގައިދޭ މީހާ އެވެ.

މި ފިލްމު ގެނެސްދެނީ ރުއްސޯ ބްރަދާސްގެ އޭޖީބީއޯ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުންނެވެ. ފިލްމުގެ ސްކްރިޕްޓުވެސް ތައްޔާރުކޮށްފައި ވަނީ އެ ދެމީހުންނެވެ. މި ފިލްމުގައި ގެނެސްދޭނީ ވަރަށް ބޮޑު ވިޔަފާރީވެރިއެއްގެ ދަރިއަކު ރަހީނުކުރުމުން އެ ކުއްޖާ ސަލާމަތްކުރުމަށް ހަވާލުކުރާ މީހެއްގެ ވާހަކަ އެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރު މާޗު މަހާއި ހަމައަށް މި ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މި ފިލްމު ޝޫޓުކުރަނީ އިންޑިއާ އަދި އިންޑޮނޭޝިއާގަ އެވެ.