ހަބަރު

އެއް ދުވަހުން ބްރިޖު "ގޮނޑަކަށް"

މާލެ އާއި ހުޅުލެ ގުޅުވާލި ތާރީހީ ބްރިޖު ބަލައިލަން ދިވެހިންނަށް އިއްޔެ ފުރުސަތު ލިބުނެވެ. އެހެންވެ އެތައް ހާސް ބަޔަކު ބްރިޖަށް އަރައި ފޮޓޯ، ސެލްފީތަކުން ހިތް ފުރާލީ އުފާވެރިކަމާއި އުއްމީދާއެކު އެވެ. އެންމެންގެ ވެސް ދުލު ކުރީގައި އޮތީ އެ ބްރިޖަކީ ދިވެހިންގެ އެންމެ ވަރުގަދަ ބިނާ އެވެ. އެކަމަކު އިއްޔެގެ އެ ހާއްސަަ ވަގުތު ނިމި، ދިވެހިން ބްރިޖުން ފައިބައިގެން ދިޔައީ ގައުމީ އެ ބިނާގެ މައްޗަށް ކުނި އަޅާ ގޮނޑުކޮށްލާފަ އެވެ.

ސާފުތާހިރުކަމާއި އުސޫލުތަކުގައި ވަރުގަދަ، ޗައިނާ މީހުން މަސައްކަތް ކުރި އެ ބްރިޖު މިއަދު ނިމިގެން ދިޔައިރު ފުރިފައި އޮތީ ފެން ހުސްކުރި ފުޅިތަކާއި މައިލޯ ޕެކެޓްތަކުންނެވެ. ސުޕާރީ ޕެކްޓްތަކާއި މެޓާ ޕެކެޓްތަކެވެ.

އޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެކަމާ ކަންބޮޑުވުން ފާޅުކުރާ މީހުން ވެސް ގިނަ އެވެ. އަތުގައި އޮންނަ ކުނި ޖެހޭ ކޮންމެ ތާކަށް އެއްލާލުމުގެ އާދަ ފިލުވަން ވެއްޖެ ކަމަށް މީހުން ދަނީ ބުނަމުންނެވެ.

"ދިވެހިން ބަދަލެއް ނުވާނެ، އެންމެ ދުވަހަކު ބްރިޖަށް އެރީ، މިހާރު އެ އޮތީ ގޮނޑަކަށްވެފައި،" ކަންބޮޑުވުމާއެކު ޒުވާނަކު ބުންޏެވެ.

އެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ވެސް އެތަނަށް އަރައި ބަލާލަން ފުރުސަތު ލިބުނެވެ. އޭރު ވެސް އެތަން އޮތީ މިހާރަށްވުރެ ސާފުތާހިރުކޮށެވެ. ކުނި އެތަންމިތަނަށް އަޅާފައެއް ނުހުރެ އެވެ.

ބްރިޖުގެ އެކި ތަންތާ ޑަސްބިން ބަހައްޓާފައި ނެތުމަކީ ޖެހޭ ކޮންމެ ތާކަށް ކުނި އަޅާފައި އަންނަންޖެހޭ ސަބަބެއް ނޫނެވެ. ހުސް ފުޅިއެއް ނުވަތަ ހުސް ޕެކެޓެއް ޑަސްބިނެއް ފެންނަދެން އަތުގައި ބޭއްވުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނުކުރެވޭ ވަރުގެ ބުރައެއް ވެސް ނޫނެވެ.

ބްރިޖު މަތީގައި ހުސް ފުޅިތައް އިއްޔެ ގިނަވެފައިވާއިރު ބްރިޖާ ގުޅޭ މަގުތަކުގެ އާ ތާރުގަނޑު މަތީގައި ވެސް މިއަދު އޮތީ ހުސް ކުންޏެވެ. ތަނުގެ ރީތިކަން ގެއްލިފައިވަނީ ހުސްކުރި ފުޅިތަކާއި ޕެކެޓްތަކުންނެވެ. މިއީ ވިސްނާލައި ބަދަލު ކުރަންޖެހޭ ކަމެކެވެ.