ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުކުރުގެ ސަގާފަތް ނުފެނި ހިތްދަތިކަން!

"ބޭބެއަށް ގޭގައި ނުހުރެވިގެން އައީ، ދަރިން ބުނި ނުދާށޭ، އެކަމަކު ކިހިނެއް މި ގަޑީގައި ގޭގައި ހުންނާނީ، މީ ހުކުރު ގަޑި،" އިސްލާމީ މަރުކަޒު ކައިރީގައި ލޮލުން ފެންކަޅިވެފައި ހުރި އުމުރުން ދުވަސްވީ ބޭބެއަކު އޭނާގެ މިއަދު އިހްސާސްތައް ކިޔައިދިނެވެ.

ބޭބެ ހުރީ އިސްލާމީ މަރުކަޒާ ދިމާލަށް ބަލަހައްޓައިގެންނެވެ؛ އެހެންޏާ ފެންނަ ހިތަށް ފިނިކަން ގެނެސްދޭ އިސްލާމީ ރީތީ އަހްލާގުގެ މަންޒަރުތައް ހިތަށް ގެންނާށެވެ؛

އެއް މުސްލިމަކު އަނެއް މުސްލިމަކާ ސަލާމްގަލާންކޮށްލައި ހިނިތުންވެލާ މަންޒަރެވެ. ބައްޕަގެ އިނގިލި ކުރީގައި ހިފާ ދަމަމުން ދަރީން މިސްކިތަށްދާ މަންޒަރެވެ. މިސްކިތުގައި ކުދީން ކޮޅުކޮޅަށް ދުވެ ނަގާ މަންޒަރެވެ. ކާފަގެ އަތުގައި ހިފައިގެން ޒުވާނުން މިސްކިތަށް ވަންނަ މަންޒަރެވެ. ބިދޭސީން ސަފު ހަދާފައި ޖަމާވާ މަންޒަރެވެ. ޒުވާނުން ގުރޫޕް ހަދާފައި މިސްކިތަށް އަންނަ މަންޒަރެވެ.

މިއަދު އެ މަންޒަރުތަކެއް ނުކުރެހުނެވެ. މިއަދު މުޅި ތަން ފަޅަށެވެ. ދެ ތިން މީހަކު ނޫނިޔާ މިއަދު މިސްކިތަކަށް ނުދެ އެވެ. ދިޔަ މީހަކު ވެސް މެންދުރު ނަމާދު އެކަނިކޮށްލައިގެން ފައިބައިގެން ދަނީ އެވެ. އެތައް ޒަމާނެއްސުރެ ހުކުރު ދުވަހުގެ މި ގަޑީގައި މާލެ ގުގުމާލައި ހުތުބާގެ އަޑެއް ނެތެވެ. މުޅި މާލެ ފަޅަށެވެ.

ބިހުރޯޒު ކަމަނާ މިސްކިތް ކުރިމަތީގައި ހާސްވެ، ކަންބޮޑުވެފައި ބިދޭސީންތަކެއް ތިއްބެވެ. ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެމީހުން އަބަދުވެސް ހުކުރު ކުރަނީ އެ މިސްކިތުގަ އެވެ. މިއަދު އެ ތަނުގައި އެއްވެސް މީހެއް ނެތެވެ. އެ ބިދޭސީން ތިބީ މި ވާނުވާއެއް ނޭނގި ވަރަށް ހާސްވެފަ އެވެ.

"އަހަރެންނަށް ނޭނގެނީ ހުކުރު ނުކުރަނީކަން، މީ ވަރަށް ދެރަ،" އެތަނުން އެކަކު ބުންޏެވެ.

މިއަދު ގިނަ މިސްކިތްތައް ކައިރީގައި ބިދޭސީން މުސައްލަ ހިފައިގެން ތިއްބެވެ. ފަހަރުގައި އެމީހުންނަށް އެންމެ ރަނގަޅަށް މައުލޫމާތު ފޯރާފައިނުވަނީ ކަމުގައި ވެދާނެ އެވެ. ނޫނީ އެމީހުންނަށް ވެސް ހުކުރު ދުވަހު މިސްކިތަށް ނުގޮސް ކެތްނުވީ ކަމުގައި ވެސް ވެދާނެ އެވެ. ނޫނީ ގޭގައި ނަމާދު ކުރެވެން ނެތުމުން މެންދުރު ނަމާދުކޮށްލުމަށް ދިޔައީ އެވެ. ބައެއް މިސްކިތްތަކުގައި ބިދޭސީން ވަރަށް ގިނަ އެވެ.

ހާސްވެ ކަންބޮޑުވެފައި ތިބި ބިދޭސީންނަށް މިއީ ރާއްޖޭގައި އެމީހުންނަށް ފެންނާނެ މަންޒަރެއް ކަމެއް ނުދެ އެވެ. އެއް މިސްކިތުގައި ހުކުރު ނުކުރާކަން އެނގި، އަނެއް މިސްކިތަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަދި ހުކުރު ކުރާނެ ކަމަށް އެންމެ ފަހު ވަގުތާ ޖެހެންދެން އިންތިޒާރުގައި ވެސް ބައެއް މީހުން ތިއްބެވެ.

ހުކުރު ގަޑީގައި މާލޭގެ މަގުމައްޗާ އެއްކޮށް ނަމާދު ކުރާ މީހުންނައިގެން ފުރިފައި އޮންނައިރު މިއަދު އެ މަގުތައް މަތީގައި މީހަކު ނެތެވެ. ކުލަކުލައިގެ މުސައްލަތައް މަގުމަތީ ފަތުރާލާފައެއް ނެތެވެ. މުސައްލަތައް ހިފައިގެން ބިދޭސީން ކޮޅުކޮޅަށް ހިނގި ނަމަވެސް ދިވެއްސަކު ހަމަ ނުފެނެ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް މާލޭގައި ހުކުރު ނުކުރި ފުރަތަމަ ދުވަހެވެ. މި ހާލަތަށް ދިޔައީ ކޮވިޑް-19ގެ ބިރާއެކު އެވެ. އެއްވެ އުޅުން އެއީ މިހާރު އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިސްކިތަށް ކިތަންމެ ދާހިތްވިޔަސް މި ވަގުތު ނަމާދު ކުރަންވީ ގޭގަ އެވެ.

"ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާ، ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާ،" ބަންގީގެ ފަހަތުގައި ގޮވާ މި ގޮވުމަށް ތަބާވާން ޖެހެ އެވެ. ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުން މިކަމުގައި ސަމާލުކަން ދޭން ޖެހޭނެ އެވެ.

ދީނީ އިލްމްވެރިން ވެސް ބާރު އަޅުއްވަނީ އެގޮތަށެވެ. އެގޮތުން ފަތުވާ މަޖިލީހުން ވެސް ވަނީ ހުކުރު ނަމާދު މި ވަގުތު ނުކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެ ފަތުވާ ނެރުއްވާފަ އެވެ.

ފެންކަޅިވެފައި ހުރި ބޭބެއަށް އެ މެސެޖް ފޯރުކޮށްދިނީމެވެ. "މިވަގުތަށް އޮތް ގޮތް ދޯއޭ،" ބުނެ ބޭބެ ވެސް ހިނގައިގަތީ ގެއާ ދިމާލަށެވެ. ނަމަވެސް މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ.