މާލޭގައި މަގުތަކުގެ ހަލޮބަލިކަމަށް ބަދަލެއް ނައިސް ހިނގަމުން ދަނިކޮށް، މާލެއިން މީހަކު ޕޮޒިޓިވް ވުމުން، މިދިޔަ ބުދަދުވަހު ލޮކްޑައުން އިއުލާން ކުރުމުން، އާންމުން ދުއްވައިގަތީ ފިހާރަތަކަށެވެ. ގޭބިސީތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށެވެ. އެންމެ އާންމު އެއްޗަކަށް ގަތީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ.
ގިނަ ބަޔަކު އެއްވަގުތެއްގައި ފެން ގަނެގެން ފިހާރަތަކުން ފެން ހުސްވި އެވެ. ބޭނުން ޖެހިފައި ތިބި އެންމެންނަށް ފެން ފޮދެއް ނުލިބި، ގިނަ ބަޔަކު ހުސްއަތާ ނުކުމެގެން ދިޔައީ އެވެ.
ލޮކްޑައުންގައި ފެނަށް އޯޑަރު ކޮށްގެން، ޑެލިވަރީ ލަސްވުމުން އާންމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާ އަށް އޮއްސާލި އެވެ. ނަމަވެސް ހަގީގަތަކީ އަހަރެމެންނަށް އެކަމާ ޝަކުވާ ކުރެވެން ނެތް ކަމެވެ. ފުޅީގައި ބަންދު ކޮށްފައި ހުންނަ، ފެނަށް ވުރެ މާ ރައްކާތެރި ފެނެއް އަހަރެމެން ދިރިއުޅޭ ގޭބިސީތަކުން 24 ގަޑިއިރު ވަންދެން ލިބިލިބި އެބަހުއްޓެވެ. އިސްކުރު ފެންނަ ނުވަތަ ސަޕްލައި ފެނަކީ ބޯން ރައްކާތެރި ފެނެކެވެ. ސިއްހީ ދާއިރާގެ އޮފިޝަލުން އެ ފެނަކީ ރައްކާތެރި ފެނެއް ކަމުގެ "ސީލް" ޖަހާފައިވާ ފެނެކެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، އޭނާވެސް ބޮނީ، އިސްކޫރު ފެން ކަމަށެވެ.
"އަޅުގަނޑުމެންވެސް ބޮނީ އިސްކުރުފެން. މިހާރު އަހަރެއްވެދާނެ." ޓްވިޓާގައި ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ ން ފޯރުކޮށްދޭ ސަޕްލައި ފެނަކީ، ރައްކާތެރި ފެނެއް ނޫންކަމަށް އުފައްދާފައި އޮންނަ ސުވާލާ ގުޅިގެން، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނަކީ ރައްކާތެރި ބޯފެން ކަމަށް ހައްދަވައި ދެއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމްޑަބްލިއުއެސްސީގެ ސަޕްލައި ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމަށް، ކަށަވަރު ކޮށްދެވީ، އެކުންފުންޏަށް ރައީސް ސޯލިހް ފުރަތަމަ އައްޔަން ކުރެއްވި އެމްޑީ، އާދަމް އާޒިމެވެ.
"އަޅުގަނޑުމެން މި ކުންފުނިން ގޭގެއަށް މި ފޮނުވައި ދެނީ ޑްރިންކިން ވޯޓާ، އެއީ ހަމަ ރައްކާތެރި ޑްރިންކިން ވޯޓާ," އެމްޓީސީގެ މިހާރުގެ އެމްޑީ އާދަމް އާޒިމް، އެމްޑބަލިއުއެސްސީގެ އެމްޑީ ކަމުގައި ހުންނަވި ދުވަސްވަރު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑު މިއީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫންތޯ؟ އަޅުގަނޑު 10 އަހަރުވެއްޖެ މި ކުންފުނީގެ އިސްކުރު ފެން ބޯތާ، ރައީސްގެ ވައުދުތަކުގެ ތެރޭގައި އެ ކަން އޮތިއްޔާ އެ ވައުދު އެއޮތީ ފުދިފައި."
ފުޑްއެންޑް ޑްރަގު އެތޯރިޓީގެ ސީނިއާ އޮފިޝަލަކު، ވިދާޅުވީ، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނުގެ ޓެސްޓްތަކެއް، މިދިޔަ އަހަރު އެޗްޕީއޭއާ ގުޅިގެން ހަދާފައިވާ ކަމަށެވެ. އެ ޓެސްޓްތަކުންވެސް ސަޕްލައި ފެނަކީ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން މިންގަނޑަށް ފެތޭ ފެން ކަމަށް ކަށަވަރު ކުރެވުނު ކަމަށެވެ.
"ޑަބްލިއުއެޗްއޯގެ ސްޓޭންޑަޑަށް ފެތޭ ބޯން ރައްކާތެރި ފެނެއް ކަމަށް ޓެސްޓްތަކުން ދެއްކީ." ފުޑް އެންޑް ޑްރަގު އެތޯރިޓީ އޮފިޝަލް ވިދާޅުވި އެވެ.
އެންވާރްމެންޓް މިނިސްޓްރީން ދަނީ، ސަޕްލައި ފެން ބޯން، އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓްތަކުގައި ވަނީ، ސަޕްލައި ފެނުގެ ޑޭޓާތައް ހިމެނައި، އެ ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމަށް ކަށަވަރު ކޮށްދީފަ އެވެ.
ސަޕްލައި ފެން ކަމުނުދާ ކަމަށް ބުނަނީ ކީއްވެ؟
ސަޕްލައި ފެން ކަމުނުދާ ވާހަކަ އާންމުންގެ ދޫމަތިން އަޑު އިވެއެވެ. އެހެންނަމަވެސް، ސައިންޓިފިކްލީ ހެދި އެއްވެސް ޓެސްޓަކުން އެއީ ކަމުނުދާ ފެނެއް ކަމެއް ހާމަވެފައެއް ނުވެ އެވެ. ދެން އާންމުންނަށް އެފެން އެހާ ކުމުނުދަނީ ކީއްވެ؟
ފަނަރަވަރަކަށް އަހަރު ކުރީގައި، މާލޭގައި ބޯން ބޭނުން ކުރީ ސަޕްލައި ފެނެވެ. ފުޅިގައި ބަންދުކޮށްފައި ހުންނަ، "މިނަރަލް ވޯޓާ" އާންމުކޮށް ބޭނުމެއް ނުކުރެ އެވެ. އަދި އާންމުންގެ ތެރޭގައި އެ ފެނުގެ ވާހަކަ އެހާ މަޝްހޫރެއްވެސް ނޫނެވެ. އާންމުންނަށް އެންމެ ކަމުދަނީވެސް "ސަޕްލައި ފެނެވެ." ދެން ސަޕްލައި ފެން ކަމު ނުގޮސް، ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފޭވަރިޓަކަށްވީ ކީއްވެހެއްޔެވެ.
"މިނަރަލް އަޅަފާއި ހުންނަ ފެން ފަސޭހަ ކަމާއެކު އާންމުންނަށް ލިބެން ފެށި ފަހުން، އެފެން ބޯން އާދަވީމަ ދެން އެ ފެން މީރު ފެނަކަށް ވެގެން މިއުޅޭނީ." މިކަމާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން އޮފިޝަލަކު ވިދާޅުވި އެވެ. "ސަޕްލައި ފެން ވެސް ބޯން އާދަ ކޮށްފިއްޔާ އެ ފެނަކީވެސް މީރު ފެނަކަށް ވާނެ."
ޑރ. ފައިސަލްގެ ޓްވީޓަށް ޖަވާބު ދިން، ޒުވާނަކު ޓްވިޓާގައި ލިޔެފައި ވަނީ މިހެންނެވެ. "އަހަރެމެން ހަނދާންވީއްސުރެ މި ބޮނީ އިސްކުރު ފެން, އަދި الله ގެ ރަހުމަތުން ބައްޔެއްވެސް ނޫން, ސިއްހީ އެއްވެސް މައްސަލައެއް ދިމާ ނުވޭ! ގަދަވެ ހެޔޮހާލުގަ މި އުޅެނީ."