ކުޅިވަރު

ޓީ20 މުބާރާތަށް ތައްޔާރުވާން ކްރިކެޓް ޓީމު ލަންކާއަށް!

އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން ގައުމީ ކްރިކެޓް ޓީމު އަވަށްޓެރި ސްރީލަންކާއަށް ހިނގައްޖެ އެވެ.

ލަންކާގެ އެކި ލެވަލްގެ ކުލަބުތަކާ ދެކޮޅަށް ގައުމީ ޓީމުން ފަސް މެޗެއް ކުޅޭނެ އެވެ. ޕާކިސްތާނަށް އުފަން ދެކުނު އެފްރިކާއަށް ނިސްބަތްވާ ކޯޗް އާސިފް ހާންގެ ބެލުމުގެ ދަށުން ގައުމީ ޓީމުން ތައްޔާރު ވަމުން ދަނީ އަންނަ މަހު ގަތަރުގައި ބާއްވާ އޭސީސީގެ ހުޅަނގު ޒޯންގެ ޓީ20 މުބާރާތަށެވެ.

މާލެއިން ފުރުމުގެ ކުރިން، ގައުމީ ކޯޗް އާސިފް ހާން ބުނީ، ލަންކާގައި ކުޅޭ މެޗުން، ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ދެނެގަންނަން އޭނާއަށް ފަސޭހަ ވާނެ ކަމަށެވެ. ވޭތުވެދިޔަ އެއް މަސްތެރޭ ގައުމީ ޓީމުން ވަނީ ކްރިކެޓް އިންޑޯ ހޯލްގައި ޓްރެއިނިންތައް ކުރިއަށް ގެންގޮސްފަ އެވެ.

"މި މެޗުތަކުން އަހަންނަށް އެނގިގެންދާނެ ކުޅުންތެރިންގެ ފެންވަރު، އަދި މުބާރާތަށް ފައިނަލު ސްކޮޑު ނެގުމަށްވެސް އަހަންނަށް ފަސޭހަ ވެގެންދާނެ." އައިސީސީ ކޯޗިން ލެވަލްގެ އެންމެ މަތީ ބެޖު ހާސިލު ކޮށްފައިވާ އާސިފް ހާން ބުންޏެވެ.

ހުޅަނގު ޒޯން މުބާރާތުގައި ރާއްޖެއާ ވާދަ ކުރާނީ ގަލްފުގެ ފަސް ގައުމު ކަމަށްވާ، މުބާރާތް ބާއްވާ ގައުމު، ގަތަރާއި ސައުދީ އަރަބިއްޔާ، ކުވައިތު، ބަހްރެއިން އަދި އިރާން އެވެ.

ޓްރެއިނިން ކޭމްޕްގައި، ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިއަދު ކުޅޭނެ އެވެ. ޓްރެއިނިން ކޭމްޕް ނިމުމަށް ފަހު ގައުމީ ޓީމު މާލެ އަންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ.