މީހުން

ރޮކެޓް ވުމަން: ރިހަ ކައްކައިގެން، ދިޔައީ މާސްއަށް

ޖައްވީ އުޅަނދެއް އޯބިޓް ތެރޭގައި ދައުރުވަމުންދާ ގޮތް ދިރާސާކޮށް ބަލަމުން، އަށް މީހުނަށް ހެނދުނާއި ރޭގަނޑު ކާންދީ ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓިދާނެ ހެއްޔެވެ؟ ބީޕީ ދަކްޝަޔާނީ މިކަން ކުރި އެވެ. އޭނާގެ ދުވަސް ފެށެނީ ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު އެވެ. އޭނާއަކީ އިންޑިއާގެ ޖައްވީ އިދާރާގައި ފްލައިޓް ޑައިނެމިކްސް އެންޑް ސްޕޭސް ނެވިގޭޝަންގެ ވަޒީފާ އަދާކުރި މީހެކެވެ.

ދަކްޝަޔާނީ މަޝްހޫރުވީ ރެކޮޓް ވުމަން ނުވަތަ ވުމަން ފްރޮމް މާސްގެ ނަމުންނެވެ. ތިރިން ތި ފެންނަ ފޮޓޯއަކީ މީގެ ހަތަރު އަހަރުކުރިން އިންޑިއާގެ ޖައްވީ އުޅަނދެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު މާސްގެ އޯބިޓުގެ ތެރެއަށް ވަނުމާއެކު އެކަމަކުގެ އުފާފާޅުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯއެކެވެ. އެ ކާމިޔާބު މަސައްކަތުގެ ހަގީގީ މޭސްތިރިންނަކީ މި އަންހެނުންނެވެ.

ދަކްޝަޔާނީއަކީ މި ވަރުގަދަ އަންހެނުންގެ ތެރެއިން އެކަކެވެ. މި ޓީމުގެ ރޫހާނީ ލީޑަރަކީ އޭނާ އެވެ. އެ ޖައްވީ އުޅަނދު ދާއްވީ މިސްރާބައި އެ މިސްރާބުން ބޭރުވިޔަ ނުދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރުމުގައި މި ޓީމުގެ މުގުލުގައި ހުރީ އޭނާ އެވެ. އެމީހުން ސިފަކުރާ ގޮތުގައި އެ މަސައްކަތަކީ އިންޑިއާގައި ހުރެފައި ފޮނުވާލި ގޮލްފް ބޯޅައެއް، ލޮސް އެންޖެލަސްގައި އިން ހޮރަކަށް ފޮނުވާލުންހާއި އުނދަގޫ ކަމެކެވެ.

ސައިންސްއާއި ޖައްވީ ތަފާތު އިލްމުތަކަށް އޭނާގެ ޝައުގުވެރިކަން ކުޑައިރުއްސުރެ ހުރެ އެވެ. އިންޑިއާގެ ކަރްނަކާޓާގެ އަވަށަކަށް އުފަން ދަކްޝަޔާނީ، މި ދާއިރާއިން ކުރިއަށް ދިއުމަށް ދުށް ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު ހިތްވަރެއްދިނީ އޭނާގެ ބައްޕަ އެވެ. މި ހުވަފެނުގައި އުއްމީދުގެ ހިތްވަރު ޖައްސައިދިނީ، އޭނާގެ ގެ ކައިރީގައި އުޅުނު އަވައްޓެރި އަންހެނެކެވެ. އެ އަންހެން މީހާއަކީ އޭރު އެ އަވަށުގައި އިންޖީނިއަރިން ކިޔައިވެގެން ހުރި ހަމައެކަނި މީހާ އެވެ.

އެއީ ފަސްދޮޅަހުގެ އަހަރުތަކެވެ. އަންހެނުން ކުދިން ތައުލީމު އުނގެނުމަކީ އޭރު އެހާ މުހިންމު ކަމެއް ކަމަކަށް ގިނަ މީހުން ނުދެކެވެ. އެކަމަކު ދަކްޝަޔާނީ ބައްޕަ - އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރި މީހެއް - ގެ ވިސްނުމާއި މުޅިން ހިލާފެވެ. އޭނާ ބޭނުންވީ ދަކްޝަޔާނީއަށް މަތީ ތައުލީމު ދިނުމަށެވެ. އިންޖީނިއަރިންގެ ދާއިރާއިން ޑިގްރީ ފެންވަރަށް ދަކްޝަޔާނީއަށް ކިޔަވައިދިނެވެ. އެ އަހަރު ޑިގްރީ ކޯހުން އެންމެ މަތިން ފާސްވީވެސް އެނާ އެވެ.

ޑިގްރީއަށްފަހު ބައްޕައާއި ދެމެދުގައި އެކަމަކު ދެބަސްވުންތަކެއް އުފެދުނުވެ. އެއީ ދަކްޝަޔާނީ މާސްޓާ ޑިގްރީއަށް ކިޔަވަން ބޭނުންވުމުން އޭނާގެ ބައްޕަ އެކަމާއި ދެކޮޅު ހެދުމުންނެވެ. ޑިގްރީއަކުން އަންހެން ކުއްޖަކަށް ފުދޭނެ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. ނަމަވެސް އޭނާ ގޮތެއް ދުލެއްނުކުރި އެވެ. މާސްޓާސް ޑިގްރީ ކޯސް ހަދާއި އެ ކޯހުންވެސް އެންމެ މަތީ ފާސް ހޯދި އެވެ. އެ ކޯހަށްފަހު ކޮލެޖެއްގައި ހިސާބު ޓީޗަރެއްގެ ވަޒީފާ އަދާކުރި އެވެ.

އެކަމަކު ސައިންސާއި ޖައްވީ ކަންކަމަށް ދަކްޝަޔާނީގެ އޮތް ޝައުގުވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އެ ދާއިރާއާއި ގުޅުންހުރި ވަޒީފާއެއް އަދާކުރުމަށް އޭނާ ފެންބޮވައިގެންފައި ހުއްޓާއި އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯއިން ވަޒީފާއެއް ލިބުނެވެ. އެއީ 1984 ވަނަ އަހަރު އެވެ. އޭނާގެ ވަޒީފާއަކަށްވީ އޯބިޓަލް ޑައިނެމިކްސް ނުވަތަ ޖައްވީ އުޅަނދުތަކުގައި ހުންނަ މައްސަލަތައް ދެނެގަތުމުގެ ވަޒިފާއެކެވެ. މިއަދު އޭނާއަކީ އެ ދައިރާއިން ސްޕެޝަލިސްޓެކެވެ.

ދަކްޝަޔާނީއަށް އިތުރު ވަޒީފާއެއްވެސް ހަވާލުކުރި އެވެ. އެއީ ކޮމްޕިއުޓާ ޕްރޮގުރާމިންގެ ވަޒިފާއެކެވެ. ނަމަވެސް އެކަންވީ އޭނާއަށް އެންމެ އުނދަގޫ މަސައްކަތަށެވެ. ސަބަބަކީ އެއީ އޭނާއަށް ކޮމްޕިއުޓަރެއް ހަމަ ލޮލަށް ފެނުނު ފުރަތަމަ ފަހަރަށްވުމުންނެވެ. އޭރު އިންޑިއާގައި އާންމުންގެ މީހުން ކޮމްޕިއުޓަރު ބޭނުންކޮށެއް ނޫޅެ އެވެ. ކޮމްޕިއުޓަރާއި ކުޅެން އެނާ ދަސްކުރީ އެކަމާއި ގުޅުންހުރި ފޮތްތައް ކިޔައިގެންނެވެ.

އިސްރޯގައި ދަކްޝަޔާނީ ވަޒީފާ އަދާކުރަން ފެށިތާއި އަހަރެއްވިތަނާހެން އޭނާގެ މައިންބަފައިން އޭނާގެ ކައިވެނި ކުރުވި އެވެ. އޭއާއެކު އޭނާއަށް ތިން ވަނަ ވަޒީފާއެއް އަދާކުރަންޖެހުނެވެ. ބޮޑު ވަޒިފާއެކެވެ. ބޮޑު ގެއެއް ބެލެހެއްޓުމުގެ ވަޒީފާ އެވެ. އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ މައިންބަފައިން އަދި ފިރިމީހާގެ އެއްބަނޑުއެއްބަފާ ފަސް ކުދިންގެ ބަލަންޖެހުނީ އެވެ. އެމީހުނަށް ކާންދީ ބޯންދީ އަދި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރީ، ކޮންމެ ދުވަހަކު އޮފީހަށް ދަމުން ވަރުބަލިކަމެއް ނެތި އެވެ.

"ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން އަހަރެން އަށް މީހުނަށް ކެވޭނެ ވަރަށް ނާސްތާ ތައްޔާރުކުރަން، އެއީ އެހާ ފަސޭހަ ކަމަކަށް ނުވި، އަނެއްކާ ނާސްތާއަށް ޗަޕަތި (އިންޑިއާ މީހުން ކާ ރޮއްޓެއް) ކޮންމެހެންވެސް ހުންނަންޖެހޭ، ރިހަ ކައްކަން ޖެހޭ، މިއީ ވަރަށް ވަގުތު ހޭދަވާ ކަންކަން، އޮފީހަށް ކޮންމެ ދުވަހަކު ދަނީ އެންމެނަށް ކައްކާ ކާންދީފައި، އަދި ރޭގަނޑު ގެއަށް އައިއްސަވެސް އެންމެނަށް ކައްކަންޖެހޭ،" ދަކްޝަޔާނީ ބުންޏެވެ.

މާ ގިނަ އަހަރުތަކެއް ނުވެ ދަކްޝަޔާނީއަށް ކުއްޖަކުވެސް ލިބުނެވެ. އޭނާގެ ދެ ކުދިން ހުރެ އެވެ. ދެ ކުދިން ލިބުމާއެކު މަސައްކަތް އިތުރަށް ބުރަވެގެންދިޔަ އެވެ. ގިނަ ރޭތަކުގައި އޭނާއަށް ނިދޭ ވަރުވެސް ވަނީ އެކެއް ދޭއް ޖަހާ ފަހުންނެވެ. މިހާރު އެ ކުދިން ބޮޑުވެ، މަންމަ ކައިރިން މިސާލު ނަގައި، އެމެރިކާގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެ ދެ ކުދިންނަކީވެސް އިންޖީނިއަރުންނެވެ.

ދަކްޝަޔާނީ އަދިވެސް ބޭނުންވަނީ މާސްއާއި ބެހޭގޮތުން އިތުރު ދިރާސާތައް ކުރާށެވެ. އެއްކޮށް ރިޓަޔާވުމުގެ ހިޔާލެއް އޭނާ ނުގެންގުޅެވެ. އޭނާ ބުނާގޮތުގައި ހަމައެކަނި މި ވަޒީފާ އަދާކުރުމަށްޓަކައިވިޔަސް އޭނާ ދުނިޔޭގައި ހުންނަ ބޭނުންވާ ކަމަށެވެ.