ޓެކްނޯލޮޖީ

އެސް9 ގެ މައްޗަށް ނޯޓް9 ގަދަވާ ސަބަބު!

ސެމްސަންގުން އެ މީހުންގެ "ގެލެކްސީ ނޯޓް" ސީރީޒްގެ އާ ފޯނު "ގެލެކްސީ ނޯޓް 9" ތައާރަފު ކުރީ މިދިޔަ މަހު ނުވައެއްގަ އެވެ. މިހާރު މި ފޯނަށް ޕްރީ އޯޑާ ނަގަން ވެސް ވަނީ ފަށާފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިނިއުކޭޝަންގެ ދެ ކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫއިން ވެސް ވަނީ ރާއްޖޭގެ ކަސްޓަމަރުންނަށް ޕްރީ އޯޑާއަށް މި ފޯނު ނަގައިދޭން ފަށާފަ އެވެ.

މިދިޔަ އޭޕްރީލް މަހު ސެމްސަންގުން ވަނީ ގެލެކްސީ "އެސް 9" އާއި "އެސް 9 ޕްލަސް" ވެސް ނެރެފަ އެވެ. އެ ފޯނުތަކާއި އަޅާ ބަލާއިރު ފަހުގެ ފޯނު ވަނީ ބޮޑުތައް ރަނގަޅުކޮށްފަ އެވެ. އެ ފޯނުތަކުގެ މައްޗަށް "ނޯޓް 9" ގަދަވާ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ.

ބޮޑު ޑިސްޕްލޭއެއް

ސްމާޓްފޯނެއްގެ ޑިސްޕްލޭއަކީ އޭގެ އެންމެ މުހިންމު އެއް ފީޗާ އެވެ. ފޯނުގެ މޮޅުކަމާއި ރީތިކަން އެންމެ ބޮޑަށް ދައްކުވައި ދެނީ ޑިސްޕްލޭއިންނެވެ. އެސް 9 ގެ ފޯނުތަކަށްވުރެ، ނޯޓް 9 ގެ ޑިސްޕްލޭ ބޮޑެވެ. ދިގުމިނުގައި 6.4 އިންޗި ހުންނަ މި ޑިސްޕްލޭއަކީ ކުއަޑް އެޗްޑީ ސުޕަ އެމޯލެޑްގެ ޑިސްޕްލޭއެކެވެ.

ޗާޖު ގިނައިރު ހިފަހައްޓާނެ

ނޯޓް 9 ގައި 4000 އެމްއޭއެޗްގެ ބެޓަރީއެއް އިނދެ އެވެ. މިއީ އެސް 9 ގެ ފޯނުތަކާއި އަޅާބަލާއިރުގައި ބޮޑު އަދަދެކެވެ. އެސް 9 ގައި އިންނަނީ 3000 އެމްއޭޗް ބެޓަރީއެއް އަދި އެސް ޕްލަސް 9 ގައި އިންނަނީ 3500 އެމްއޭއެޗްގެ ބެޓަރީއެކެވެ.

ވީޑިއޯ ބަލާނަމަ ނޯޓް 9 ގެ ބެޓަރީ އާންމުކޮށް ހިފަހައްޓާނީ 17 ގަޑިއިރާއި 20 ގަޑިއިރާއި ދެމެދުގަ އެވެ. އަދި ހަމައެކަނި ވާހަކަ ދައްކާނަމަ 31 ގަޑިއިރާއި 35 ގަޑިއިރާއި ދެމެދުގައި ހިފަހައްޓާނެ އެވެ.

ފޯނުގެ ސްޓޯރޭޖްވެސް ބޮޑު

ފޯނެއް ގަންނައިރު އެންމެ ކަންބޮޑުވާނީ މިކަމާއި މެދުގަ އެވެ. ނޯޓް 9 ގައި މިކަމާއި މެދުގައި ކަންބޮޑުވާކަން ނުޖެހޭނެ އެވެ. މި ފޯނުގެ ބިލްޓްއިން ސްޓޯރޭޖް އުޅެނީ 128 ޖީބީ އާއި 512 ޖީބީ ދެމެދުގަ އެވެ. އަދި މި ފޯނަށް 512 ޖީބީގެ މެމޮރީ ކާޑްވެސް ލެއްވޭނެ އެވެ. އެއާއެކު މި ފޯނުގައި އެއް ޓްރައިބައިޓްގެ އެއްޗެހި ސްޓޯރުކުރެވޭނެ އެވެ.

އެސް 9 އާއި އެސް 9 ޕްލަސް ގެ ބިލްޓް އިން ސްޓޯރޭޖުގައި ހުންނަނީ 64 ޖީބީ އެވެ. އަދި އެންމެ ބޮޑުވެގެން ލެއްވެނީ 400 ޖީބީގެ މެމޮރީ ކާޑެކެވެ.

ސްޕީޑް ފާސްޓުވާނެ

އެސް 9 ފޯނުތަކުގައި ރޭންޑަމް އެކްސެސް މެމޮރީ ނުވަތަ ރޭމް އުޅެނީ 4 ޖީބީ އާއި 6 ޖީބީގެ ދެމެދުގައި އެވެ. ފޯނުގެ ސްޕީޑް ބިނާވަނީ ރޭމްގެ ސައިޒަށެވެ. ރޭމް ބޮޑުވި ވަރަކަށް ފޯނުން ކުރާ މަސައްކަތައް ފަސޭހައިން އަވަހަށް ކުރެވޭނެ އެވެ. ނޯޓް 9 ގައި 6 ޖީބީ އާއި 8 ޖީބީގެ ދެމެދުގެ ރޭމްއެއް އިންނާނެ އެވެ. އެހެންކަމުން މި ފޯނު ފުދޭވަރަށް ފާސްޓުވާނެ އެވެ. ފޯނުން ގިނަ މަސައްކަތްކުރާ މީހުންނަށާއި އަދި ގޭމް ކަހަލަ އެއްޗެހި ކުޅޭ މީހުނަށް މި ފޯނާއެކު ބޮޑުތައް ފަސޭހަވެގެންދާނެ އެވެ.

ހާއްސަ ފީޗާއަކަށް، "އެސް ޕެން" އެއް

މިއީ ސެމްސަންގެ ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކާއި ގެލެކްސީ ނޯޓް ސީރީޒްގެ ފޯނުތަކާއި ދެމެދުގައި އެންމެ ބޮޑު ފަރަގެއް ދައްކުވައިދޭ ފީޗާ އެވެ. "ދި އެސް ޕެން" އެވެ. މިއީ ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކުގައި އިންނަ ފިޗާއެއް ނޫނެވެ.

ނޯޓްގެ އާ ފޯނާއެކު "އެސް ޕެން" މިފަހަރު ތައާރަފުކުރީ ކުރިއަށްވުރެ ބޮޑުތައް ފެންވަރު ރަނގަޅުކޮށެވެ. މި ފަހަރު ވޯޓާ ރެސިސްޓެންޓުކޮށެވެ. ފެނުގެ ފަސް މީޓަރު އަޑީގައި 30 މިނެޓް ހަލާކުނުވެ މި ޕެން އޮންނާނެ އެވެ. އަދި އެންމެ 40 ސިކުންތުގެ ތެރޭގައި މި ޕެން 30 މިނެޓް ބޭނުންކުރެވޭނެ ވަރަށް ޗާޖުކޮށްލެވޭނެ އެވެ.

ނޯޓް 9 އިން ފޮޓޯ ނެގުމަށް މި ޕެން ރިމޯޓެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ އެވެ. މިއުޒިކާއި ވީޑިއޯ ޕްލޭކުރުމަށް އަދި ފޮޓޯއާއި ވީޑިއޯތަކުގައި ކުރެހުމާށާއި ގިފްސް ހެދުމާއި އަދި މެސެޖުތައް ލިޔުމަށްވެސް މި ޕެން ބޭނުންކުރެވޭނެ އެވެ. ސެމްސަންގެ ނޯޓް އެޕްސްތަކުގައިވެސް މި ޕެން ބޭނުންކުރެވޭނެ އެވެ.

މުޅިން އާ އެންޑްރޮއިޑްގެ ވާޝަންއަކާއި އެކުގައި

މިއީ އެހާ ބޮޑު ތަފާތެއް ނޫނެވެ. އެސް 9 އަދި އެސް 9 ޕްލަސް ފޯނުތަކުގައި ބޭނުންކުރަނީ އެންޑްރޮއިޑް 8.0 އޯރީ އެވެ. އެކަމަކު ނޯޓް 9 ނިކުންނަނީ އެންޑްރޮއިޑް 8.1 އާއެކު އެވެ. މި ދެ ވާޝަންގައިވެސް މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ. ގޫގުލް އިން ތައާރަފުކުރި އޮޕަރޭޓިން ސިސްޓަމް ކަމުގައިވާ، އެންޑްރޮއިޑްގެ އެންމެފަހުގެ ވާޝަން އެންޑްރޮއިޑް 9.0 ޕައި އަދި މި ދެ ފޯނަށްވެސް ސަޕޯޓެއް ނުކުރާނެ އެވެ.