ޔުވެންޓާސް

ޔުވެންޓަސްގައި ރޮނާލްޑޯއަށް އަދިވެސް ލަނޑެއް ނުޖެހޭ

ކުޅުނު ތިން ވަނަ މެޗުގައި ޕާމާއާ ދެކޮޅަށް 2-1 ކާމިޔާބުކޮށް ޔުވެންޓަސް ތާވަލުގެ އެއް ވަނައިގައި ދަމަހައްޓައިފި އެވެ.

ޔުވެންޓަސް ކުޅުނު ތިން މެޗުން ވެސް، އެޓީމު ވަނީ މޮޅުވެފަ އެވެ. ނަމަވެސް 100 މިލިއަންގެ ޔުޜޯގެ ޓްރާންސްފާ ފީއަކަށް އެ ޓީމާ ގުޅުނު ޕޯޗްގަލްގެ ތަރީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަދި މިހާތަނަށް އެންމެ ލަނޑެއް ވެސް ޖެހިފަ އެއް ނުވެ އެވެ.

ރޭގެ މެޗުގައި، ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބު ކުރީ މާރިއޯ މަންޒޫކިޗް އާއި މަޓްއީޑީ އެވެ. މެޗު ފެށިގެން ފެށިގެން ދެ ވަނަ މިނެޓްގައި މަންޒޫކިޗް ވަނީ ޔުވެންޓަސްގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ 33 ވަނަ މިނެޓްގައި އައިވަރީ ކޯސްޓްގެ ގޮވީނޯ ވަނީ ޕާމާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޔުވެންޓަސްއިން ލިޑް ނެގީ މަންޒޫކިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި، މަޓުއީޑީ އެވެ.

ރޭ އިންޓަ މިލާން އާއި ބޮލަންޏާ އެފްސީ ކުޅުނު މެޗު، އިންޓަ ކާމިޔާބު ކުރީ 3-0 ންނެވެ.