ހަބަރު

"ރައީސް ޔާމީންގެ ކަންފަތްޕުޅުގައި ކޮންމެ މީހަކަށް ނުހިފޭނެ"

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ކަންފަތްޕުޅުގައި ކޮންމެ ކޮންމެ މީހަކަށް ނުހިފޭނެ ކަމަށާއި އެމަނިކުފާނަކީ ވަރަށް ގޮތުގައި ހުންނަވާ ވެރިއެއް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ޝަހީމް ވިދާޅުވީ، ކުރައްވަމުން ގެންދަވަނީ ހައްގު މަސައްކަތް ކަމަށާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ ރާއްޖޭގެ ދާއިމީ މަސްލަހަތާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރުމަށް މަސައްކަތް ކުރައްވަނީ އެސަބަބަށްޓަކައި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އިނގިވަޑައިގަންނަވާނެ ރައީސް ޔާމީން ވެރިކަމާ ހަވާލުވިރު ރާއްޖެ އޮތް ގޮތް، ވަރަށް ދެރަވަރު ގޮތަކަށް ރާއްޖޭގެ ކަންތައް އޮތީ، ރާއްޖޭގެ މުޖުތަމައު އޮތީ ބައިބައިވެފަ، ރާއްޖޭގެ މައްޗަށް ބޭރުގެ ނުފޫޒުތައް އިންތިހާއަށް އޮތް، ދިވެހި ދައުލަތުގެ އިގްތިސޯދު އޮތީ ފުނޑު ފުނޑުވެފަ، އިޖްތިމާއީ ގޮތުންނާއި އެހެން ގޮތުންމެ ރާއްޖޭގެ މުޖުތަމައު އޮތީ ގެއްލުންވެފައި،" ޝަހީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިކަންކަމުގެ ތެރެއިން މިއަދު މިހާ ހިސާބަށް ދިވެހި ދައުލަތް ގެންނަވައި ވަރަށް ހިކުމަތްތެރި ކަމާއެކު ރައީސް ޔާމީން ވެރިކަން ކުރުމަށް ގެންދަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ކަންފަތްޕުޅުގައި ކޮންމެ ކޮންމެ މީހަކަށް ނުހިފޭނެ، އެއީ އަޅުގަނޑު އެމަނިކުފާނަށް އެންމެ ބޮޑަށް ތާއީދުކުރާ އެންމެ ބޮޑު ސަބަބަކީ، ވަރަށް ގޮތެއްގައި ހުންނަވާ ވެރިއެއް ރައީސް ޔާމީނަކީ، އެހެންވީމަ ދެތިން މީހަކުވެގެން މުޒާހަރާ ކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލެއް ނުވާނެ ދެނެއް، އަދި ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ޝެއިހެއް ނިކުމެ ހުކުމް އިއްވައިގެން ވެރިކަން ވައްޓައެއް ނުލެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ކޯލިޝަންގެ ސަރުކާރު ތަކަކީ ކާމިޔާބު ސަރުކާރުތަކެއް ނޫން ކަމަށާއި ކޯލިޝަން ނުރޫޅޭނެ ކަމަށް ބުނަމުންދާ ބަޔަކީ އެންމެ އަވަހަށް ކޯލިޝަން ރޫޅާލާނެ މީހުން ކަމަށެވެ. އަދި ތަފާތު ނިޒާމްތަކަށް އެކުލެވިފައިވާ ކޯލިޝަނެއް ކާމިޔާބު ނުވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި މިހާރު ގާއިމްވެފައިވާ ސަރުކާރަށް މިހާރު މިދާ އުމްރާނީ ކުރިއެރުމާއި ތަރައްގީ ދަމަހައްޓަން، އެހެން ކަމުން އެގޮތަށް ދިވެހި ރައްޔިތުން މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން، އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ އެކަކު އަނެކު ވެރިކަމާހެދި ތޮޅޭނެ، އެމީހުން ނޯންނާނެ ދެވަނަ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަން ވެރިކަމަށް އަތުވެއްޖެނަމަ ގައުމު ކުރިއަރާކަށް އެފަރާތްތަކުން ބޭނުން ނުވާނެ ކަމަށާއި އެފުރުސަތު ނޯންނާނެ ކަމަށެވެ. އަދި މިއީ ދޮޅު އަހަރު ދުވަހުގެ ސަރުކާރެއް ކަމަށާއި ގާނޫނުތަކަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމެއް ގާއިމްކޮށް ގައުމު 15 އަހަރު ފަހަތަށް ވައްޓާލާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ކޯލިޝަންތައް އުފައްދައިގެން ފިތުނަ އުފެދޭ ގޮތަށް ފަތުވާދީގެން ވެރިކަން ވައްޓާ ނުލެވޭނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ކޯލިޝަންގެ ސައިޒް ކޯލިޝަނަށް ދެއްކުމަށްފަހު ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.