ވާހަކަ

ބުނެދޭށޭރުހެމޭ

(30 އޯގަސްޓް 2018 އާ ގުޅޭ)

"ހުވަފެނެއްތަ މީ... އަރްސަލް މީ ކޮންކަހަލަ ސަކަރާތެއް؟ އަރްސަލް ކައިވެނިކުރަން ބޭނުންނުވާއިރު ބައްޕައާ ހަމައަށް ކައިވެނީގެ ޚަބަރު ގެނައުން މުހިންމުތަ؟ އެއްމަސް ފަހުން އެހެން އަންހެންކުއްޖެއް ޢާއިލާއާ ބައްދަލުކުރަން ގެންނަން ނިންމާފައި އޮތްއިރު ބައްޕަގެ ކުރިމަތީ ކުޑަ ވެސް ލަދެއްނެތީތަ؟" އަރްސަލްއަށް ބަލަން އިން ނިމްރާގެ ހިތުގައިވިއެވެ.

ނިމްރާގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނަން އަރްސަލްއަށް އުނދަގޫވިއެވެ. އެންމެންގެ ހުނުމުގައި ނިމްރާ ބައިވެރިވިނުވިކަން ވެސް އޭނާއަށް ފާހަގަވިއެވެ. ބުމައަރުވާލައި ބޮލުން ނިމްރާއަށް އަރްސަލް އިޝާރާތްކޮށްލީ ސުވާލުކޮށްލާ ފަދައިންނެވެ. އެއާއެކު ދެފަރާތަށް ނިމްރާ ބޯހޫރާލައިފައި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. ނަމަވެސް އެ ހިނިތުންވުމުގައި ވަނީ ކަމެއް ފަރުދާކުރުމުގެ ގަސްދުކަން އަރްސަލް ދެނެގަތެވެ.

"ވަޓްސް ރޯންގް ސްކާލެޓް، އެންމެންގެ ރުހުމާއެކު އަވަހަށް ކައިވެނިކުރާކަށް ބޭނުމެއްނޫންތަ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވެނީތަ؟ ނޫނީ ކައިވެނިކުރަން އަދި އަވަހީތަ؟ ސްކާލެޓް... އަހަރެން ގާތު ހުއްޓާލާށޭ ނުބުނާހާ ހިނދަކު އަހަރެން މިކައިވެނި ހުއްޓުނަކަ ނުދޭނަން، މުޅިއުމުރަށް ތީ އަހަރެންގެ އަނތްބަކަށް ހަދަން އަހަރެން ނިންމައިފިން" ނިމްރާގެ ހަރަކާތްތަކަށް ބަލަން އިން އަރްސަލްގެ ހިތުގައިވިއެވެ.

"ނިމްރާގެ ޢާއިލާއަށް ކައިވެނީގެ ޚަބަރު ދީފިންތަ؟ ބައްޕަމެންނާ..." ބިލާލުގެ ވާހަކަ ހުއްޓުވީ ރާދިންއެވެ. އެއާއެކު އަރްސަލް ވާހަކަދައްކަންފެށިއެވެ. ހަލަފް ވެސް ވަގުތުން ހިމޭންވިއެވެ. ނިމްރާގެ ނަޒަރު ރާދިންއާއި އަރްސަލްއަށް ހިންގާލިތަން ބިލާލު ދުށްޓެވެ.

"ނިމް... ނިމްރާގެ ޢާއިލާގައި އެކަކު ވެސް ނެތް، މިހާރު ދުނިޔެއަކުނެތް" އަރްސަލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އިރުކޮޅަކު ބިލާލު އެއްޗެއް ނުބުނެ އިނީ ބުނާނޭ އެއްޗެއް ނޭނގިގެންނެވެ. ނިމްރާއާ ބެހޭ ގޮތުން އެއްވެސް ކަމެއް އަރްސަލް އޮޅުން ފިލުވައެއްނުދެއެވެ. ރާދިންއާއި ހަލަފް ވެސް އެއްވެސް މަޢުލޫމާތެއްނުދެއެވެ.

"ކޮންއިރަކުން ކާން ދާނީ، މޭޒުމަތި ހުރީ ތައްޔާރުވެފައި، އެކުދީން އަންނަންދެނެއްނު މަޑުކުރީ" ބިލާލު އެއްޗެއް ނުބުނެ އިންނަން ފެށުމުން ވެރިވެފައި އޮތް ހިމޭންކަން ކަނޑާލީ ޝަރުމީނެވެ.

"އާން! އާން!.... އަރްސަލް، ނިމްރާ ގޮވައިގެން އަންނަންވީނު، މިރޭ އެންމެން އެކުގައި ކާނީ، ނިމްރާ، މިހާރު ތީ މި ޢާއިލާ ކުއްޖެއް، އިރާދަކުރެއްވިއްޔާ ގިނަ ދުވަހެއްނުވެ އަރްސަލްއާއެކު މިގޭގައި ނިމްރާ އުޅޭތަން ދުށުން ބައްޕަގެ އުންމީދަކީ... ރާދިން، ހަލަފް، ހިނގާ ހުރީ ކުދީން" ބިލާލު ސޯފާއިން ތެދުވުމުން އޭނާއާއެކު އެންމެން ތެދުވިއެވެ. އެ މީހުންގެ ކުރީން ހަލުވިކޮށް ޝަރުމީނު ގޮސް ބަދިގެ ފަރާތަށް ވަނެވެ.

އަރްސަލްއާއެކު އޭނާގެ ޢާއިލާއާ ބައްދަލުކޮށްފައި އެނބުރި ހޮޓެލަށް ދާން ނިމްރާ ގޮވައިގެން އަރްސަލް ނުކުތީ ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށެވެ. ކާރު ދުއްވަން އަރްސަލް އިންއިރު ޖެހިގެން ހުރި ސީޓުގައި ނިމްރާ އިނީ ދޮރުފަތުގެ ބިއްލޫރުގަނޑުގައި ބޯޖައްސާލައިގެން ދެ ލޯ މަރާލައިގެންނެވެ. އެހެން އިނދެފައި އޭނާ ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނައްޓާލިއެވެ. އަދި އަރްސަލްއާ ދިމާއަށް އެނބުރިލިއެވެ.

"އަރްސަލްގެ ބައްޕައަށް އަހަންނަކީ ކާކުކަން ބުނެދިނިންތަ؟" ނިމްރާ އެހިއެވެ.

"ބައްޕަ ވެސް ނާހާތީ ނުބުނެވުނީ" އަރްސަލް އިނީ އެ މައުޟޫޢުއަށް ވާހަކަދައްކާ ހިތަކުން ނޫނެވެ.

"އަހަރެމެން ދެ މީހުން ބައްދަލުވީ ކިހިނެއްކަން އަހަރެން ހަނދާނެއްނުނެތޭ، އަހަންނަށް އެނގޭ އެއިން އެއްވެސް ކަމެއް އަރްސަލް ވެސް ހަނދާނެއްނުނެތޭކަން" ނިމްރާގެ ވާހަކަ ހުއްޓުވީ އަރްސަލްއެވެ.

"ތިވާހަކަނުދައްކާ... މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ" އަރްސަލް ބުނެލިއެވެ. އަރްސަލް ބަލާލާނޭކަމަށް އިރުކޮޅަކު އިނދެފައި ނިމްރާ މޫނު އަނބުރާލީ އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަން ނިންމައިގެންނެވެ.

"ބަދަލުވިއްޔާވީ އަހަރެން، ލޫންގެ ސޫރަ އަހަރެންގެ ކުރިމަތިން މީގެ ކުރީން ސިފަވޭ، ދުއްވާ އެއްޗަކަށް އަރަން އަހަރެން ބިރުން އުޅުނީ އެހެންވެ، އެކަމަކު އެ ބިރު ފިލައިގެން ދިޔައީ ކޮންއިރަކުކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެ، ހުރިހާ ކަމަށްވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން ހުރީ އަރްސަލްއަށް ހުއްޓިފައި، އެ ހާދިސާއާއި އަރްސަލްގެ ނަފުރަތުގެ މަތިން ވެސް އަހަރެން ހަނދާންނެތުނީ، އެވަރުބޮޑު ބަދަލެއް އަހަރެންނަށް އަތުވެދާނޭ ޚުދު އަހަރެން ވެސް ހިޔެއްނުކުރަން... ހާލަތު ބަދަލުވުމުން އަހަރެންގެ ނިކަމެތިކަން މަތިން ހަނދާންނެތުނީ" ކުޑަކުޑަ ވަހުމަކުން ޚިޔާލާތުގައި ވިހަގަދަ ކުރިތަކެއް ފަޅައި އޭގެ ވިހަ ނިމްރާގެ މުޅި ނަފްސަށް ފެތުރެމުންދާކަމެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އިންސާނާގެ އެންމެ ބޮޑު ބަލިކަށިކަމަކީ ޝައިތާނާގެ ވަސްވާހެވެ. ބައެއްފަހަރު ދުލަކީ އިންސާނާގެ ދުޝްމަނަކަށްވެދެއެވެ. އެ ދުލުން ބުނެލާ އެންމެ ބަހަކުން އަނެކާގެ މުޅި ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެއެވެ.

ހޮޓެލްގެ ޕާކިން ބޭސްމަންޓުގައި ކާރު ބާއްވާފައި އަރްސަލް ފައިބަންވީއިރު ނިމްރާ ވެސް ކާރުން ފައިބައިފިއެވެ. ކާރު ކައިރިން އަޅާފައި ނުކުތް ނިމްރާ ހޮޓެލަށް ވަންނަން ދާން ހިނގައިގަތުމުން އޭނާގެ އަތުގައި އަރްސަލް ހިފެހެއްޓިއެވެ.

"ހިތްހަމަނުޖެހިފަތަ؟" ނިމްރާގެ އަތުގައި ހިފައިގެން ހުރެ ހިނގައިގަންނަމުން އަރްސަލް އަހާލިއެވެ. ނިމްރާ އަނގައިން ބުނުމުގެ ބަދަލުގައި ދެފަރާތަށް ބޯހޫރާލީއެވެ. ބޭސްމެންޓުން ނުކުމެވުމާއެކު ނިމްރާގެ އަތުން އަރްސަލް ދޫކޮށްލީ އެއީ ނިމްރާ ބޭނުންވާގޮތްކަން އެނގޭތީއެވެ. އަރްސަލް ކުރިއަށްހުރެ ނިމްރާއާ ދެ މީހުން އައިސް އެލެވޭޓާއަށް އެރިއެވެ.

"ޔޫ ރިއަލީ ލުކް ބިއުޓިފުލް" ނިމްރާގެ އުނަގަނޑުގައި ހިފައި ގެނެސް ގާތްކޮށްލުމާއެކު އަރްސަލް ބުނެލިއެވެ. ނިމްރާގެ މޫނާއި މޫނު އަރްސަލް ގާތްކޮށްލި ހިނދު ނިމްރާ ނިކަން އަވަހަށް މޫނު އަނބުރާލައިފިއެވެ. އޭނާގެ ދަތްދޮޅީގައި އަރްސަލް ހިފެހެއްޓުމުން އަރްސަލްގެ ތުންފަތުގައި ނިމްރާ އަތްއެޅިއެވެ. އަރްސަލް ދުރަށް ޖެހިލީ ދެނެވެ. އޭނާ ނިމްރާގެ ގައިން ވެސް ދޫކޮށްލައިފިއެވެ. އޭނާގެ ގާތުގައި ނުހުރެ އެލެވޭޓާގެ އަނެއްފަރާތުގެ ބިތުގައި މަޑުކޮށްލިއެވެ. ނިމްރާ ބަލާލުމުން މިފަހަރު މޫނު އަނބުރާލީ އަރްސަލްއެވެ.

"އަހަރެން އަތްލައިގެން ނުވަނީތަ؟ އެއްގޮތަކަށް ވެސް އަހަންނާ ގާތްވާން ބޭނުންނުވަންޏާ ވެސް ބުނެބަލަ" އެޕާޓްމެންޓްގެ ތެރެއަށް ވަދެވުމާއެކު އަރްސަލް ނިކަން ބާރަށް ބުނެލިއެވެ. އަރްސަލްއާ ޒުވާބުކުރާކަށް ނިމްރާ ބޭނުމެއްނޫނެވެ. އޭނާއާ ދިމާއަށް ހުރިހާ ވާހަކައެއް ގޮވާލާކަށް ވެސް ބޭނުމެއްނޫނެވެ. އޭނާ ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. ނަމަވެސް ކުއްލިއަކަށް އަރްސަލް އައިސް ނިމްރާގެ ކޮނޑުގައި ހިފަހައްޓާއި އޭނާއާ ދިމާއަށް އަނބުރާލިއެވެ.

* * * * *

ފޯނު ވައިބްރޭޓްވާ އަޑާއެކު އެނދުގައި އޮވެފައި އަރްސަލް ތެދުވިއެވެ. ތަޅުންމަތީ އޮތް ޖީންސުގެ ޖީބުން ފޯނުނަގައި އަރްސަލް ވާހަކަދެއްކިއެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ރާދިންއެވެ. އަރްސަލް ގެއަށް ނައިސްގެން ބިލާލު ހޭލައި އިންކަން ރާދިން ބުނުމުން ނިކަން އަވަހަށް ގެއަށް ދާނަންކަމުގައި ބުނެ ކޯލު ކަނޑާލިއެވެ. ފަހަތަށް އެނބުރި އެނދުގައި އަނެއްފަރާތަށް އެނބުރި އޮތް ނިމްރާއަށް އަރްސަލް ބަލާލިއެވެ. ފުންނޭވާއެއް ލަމުން އިސްތަށިގަނޑު ދެއަތުން ރީތިކޮށްލިއެވެ.

"ރާދު އެގުޅީ... ބައްޕަ އަހަރެން ހޯދާވާހަކަ ބުނީ، ދާން މި ދަނީ" ކޮޓަރިން ނުކުތުމުގެ ކުރީން އަރްސަލް ބުނެލިއެވެ. ނިމްރާ ލޯ މަރާލައިގެން އޮތްގޮތަށް އޮތީއެވެ. ޖަވާބެއް ނައުމުން އަރްސަލް ކުރިއަށް ޖެހިލައި ކުޑަކަކޫ އެނދުގައި ކައިރީ ޖަހާލިއެވެ.

"ގުޑްނައިޓް ސްކާލެޓް" ނިމްރާގެ އިސްތަށިގަނޑު ނިތްކުރިމަތިން ރީތިކޮށްލައި އޭނާގެ ނިތްކުރީގައި އަރްސަލް ބޮސްދިނެވެ. އަދި އެނދުކައިރިން ތެދުވެގެން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ދޮރުލައްޕާލިތާ ހިނދުކޮޅެއްގެ ތެރޭ ނިމްރާ ދެ ލޯ ހުޅުވާލިއެވެ.

* * * * *

ހެނދުނު ކޮފީއެއް ބޯލި ގޮތަށް ނިމްރާ އިނީ ކާއެއްޗެއް ކާހިތްނުވެފައެވެ. އެހެން އިންއިރު އޭނާއަށް ވިސްނެމުންދިޔައީ އަރްސަލްއާއި ކީފާއާ މެދުއެވެ. އެދެމެދުގައި ގުޅުމެއް އޮތްނަމަ އެނގޭނެ މީހަކީ ރާދިންކަމުގައި ނިމްރާއަށް އެނގެއެވެ. އަރްސަލްއާ ދިމާއަށް ބުނެވޭ އެންމެ އެއްޗަކުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދިއުމަށްވުރެ ނިމްރާ ބޭނުންވަނީ އިހަށް ހުރިހާ ކަމަކީ ހަޤީޤަތެއްތޯ ބަލާށެވެ. އަރްސަލް އުޅޭ ގޮތުންނާއި އޭނާ ދައްކާ ވާހަކައިން ކައިވެންޏާ މެދު އޭނާ ވަރަށް ސީރިއަސްއެވެ. ކީފާގެ ސަބަބުން ނިމްރާގެ ހަމަޖެހުން އެކީ ގެއްލިއްޖެއެވެ. ކެއުންބުއިމާ މީހާ ދުރުވެ އަބަދު ފިކުރުކުރުމުގައި އިނދެވޭ ވަގުތުތައް ގިނަވެއްޖެއެވެ. އަރްސަލްއާ މެދު ކުރެވޭ ޝައްކުތައް ޔަގީނާ ގާތްވާހާ ހިތް އެކަމަށް ލެނބިއްޖެއެވެ.

"ރާދު... ނިމް އިނގޭ" ނިމްރާ ފޯނު ނަގައި ރާދިންއަށް ގުޅިއެވެ.

"ޔެސް ޑާލިންގް" ރާދިން ބުނެލިއެވެ.

"އަރްސަލް އެބައިންތަ؟" ނިމްރާ އަހާލިއެވެ.

"އާން، އޭނާ ފޯނަށް އާންސާ ނުކުރަނީތަ؟" ރާދިން އަހާލިއެވެ.

"ނޫން، ނޫން، ރާދުއާ އެކަނި ވާހަކައެއް ދައްކާލަން ބޭނުންވެގެން" ނިމްރާ ބުނެލިއެވެ.

"އެހެންތަ... މިހާރު ދާންވީތަ ތިކޮޅަށް" ރާދިން އަހާލިއެވެ.

"އޮފީސް ނިންމާލައިފައި އޯކޭ ވާނެ، އަހަރެން މެސެޖުކޮށްލާނަން، އަރްސަލްއަށް މިކަން އެނގޭކަށް ބޭނުމެއްނޫން، އޯކޭތަ ރާދު" ނިމްރާގެ އަޑުގައި ހުރީ ޖެހިލުންވުމެވެ. ރާދިން ގާތު އަރްސަލްއަށް ކަމެއް ސިއްރުކުރަން ބުނާތީއެވެ. ނަމަވެސް ރާދިން އެއްބަސްވިއެވެ.

"ސްކާލެޓްތަ؟" ރާދިން ފޯނު ބޭއްވުމާއެކު އަރްސަލް އަހާލިއެވެ. ރާދިން ދެފަރާތަށް ބޯހޫރާލީއެވެ. އެހެންވިޔަސް އަރްސަލްއަށް ވަރަށް ބޮޑަށް ރާދިން ފޯނުން އެ ވާހަކަދެއްކީ ނިމްރާއާހެން ހީވިއެވެ. އޭނާ އެކަމާ ގުޅުވައިގެން އެއްޗެކޭ ބުނެލުމުން ރާދިން ސަމާސާ ހިނިގަނޑަކުން ނިންމާލީއެވެ.

* * * * *

މަޣުރިބު ނަމާދު ކޮށްގެން ރާދިން އައީ ނިމްރާގެ ގާތަށެވެ. އެޕާޓްމެންޓަށް އައިސް އޭނާ ވަންއިރު ސޯފާގައި ނިމްރާ އޮތެވެ. ޓީވީ ހުޅުވާފައި ހުއްޓެއްކަމަކު އަޑު ނުޖައްސާ ހުރުމުން އެޕާޓްމެންޓަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ހުރިހާ ފަރާތަކުން ބިއްލޫރިތައް ފަރުދާތަކުން ހުރީ ނިވާކުރެވިފައެވެ. އަލިކަމަކަށް ހުރީ ޓީވީއިން އެޅިފައި ހުރި އަލިކަމެކެވެ. ރާދިން އެޕާޓްމެންޓުގެ ބޮކިތައް ދިއްލާލިއެވެ.

"އިޓްސް ސޯ ގްލޫމީ އިން ހިއާ" ރާދިން ބުނެލިއެވެ. އޭނާ އައިސް ނިމްރާ އިން ސޯފާގެ އަރިމަތީގައި ހުރި ސޯފާގައި އިށީނެވެ.

"ތޭންކްސް ފޯ ކަމިން" ނިމްރާ ހިނިތުންވުމެއް ދިނެވެ.

"ނިމް ބަލީތަ؟" ރާދިން އަހާލިއެވެ.

"ބައްޔެއްނޫން، ރާދު އެއްޗެއް ބޭނުންތަ؟ ކޮފީއެއް ގެނެސްދެންތަ؟" ނިމްރާ އަހާލިއެވެ.

"އެއްޗެއް ގެންނާނެކަމެއްނެތް، ރޭގަނޑު ކާން ގެއަށް ދާން ޖެހޭނެ ކޮންމެ ގޮތެއް ހަދާފައި ވެސް، އަރްސަލްއަށް ވެސް މިހާރު ގެއަށް ނުގޮހެއް ނުހުރެވޭނެ" ރާދިން ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ. ނިމްރާ އެއްޗެއް ނުބުނެ ހިނިތުންވެލައިގެން އިނީއެވެ.

"ކޮންވާހަކައެއް ދައްކަންތަ އަހަރެން ތި ގެނައީ" ރާދިންއަށް ނިމްރާގެ ތަބީޢަތަށް ބަދަލެއް އައިސްފައި އިންހެން ހީވިއެވެ.

"މާބޮޑު ކަމަކަށް ނުވެވެސްދާނެ، އެކަމަކު އަހަރެން ކަމެއް ޔަގީންކޮށްލަން ބޭނުންވަނީ، އަހަރެން ޤަބޫލުކުރާ ގޮތުގައި އަރްސަލްގެ ކަންތައްތައް އެންމެ ގާތުން އެނގޭނެ މީހަކީ ތީ، ރާދު... އަހަރެންނަށް... އަހަރެންނަށް އަރްސަލްދެކެ ލޯބިވެވިއްޖެ، ވަރަށް ބޮޑަށް، އެހެންވެ ހުރިހާކަމެއް ޔަގީންކުރަން ބޭނުންވަނީ" ނިމްރާގެ އަޑުގައިވި އާދޭސް ރާދިން ހައިރާންކުރުވިއެވެ.

"އަރްސަލް... ތި ދެ މީހުން ދެމެދުގައި ކަމެއް ހިނގީތަ؟ އަރްސަލް ކީއްކުރީ... ކައިވެނިކުރަން ނިންމާފައި މޮޔަކަމެއްކުރީތަ؟" ރާދިން އިނީ ސުވާލު އުފެދިފައެވެ.

"ރާދު... ކީފާ... ކީފާއާއި އަރްސަލްއާ ދެމެދު ގުޅުމެއް އޮތީތަ، އަހަންނަށް އެ ދެމީހުންގެ ދޭތެރެއަށް ވަދެވުނީތަ؟ އަރްސަލް ކައިވެނިކުރަން ބޭނުންވަނީ އަހަންނާތަ ނޫނީ ކީފާއާތަ؟" ނިމްރާއަށް އޮޅުން އަރާފައިވާކަން އޭނާގެ މޫނުމަތިން ފާޅުވިއެވެ. ފަރުވާތެރިކަމާއެކު ނިމްރާއަށް ބަލަން އިން ރާދިންގެ މޫނުން ހިތްހަމަނުޖެހުން ފާޅުވިއެވެ. ނަމަވެސް އޭނާ އެ އަސަރު ނިކަން އަވަހަށް ފޮރުވާލައިފިއެވެ. ލުއި ހިނިގަނޑެއް ރާދިން ޖަހާލިއެވެ. (ނުނިމޭ)