އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ޝެއިހް އިލްޔާސް ހުސެއިން ރޭ ތުހުމަތުތަކެއް ކުރައްވައި ވާހަކަ ދެއްކެވުމާ ގުޅިގެން އެކަންކަން ތަހުގީގު ކުރަން ބައެއް ފަރާތްތަކުން ގޮވާލަން ފަށައިފި އެވެ.
އައްޑޫ ސިޓީގައި ރޭ ބޭއްވި، ޖަޒީރާ ރައީސް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވަނީ ޑރ. އަފްރާޝީމް ގަތުލުކޮށްލުމުގެ ކުރިން އެމަނިކުފާނާ އެކު ދެކެވުނު ވާހަކަތަކެއް ފުރަތަމަ ފަހަރަށް އާންމު ކުރައްވައިފަ އެވެ. އިލްޔާސް ވިދާޅުވީ، އަފްރާޝީމްއާ އެކު ޓީވީ ޕްރޮގްރާމަކަށް އެރުމަށް އޭނާއާ ބައްދަލު ކުރައްވާ އަފްރާޝީމް ދައުވަތު ދެއްވި ކަމަށެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ނެތިއްޖެ ނަމަ، ރާއްޖެއަށް ހުރި ބިރުވެރިކަމުގެ ވާހަކަ ދެއްކެވި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަފްރާޝީމް ބޭނުންފުޅުވީ ކުރިން އުފެދިފައިވާ ނުތަނަވަސްކަން ހަނދާން ނައްތާލައި އިލްމްވެރިންނާ އެކުގައި އުޅެން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭނާގެ މަރުގެ ކަންކަން މި ހުރިހާ ދުވަސްވީއިރުވެސް ތަހުގީގު ނުކުރެވި ހުރުމަކީ އޭނާގެ ހިތާމައެއް ކަމަަށް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑު ދިވެހި ރާއްޖޭގެ ފުލުހުންނާއި ސިފައިންއަށް ދަންނަވާލަން ބޭނުން ވަނީ. އަޅުގަނޑު ވަރަށް ލޯބިކުރާ ބައެއް ދިވެހި ފުލުހުންނާއި ސިފައިންއަކީ. އެބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުން ވަނީ، އަޅުގަނޑުގެ ވަރަށް ގާތް އަޚެއް ޑރ. އަފްރާޝީމް އަލީ އަކީ. އެންމެ ފަހުގައި އެ ޖަލްސާ [ޓީވީ ޕްރޮގްރާމް]، މިއަދު އަޅުގަނޑު މިކަން ހާމަކޮށްލަން ބޭނުން ވަނީ. އެ ޖަލްސާއަށް އަރާވަޑައިގަތުމުގެ ކުރިން، އަޅުގަނޑާ ބައްދަލުކޮށްފައި ދަންނަވަނީ ތިމަންނާ ވަރަށް އިހުތިރާމް ކުރަމޭ ތިމަންނާ މިއަދު ބޭނުން ވަނީ ރާއްޖޭގެ މަޝްހޫރު އިލްމްވެރިޔެއް ކަމަށްވާ ޝޭހް އިލްޔާސްއާ އެކު ޓީވީ ޕްރޮގްރާމަކަށް އަރައި ވާހަކަ ދައްކާށޭ. އަޅުގަނޑު ދެންނެވީ މި ޕްރޮގްރާމް ނިމުނީމާ ދެން އަންނަ ޕްރޮގްރާމަކަށް އަޅުގަނޑު އަރާނަމޭ. އަޅުގަނޑާ ދެއްކެވި ވާހަކައަކީ ތިމަންނާއަށް އަންނާނެ ނިކަމެތިކަމާ މެދުގައި ތިމަންނާ އިހުސާސް ކުރަމޭ. ﷲ އޭނާގެ ފުރާނައަށް ރަހުމަތް ލައްވާށި. ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. ވިދާޅުވަނީ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ނެތުމަށް ފަހު ތިމަންނާ ބުރު ގަނެއޭ. މިއީ އަޅުގަނޑުގެ ކައިރި ދެއްކި ވާހަކަ. އެހެންކަމުން ތިމަންނަ ބޭނުން ވަނީ އިލްމްވެރިންނާ އެކުގައި އުޅޭށޭ. އިލްމްވެރިންނާ އެކުގައި އުޅޭށޭ މަރުހަބާއޭ. ޓީވީއަށް އަރާފައި މިވެނި މިވެނި ކަންތައްތައް ކުރެވިއްޖެ ކަމަށް ދަންނަވާށޭ. އިންޝާﷲ އެ ޕްރޮގްރާމްގައި އަރަން އެދިވަޑައިގެންނެވި. އެކަމަކު އެ ޕްރޮގްރާމަށް އަޅުގަނޑަށް ނުދެވުނު. އަޅުގަނޑު ދެންނެވިން އެހެން ޕްރޮގްރާމެއްގައި އަންނާނަމޭ. ނަމަވެސް އެރޭގެ 1:00 ގައި ހަބަރު ލިބުނީ ޑރ. އަފްރާޝީމް ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލެވިއްޖޭ. އަޅުގަނޑުގެ ސުވާލަކީ މިފަދަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ކީއްވެތޯ ތަހުގީގު ނުކުރެވުނީ؟" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެ މަރާ ގުޅުން ހުރި، ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ތުހުމަތުތައް ކުރެވޭ އިރު ފުލުހުން އެ ކަންކަން ތަހުގީގުނުކޮށް އަދި އެކަންކަމަށް އެދެވޭ ޖަވާބެއް ނުދެވި އޮތީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ. އެ ވާހަކަ ތަކުރާރު ކުރެއްވުމަށް ފަހު، އިލްޔާސް ވިދާޅުވީ؛ "މަގުތޫލުގެ ގާތިލަކީ ކާކުކަން ނޭނގިއްޖެ ނަމަ ހާކިމާ (ވެރިޔާ) ޒިންމާވާން ޖެހޭނެ" ކަމަށް އިންޑިއާގެ މަޝްހޫރު އިލްމްވެރިޔަކު ވިދާޅުވެފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން، ނުވަ ޒުވާނެއް އެއްވެސް ރަހުމެތްނެތް ގޮތުގައި މަރާލެވިފައިވޭ. މިނޫން އެހެން ދުވަހެއް އަންނާނެ ﷲ ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ... ކޮންމެ މީހަކީ މަސްއޫލުވެރިއެއް. ޖަވާބު ދާރިވާން ޖެހޭނެ މީހެއް ﷲގެ ހަޒްރަތުގައި. އަޅުގަނޑުމެން ޖަވާބު ދާރީވާން ތައްޔާރުވާން އެބަ ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ އެ ވާހަކަތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޕީޕީއެމްގެ ޕީޖީ
ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްޔާސް އަކީ އެކި ދުވަހު އެކި ގޮތް ގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށެވެ. މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން އިލްޔާސް ދެއްކި ވާހަކަ ހޫނުކޮށް އަދިވެސް އެބަ އޮތް ކަމަށް ވެސް ނިހާން ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން އިލްޔާސް ދެއްކެވި ވާހަކަތައް ފުލުހުން ތަހުގީގު ކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
"މިކަހަލަ މަރަކާ ގުޅޭ ގޮތުން އިލްޔާސް މިކަހަލަ ވާހަކަތަކެއް ދެއްކުމަކީ އެކަންކަން ބަލަން ޖެހޭ ކަމެއް. މިއީ ސިޔާސީ ގޮތުން ވެސް ދައްކާ ކަހަލަ ވާހަކައެއް ނޫން،" އާންމު މީހަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެވެ. ޝެއިހް އިލްޔާސް ވިދާޅުވީ، އެ ވާހަކަތަކާ ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވިޔަސް އެކަމާ ފަރުވާލެއް ނެތް ކަމަށާއި މަރާލިޔަސް މި ހުރީ ހައްގުގެ މަގުގައި ކަމަށެވެ.
އިލްޔާސް އަފްރާޝީމްގެ މަރާގުޅޭ ގޮތުން ކަންތައްތަކެއް ފެންމަތި ކުރިއިރު، އެ މައްސަލައިގެ ޝަރީއަތް ނިމި، އަފްރާޝީމް ގަތުލުކޮށްލި ކަމަށް އިއުތިރާފްވި، ހުސެން ހުމާމް މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވި ބައެއް މީހުން ދައުވާ ސާބިތު ނުވެ ސަލާމަތްވި އެވެ. ނުހޯދެނީ އެ މަރަަށް ފައިސާ ހަރަދުކުރި ބަޔަކެވެ. އެ ބަޔަކު ހޯދުމަށް ފުލުހުން މައްސަލަ ބަލާ ކަމަށް އަބަދުވެސް އަންނަނީ ބުނަމުން އެވެ.
ރޭގެ ތަގުރީރުގައި އިލްޔާސް ވަނީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުމަށް ވެސް ބާރު އަޅުއްވައިފަ އެވެ. އަދި އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނުކުތުމަކީ ވާޖިބެއް ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް މި އިންތިހާބުގައި ތާއީދު ކުރައްވާކަން ވެސް ހާމަކުރައްވައިފަ
އެވެ.
އެބޭފުޅާއަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ޝެއިހަކު ނިކުމެ ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހާގެ މައްޗަށް ހުކުމެއް އިއްވައިގެން އަދި ވެރިކަން ވައްޓާލާކަށް ނުޖެހޭނެ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި، މިޒަމާނަކީ ވަހީ ބާވާލައްވާ ޒަމާނެއް ނޫން ކަމަށާއި މާ ބަރަކާތްތެރި ބަޔަކު ނޫޅޭނެ ކަމަށެވެ. އަދި ޝެއިހަކު ދެކެ ބިރުގަންނަން ނުޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.