ބޭރު ކުޅިވަރު

ތިން ތަށި ކާމިޔާބުކުރި ނަމަވެސް އެންރީކޭ އަށް މަގާމުގައި ދެމި ހުރެވޭނެކަމުގެ ޔަގީންކަމެއް ނެތް

މި ސީޒަންގައި ބާސާ އަށް ތިން ހޯދައިދިން ނަމަވެސް، އަންނަ ސީޒަންގައި އެ ޓީމުގެ ކޯޗުގެ މަގާމުން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މި ސީޒަންގެ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކުރުމަށް ފަހު، ބާސާ އިން ވަނީ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސް އަތުން 3-1 އިން މޮޅުވެ، އެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއީ ޔޫރަޕްގެ ޗެމްޕިއަންކަން ބާސާ އިން ހޯދި ފަސް ވަނަ ފަހަރެވެ.

ޖެރާޑޯ މާޓީނޯގެ ބަދަލުގައި މި ސީޒަންގައި ބާސާގެ ކޯޗު ކަމަށް ހަވާލުވި އެންރީކޭ ،45، މި ސީޒަންގައި ތިން ތަށި ހޯދި ނަމަވެސް، އަންނަ ސީޒަންގައި ބާސާގެ ކޯޗުކަމުން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެންރީކޭ ބުންޏެވެ.

"ނޫން. އަހަންނަށް އަދި ނޭނގޭ ތިކަމާމެދު އެއްޗެއް ބުނާކަށް،" އަންނަ ސީޒަންގައި ވެސް ބާސާ އިން ފެންނާނެކަމުގެ ޔަގީންކަން އެބައޮތްތޯ ނޫސްވެރިން ސުވާލުކުރުމުން އެންރީކޭ ބުންޏެވެ. "އަހަރެން ބޭނުންވަނީ މި ވަގުތުގައި އުފާ ފާޅުކޮށްލަން. މި ސީޒަން އަދި ނުނިމޭ. މިރޭ އޮތީ އުފާފާޅުކުރުން. އަދި މާދަމާ ޕެރޭޑްގައި ބައިވެރިވާންޖެހޭނެ."

މި ސީޒަންގެ ކުރީކޮޅު ބާސާ އަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެންރީކޭ އަށް ފާޑުކިއުންތައް އަމާޒުވި އެވެ. އަދި އެންރީކޭ އާޢި ބާސާގެ މުހިންމު ފޯވަޑް ލިއޮނެލް މެސީއާ ދެމެދު މައްސަލަ ޖެހުނު ކަމަށް ވެސް އަޑު ފެތުރުނެވެ. އެކަމަކު ބާސާ އިން ވަނީ އެ މައްސަަލަތައް ހައްލުކޮށް، މިއީ އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ ސީޒަނަކަށް ހަދައިފަ އެވެ.

"ފާޑުކިއުންތެރިންނަށް އަހަރެން ސަމާލުކަމެއް ނުދެން. އަހަރެން ކުޅުުނު 60 މެޗުގެ ތެރެއިން ބަލިވީ ހަ މެޗުން. އަދި އެއްވަރުވީ ހަތަރު މެޗު. މިއީ ބާސެލޯނާގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ސީޒަން،" އެންރީކޭ ބުންޏެވެ. -- ބީބީސީ