ހަބަރު

ޕީއެސްއެމް "ސިޔާސީ"ވުމުން ހަފްސީ އިސްތިއުފާ ދީފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ޕްރެޒެންޓާ ހަފްސީ އަބުދުﷲ ޕީއެސްއެމްގެ ވަކިވެއްޖެ އެވެ.

ޕީއެސްއެމްގެ ސްޕޯޓްސް އެގްޒެކެޓިވް އެޑިޓަރުގެ މަގާމުގައި ހުންނެވި ހަފްސީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައި ނެރެފައިވާ ބަޔާނުގައި ވަނީ، 2005 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ މީޑިއާގައި މަސައްކަތް ކުރަންފެށީ އެ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މީޑިއާއެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކަމަށެވެ.

"ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ މީޑިއާ އަކީ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު އޮންނަންޖެހޭ މީޑިއާ، ހަމަހަމަ ކަމާއެކު ތެދު ހަބަރު ފެތުރުމާއި އިޖްތިމާއީ، ސިޔާސީ އަދި އަހުލާގީ ސިފަތަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ އެންމެ އިސް ޒިންމާ، އެ މީޑިއާގައި މަސައްކަތް ކުރުމަކީ ޝަރަފެއް ކަމުގައި ވަނީވެސް އެ ސަބަބަށްޓަކައި،" ނޫސްވެރިންގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ ހަފްސީ ނެރުއްވި ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް މިއަދު ޕީއެސްއެމްގައި ކަންކަން ހިނގަމުންދަނީ އެގޮތުގެ މަތީން ނޫން ކަމަށާއި ދައުލަތުގެ މީޑިއާގައި މި ހޭދަކުރި ދިގު މުއްދަތުގައި އެ މީޑިއާ މިހާބޮޑަށް ހަރާބުވެފައިވާ އެހެން ދުވަސް ވަރެއް ނުދެކޭ ކަމަށް ހަފްސީ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ޕީއެސްއެމުން މިހާރު ގެނެސްދޭ ހަބަރުތަކުގައި ދައުލަތުގެ މީޑިއާއަކުން ގެންގުޅެންޖެހޭ ސިފަތަކާއި ތައާރަޒުވެ މުޖުތަމައުގެ އާންމު އަހުލާގު ހިފެހެއްޓުމާއިވެސް ހިލާފްވެފައިވާ ކަމަށް ހަފްސީ ބުންޏެވެ.

"ޕީއެސްއެމްގެ އިދާރާ ހިންގުމުގެ އުސޫލުތަކުގައި އިންސާފުވެރި ނޫންކަންވެސް ފާހަގަ ކުރަން، މިގޮތުން މުއައްޒަފުންގެ ސިޔާސީ ފިކުރަށްބަލައި އެ މުއައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅުމާއި ހަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އަސާސީ އަހްލާގްތައް ދޫކޮށް ވަކި ފަރާތަކަށް ބުރަވެ ހަބަރު ފެތުރުމާއި ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ނެތިގެން ގޮސްފައިވާކަންވެސް ފާހަގަ ކުރަން،" ހަފްސީ ބުންޏެވެ.

މިފަހުން ވަނީ ޕީއެސްއެމްގެ ސްޕޯޓްސް ޑިޕާޓްމަންޓް ވެސް އުވާލައިފަ އެވެ.

ހަފްސީގެ ބަޔާނުގައި އަދި ބުނީ، ޕީއެސްއެމްގައި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް އަދި މާހައުލެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް އެގޮތުގެ މަތީން ހުރުމުން ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓާ- ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދިން ވާހަކަ ދަންނަވަން،" ހަފްސީ ބުންޏެވެ.

ބަޔާނާއެކު އޭނާ ވަނީ ޓްވީޓެއްވެސް ކޮށްފަ އެވެ. ޓްވީޓްގައި ވަނީ އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅު ކަމަށާއި އިންސާފު ގާއިމް ކުރަން ވާން ޖެހޭ ކޮންމެ ގުރުބާނީ އެއްވެސް ވާން ކެރިގެން ނިކުމެ ހުރި ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނާއެކު ސާބިތުވެ މިމަހު 23ގައި އަނިޔާވެރިކަން ނިންމާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޕީއެސްއެމް އިން ހަފްސީ އިސްތިއުފާދީފައިވާއިރު، 2016 އަހަރު ވަނީ އޭނާ އަށް މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ހިތް ވަރުދިނުމުގެ ގައުމީ އެވޯޑް ލިބިފަ އެވެ. އަދި 2015 ވަނަ އަހަރު ވަނީ ގައުމީ ޒުވާނުންގެ އެވޯޑްވެސް އޭނާ އަށް ލިބިފަ އެވެ.