ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކާމިޔާބާއެކު ޒަވީ ބާސާ އަށް އަލްވަދާއު ކިޔައިފި

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ޔުވެންޓަސް އަތުން 3-1 އިން މޮޅުވެ، ބާސެލޯނާ ފަސް ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މި ކާމިޔާބީ އެންމެ ހާއްސަވާނީ ބާސާގެ ކެޕްޓަން ޒަަވީ ހެނާންޑޭޒް އެވެ. ރޭގެ ފައިނަލް މެޗަކީ މުޅި ކެރިއަރު ބާސާގައި ހޭދަކޮށްފައިވާ ޒަވީ އެ ކްލަބަށް ކުލުނު ފަހު މެޗެވެ. ޒަވީގެ ވާދާއީ މެޗު ނިމިގެންދިޔައީ އޭނާ އުންމީދުކުރި ގޮތަކަށެެވެ. ބާސާގެ ކެޕްޓަންގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ފުުރުސަތު އޭނާ އަށް ލިބުނެވެ. ބާސާގައި ހޭދަކުރި ފަހު އަހަރު ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ވެސް ބާސާ އިން ވަނީ ކާމިޔާބުކޮށްފަ އެވެ.

ބާސާގެ ޔޫތު އެކެޑަމީން ނިކުތް ޒަވީ ބާސާގެ ސީނިއާ ޓީމަަށް ކުޅެން ފެށީ 1998 ވަނަ އަހަރެވެ. ދެގޮތެއް ނުވެ ބާސާގެ "ދަރިއެއް"ގެ ގޮތުގައި ހުރި ޒަވީ ،35، ވަނީ އޭގެ ފަހުން އެ ކްލަަބަށް 700 އަށްވުރެ ގިނަ މެޗު ކުޅެ، 82 ލަނޑު ޖަހައިފަ އެވެ. ބާސާ އިން ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ހޯދައިފައިވާ ކޮންމެ ކާމިޔާބީއެއްގައި ވެސް ޒަވީގެ ބޮޑު ހިއްސާއެއް އޮންނާނެ އެވެ. ބާސާއާއެކު ޒަވީ ހޭދަކުރި 17 ސީޒަންގައި އޭނާ ވަނީ 25 ތަށި ހޯދައިފަ އެވެ.

ފައިނަލް މެޗަށް ފަހު ޒަވީ ބުނީ ވަދާއީ މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުމުން ކުރެވޭ އިހުސާސް "ބުނެދޭން ވެސް ނޭނގޭ" ކަމަށެވެ. އެކަމަކު މިއީ އޭނާ ބާސާ އަށް އަލް ވަދާއު ކިޔަން ބޭނުންވި ގޮތް ކަމަށެވެ.

"މި އިހުސާސްތައް ބުނެދޭނެ ބަސްތަކެއް އަހަންނަކަށް ނޭނގޭ. މިއީ ވަރަށް ބޮޑު އުަފަލެއް. މިއަށްވުރެ ބޮޑު ކަަމަކަށް އުންމީދެއް ނުކުރެވޭނެ. މިއީ އަހަންނަށް ޓީމަށް އަލްވަދާޢު ކިޔަން ބޭނުންވި ގޮތް،" ޒަވީ ބުންޏެވެ. "މި ޓީމަށް ދެން ނުކުޅޭވޭނެކަން ހިތަށް އަރާއިރު ވަރަށް އުނދަގޫވޭ. އެކަމަކު މި ކްލަބާއެކު ހޭދަކުރި އަހަރުތަކާމެދު ވަރަށް ހިތްހަަމަޖެހޭ. މިއީ ބާސާގެ ކެރިއަރު ނިންމާލަން އެންމެ އެދެވޭ ގޮތް."

ޒަވީ ބުނީ އޭނާ ނެތަސް، ބާސާގައި މިހާރު އޮތް ޓީމުން ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާނެ ކަމަށެވެ.

"މިހާރު ބާސާގައި މި އޮތީ ވަރަށް މޮޅު ޓީމެއް. އަހަންނަށް ޔަގީން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ޓީމުން އިތުރު ކާމިޔާބީތައް ހޯދާނެ،" ޒަވީ ބުންޏެވެ. -- ބީބީސީ