ހަބަރު

އިލްޔާސް ފުލުހުގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ: ނިހާން

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ޝެއިހް އިލްޔާސް ހުސެއިން ރޭ ތުހުމަތުތަކެއް ކުރައްވައި ވާހަކަ ދެއްކެވުމާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި، ޖަޒީރާ ރައީސް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވަނީ ޑރ. އަފްރާޝީމް ގަތުލުކޮށްލުމުގެ ކުރިން އެމަނިކުފާނާ އެކު ދެކެވުނު ވާހަކަތަކެއް ފުރަތަމަ ފަހަރަށް އާންމު ކުރައްވައިފަ އެވެ. އަފްރާޝީމް ގަތުލު ކޮށްލުމުގެ ކުރިން އެމަނިކުފާނާ އެކު ޓީވީ ޕްރޮގްރާމަކަށް އެރުމަށް އަފްރާޝީމް އޭނާއަށް ބައްދަލު ކުރައްވާ ދައުވަތު ދެއްވި ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ނެތިއްޖެ ނަމަ، ރާއްޖެއަށް ހުރި ބިރުވެރިކަމުގެ ވާހަކަ ދެއްކެވި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަފްރާޝީމް ބޭނުންފުޅުވީ ކުރިން އުފެދިފައިވާ ނުތަނަވަސްކަން ހަނދާން ނައްތާލައި އިލްމްވެރިންނާ އެކުގައި އުޅެން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭނާގެ މަރުގެ ކަންކަން މި ހުރިހާ ދުވަސްވީއިރުވެސް ތަހުގީގު ނުކުރެވި ހުރުމަކީ އޭނާގެ ހިތާމައެއް ކަމަަށް އިލްޔާސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އަފްރާޝީމް ގަތުލުކޮށް މި ދުނިޔެއިން ނެތިކޮށްލި ބަޔަކު އިލްޔާސް އަށް އިނގޭ ކަމަށް ރޭ އައްޑޫ ސިޓީގައި ވާހަކަ ދައްކަމުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުން އެ މައުލޫމާތު ސާފު ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

އިލްޔާސް އަފްރާޝީމްގެ މަރާގުޅޭ ގޮތުން ކަންތައްތަކެއް ފެންމަތި ކުރިއިރު، އެ މައްސަލައިގެ ޝަރީއަތް ނިމި، އަފްރާޝީމް ގަތުލުކޮށްލި ކަމަށް އިއުތިރާފްވި، ހުސެން ހުމާމް މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވި ބައެއް މީހުން ދައުވާ ސާބިތު ނުވެ ސަލާމަތްވި އެވެ. ނުހޯދެނީ އެ މަރަަށް ފައިސާ ހަރަދުކުރި ބަޔަކެވެ. އެ ބަޔަކު ހޯދުމަށް ފުލުހުން މައްސަލަ ބަލާ ކަމަށް އަބަދުވެސް އަންނަނީ ބުނަމުން އެވެ.