ހަބަރު

ކުޅުދުއްފުށީ އެއާޕޯޓް ހަދަން ނަގާ ގެތައް ހުސްކުރަން ހަފްތާއެއްގެ ނޯޓިސް

ކުޅުދުއްފުށީގައި ތަރައްގީ ކުރާ އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ހުރިގެތަށް ފަސް ދުވަހުގެ ތެރޭގައި ހުސް ވެރި ފަރާތްތަކަށް ރީޖަނަލް އެއާޕޯޓްސް އިން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓް ހަދަން ނަގާ 18 ގެއެއް ހުސް ކުރުމަށް އަންގާފައި ވެއެވެ. އަދި އެގެތަކުގެ ބަދަލުގައި ފައިސާ ދިނުމަށް ވަނީ ނިންމާފަ އެވެ.

ހުސް ކުރަން އެންގި އެއް ގޭގެ ވެރިފަރާތުން "އަވަސް" ބުނީ، ފަސް ދުވަހުގެ ތެރޭގައި ގެ ހުސްކުރަން އަންގާފައިވަނީ ވައިބާ އިން ސިޓީއެއް ފޮނުވާފައި ކަމަށާއި އެކަން އަންގާފައިވަނީ މިއަދު ހަވީރު ކަމަށެވެ.

އެފަރާތަށް ރީޖަނަލް އެއާޕޯޓްސް އިން ފޮނުވި ސިޓީގައި ވަނީ، ކުޅުދުއްފުށީގައި ތަރައްގީ ކުރާ އެއާޕޯޓް ސަރަހައްދުގައި ހުރި ގެތަކަކީ ދައުލަތުގެ މުދަލެއް ކަމަށާއި ކުޅުދުއްފުށީ ކޯޓުން އެގޭގެ ބަދަލުގައި ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދަށް ވަރަށް އަވަހަށް ވެރިފަރާތުގެ އެކައުންޓަށް ފައިސާ ޖަމާ ކުރާނެ ކަމަށެވެ.

ސިޓީގައި ވަނީ، އެސަރަހައްދުގައިވާ ގެތަށް ވަރަށް އަވަހަށް ހުސް ކުރަން ބޭނުންވާތީ މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ހުސްކޮށްދިނުމަށެވެ. އަދި އެގޭގެ ބަދަލުގައި ދައުލަތުން ދޫކޮށްފައިވާ ބިމުގައި އާގެއެއް އިމާރާތް ކުރުމަށް ދެވިފައިވާ އަށް މަސް ދުވަހުގެ ތެރޭގައި ތަނެއް ކުއްޔަށް ހިފައިގެން ހުރުމަށް ކޮންމެ މަހެއްގެ އެއްވަނަ ދުވަހު 10،000 ރުފިޔާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށްވެސް ސިޓީގައި ވެއެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އެފަރާތުން ބުނީ، ގެ ހުސް ކުރަން އެންގުމުގެ ކުރިން އެހެން ތަނެއް ހޯދުމަށް މީގެ މަސް ދުވަސް ކުރިން އަންގާފައިވާ ކަމަށެވެ. އަދި ކޯޓުން ނިންމާފައިވާ ގޮތުގެ މަތީން އެބޭފުޅުން އަމަލު ކުރަމުންނުދާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

ގެތަށް ހުސް ކުރަން އަންގާފައިވާއިރު، ކުޅުދުއްފުށިން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓްލާން ރަށަށް އަންނަން ބޭނުންވާ ބޭފުޅުންނަށް ނަމަ ފްލައިޓްގައި ކުޅުދުއްފުށީ އެއާޕޯޓަށް އާދެވޭ ވަރަށް އެއާޕޯޓް މަސައްކަތް ނިންމައިފި އެ ރަށުގެ އެއާޕޯޓް ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގައި ބޮޑު ކުޅީގެ 30 ޕަސެންޓް ވެސް ވަނީ ހިއްކާފަ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓު ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެމްޓީސީސީ އިން އަލަށް ގެނައި ބިން ހިއްކާ ބޯޓު "މަހާޖައްރާފު" އިންނެވެ. ސަރުކާރުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ރަންވޭގެ އަޅަންވެސް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމަސައްކަތް ހަވާލު ކުރީ 50.9 މިލިއަން ރުފިޔާއަށެވެ.