ހަބަރު

ކުޅި ހިއްކި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ: ހުކުމް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރު ކޮޅުގައި އޮންނަ ބޮޑު ކުޅީގެ ބައެއް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހިއްކަމުންދަނިކޮށް އޭރު އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.

ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރަން ވަކާލާތުކުރާ އިކޯކެއާއިން ސިވިލް ކޯޓަށް މައްސަލަ ވެއްދީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކޮށްފައިވާ އެންވަޔަރަމެންޓަލް ޑެސިޝަން ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުކޮށް، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާތީ ކަމަށް ބުނެ އެވެ.

އެ މައްސަލަ ކޯޓުގައި އޮތްވާ އެ ބިން ހިއްކައި، ރަންވޭ ވެސް ވަނީ އަޅާފަ އެވެ. އަދި އެ އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް ހުޅުވައިވެސް ދެއްވާފަ އެވެ. ނަމަވެސް މިހާތަނަށް އެއާޕޯޓްގެ އޮޕަރޭޝަން ނުފެށެ އެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސޯސް ނެތް ކަމަށް މިއަދު އެ ކޯޓުން ހުކުމްކުރިިއިރު އެ މައްސަލާގައި މީގެކުރިން ޖަވާބުދާރީވަމުން ދައުލަތުން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. ދައުލަތުގެ ޖަވާބުގައިވާ ގޮތުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެކުރިން ކުޅުދުއްފުށީ ކޯޓަށް އަމިއްލަ މީހަކު އެ މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ދައުވާ ފޯމް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލި އެވެ.

މިއަދު އިއްވި ހުކުމްގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުއާ ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓްރީން ދޫކޮށްފައިވާ އެންވާރަމެންޓަލް ޑިސިޝަން ސްޓޭޓްމެންޓަކީ ކުޅުދުއްފުށީ ބިމަކާ ގުޅޭ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި ބިމާ ގުޅޭ އެ ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް އޮންނަނީ އެ ބިމެއް އޮންނަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. އެކަން ކޯޓުތަކުގެ ގާނޫނަށް ބެލުމުން ސާފުވާ ކަމަށް ހުކުމްގައިވެ އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވާތީ އިކޯކެއާއިން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ.

އިކޯކެއާއިން ސިވިލް ކޯޓުގައި އެދުނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. އަދި، މައްސަލާގައި ހުކުމެއް އިއްވެންދެން އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއާ ގުޅިގެން އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ތަނާއި ސަރަހައްދުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެންގުމުގެ އަމުރެއް ނެރެދިނުމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހިއްކީ ދެ ސަރަހައްދެކެވެ. އެއީ މޫދުގެ ސަރަހައްދަކާއި ކުޅީގެ ސަރަހައްދެކެވެ. ޖުމްލަ 15 ހެކްޓަރު ހިއްކާފައިވާއިރު، އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިމެވެ. އެ ކުޅި ހިއްކާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް ސިޔާސީ ލީޑަރުން ވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން ބުނެފައިވަނީ ތަރައްގީ ރައްޔިތުން ބޭނުންވާ ކަމަށާއި ތަރައްގީ ނުހުއްޓުވޭނެ ކަމަށެވެ. ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި ހިއްކާނީ ކުޅީގެ 30 ޕަސެންޓް ކަމަށް ވެސް ބުނެފައިވެ އެވެ.