އީޕީއޭ

ވިއްކަން އުޅުނު ގުޑުގުޑާ ދޫންޏެއް އަތުލައިފި

ގަވާއިދާ ހިލާފަށް ފްލެމިންގޯ ދޫންޏެއް -- ގުޑުގުޑާ ދޫނި -- ހިފައިގެން ގެންގުޅުނު މީހެއްގެ އަތުން ދޫނި އަތުލައިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީފީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ބުނީ އެ ދޫނި އަތުލައިފައި ވަނީ ހއ. ބާރަށުން ކަމަށެވެ.

ރާއްޖެއަށް އައިސްގެން އުޅޭ ފްލެމިންގޯ ދޫނިތައް ވިއްކަން އިއުލާން ކޮށްފައިވާ މައްސަލަ އީޕީއޭ އާއި ފުލުހުންނާއި ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އަތުލައިގަތް ދޫނީގެ ހާލު ވަރަށް ދެރަ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން ބުނީ އެ ދޫންޏަށް ފަރުވާ ދިނުމަށް ޅ. މާކޯގައި އޮންނަ ކުޅިއަށް ގެންގޮސް ޑޮކްޓަރުންގެ އެހީއާއެކު ފަރުވާ ދެމުންދާ ކަމަށެވެ. ދޫނި ވިއްކަން އުޅުނު މީހާ އަތުން ފްލެމިންގޯ އަތުލިއިރު އެޔަށް ރަނގަޅަށް ނުއުދުހެވޭ ކަމަށެވެ. ދޫނި އޮތީ އެއްތަނުން އަނެއްތަނަށް ހިޖުރަ ނުކުރެވޭ ހާލުގައި ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެ އެވެ.

ރާއްޖެއަށް އައިސްގެން އުޅޭ ފްލެމިންގޯ ދޫނިތައް ހިފައިގެން ވިއްކާ މައްސަލަ ފުރަތަމަ ފެންމަތި ވެފައި ވަނީ ކުޅުދުއްފުށީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫފެއްގައި ވިއްކަން އިއުލާނުކުރުމުންނެވެ. ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.

މާކަނާގެ އާއިލާއަށް ނިސްބަތްވާ ފްލެމިންގޯތައް ފުރަތަމަ ޖެއްސީ ހއ. ފިއްލަދޫ އަށެވެ. ނަމަވެސް ފަހުން އެ ދޫނިތައް އެ އަތޮޅު ބާރަށަށް ދިޔަ އެވެ. ފްލެމިންގޯތައް ހިފީ ބާރަށު ބަޔަކު ދާ ޖަހައިގެނެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިންވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.