ތިމާވެށި

ގުޑުގުޑާ ދޫނި ވިއްކާ މައްސަލަ ބަލަނީ

ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނިތަކެއް -- ގުޑުގުޑާ ދޫނި -- ހިފައި އެ ވިއްކަން އިއުލާން ކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ރާއްޖެއަށް އައިސްގެން އުޅޭ ފްލެމިންގޯ ދޫނިތައް ވިއްކާ އިއުލާން ކޮށްފައި ވަނީ ކުޅުދުއްފުށީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫފެއްގަ އެވެ. ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.

މާކަނާގެ އާއިލާއަށް ނިސްބަތްވާ ފްލެމިންގޯތައް ފުރަތަމަ ޖެއްސީ ހއ. ފިއްލަދޫއަށެވެ. ނަމަވެސް ފަހުން އެ ދޫނިތައް އެ އަތޮޅު ބާރަށަށް ދިޔަ އެވެ. ފްލެމިންގޯތައް ހިފީ ބާރަށު ބަޔަކު ދާ ޖަހައިގެނެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭއާއި ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި މި މައްސަލަ ވަރަށް ސީރިއަސް ކަމާއެކު ފުލުހުންނާއި ގުޅިގެން ބަލާ ކަމަށާއި ޝާމިލްވާ މީހުނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިންވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.