އީޕީއޭ

ސަލާމަތްކުރި ގުޑުގުޑާ ދޫނީގެ ހާލު ދެރަ

ގަވާއިދާ ހިލާފަށް ފްލެމިންގޯ ދޫންޏެއް -- ގުޑުގުޑާ ދޫނި -- ހިފައިގެން ގެންގުޅުނު މީހެއްގެ އަތުން އަތުލި ދޫނީގެ ހާލު އަދިވެސް ވަރަށް ދެރަ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އެ ދޫނި ސަލާމަތްކޮށްފައިވަނީ ހއ. ބާރަށުންނެވެ. އެ ދޫނި އަތުލައިގަތްއިރު އޭގެ ފިޔަ ވަނީ ކޮށައިލާފަ އެވެ.

އެ ދޫނި ޅ. މާކޯގައި އޮންނަ ކުޅިއަށް ގެންގޮސް ޑޮކްޓަރުންގެ އެހީއާއެކު އަންނަނީ ފަރުވާ ދެމުންނެވެ. ދޫނި ވިއްކަން އުޅުނު މީހާ އަތުން ފްލެމިންގޯ އަތުލިއިރު ވެސް އޭގެ ހާލު ވަރަށް ދެރަ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ. ދޫނި އޮތީ އެއްތަނުން އަނެއްތަނަށް ހިޖުރަ ނުކުރެވޭ ހާލުގައި ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެ އެވެ.

އީޕީއޭއިން ރޭ ބުނެފައިވަނީ ފްލެމިންގޯ ފަދަ ދޫނި ސޫފާސޫތްޕަކީ ވަރަށް ނާޒުކު އެއްޗެތި ކަމަށެވެ. އެޔަށް އެންމެ އެދެވޭ ރިހިބިލިޓޭޝަން ފެސިލިޓީތަކާއި އެދެވޭ ފަރުވާ ރާއްޖެއިން ދިނުމުގެ ވަސީލަތްތައް ނެތް ކަމަށާއި އެހެންކަމުން މިފަދަ ދޫނި ނުހިފުމަށް އީޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖެއަށް އައިސްގެން އުޅޭ ފްލެމިންގޯ ދޫނިތައް ހިފައިގެން ވިއްކާ މައްސަލަ ފުރަތަމަ ފެންމަތި ވެފައިވަނީ ކުޅުދުއްފުށި "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫފެއްގައި ވިއްކަން އިއުލާނުކުރުމުންނެވެ. ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.

މާކަނާގެ އާއިލާއަށް ނިސްބަތްވާ ފްލެމިންގޯތައް ފުރަތަމަ ޖެއްސީ ހއ. ފިއްލަދޫ އަށެވެ. ނަމަވެސް ފަހުން އެ ދޫނިތައް އެ އަތޮޅު ބާރަށަށް ދިޔަ އެވެ. ފްލެމިންގޯތައް ހިފީ ބާރަށު ބަޔަކު ދާ ޖަހައިގެނެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިންވެސް އީޕީއޭއިން ބުނެފައިވެ އެވެ.