ތިމާވެށި

ވިލިނގިލީ ގޮނޑުދޮށުން ގިނަ އަދަދަކަށް ވެލި ނެގި މައްސަލައެއް ބަލަނީ

Oct 6, 2019
1

ގއ. ވިލިނގިލީ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގި މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ވިލިނގިލީ ގޮނޑުދޮށުން ވެލި ނެގުމުގެ ދެ މައްސަލައެއް ފުލުހަށް ހުށައެޅުމުން އެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ތަހުގީގު ކުރަނީ މިމަހުގެ ފަސް ވަނަ ދުވަހު ވިލިނގިލީ މުހައްމަދު ކަލޭފާނު މަގާ ދިމާއިން ގޮނޑުދޮށުން 61 ބަސްތާ ވެލި ނެގި މައްސަލައަކާއި، މިމަހުގެ ހަ ވަނަ ދުވަހު އެ ރަށު ކުނިކޮއްޓާއި ދިމާ ގޮނޑުދޮށުން 100 ބަސްތާ ވެލި ނެގި މައްސަލައެކެވެ.

ފުލުހުން ބުނީ ގެދޮރު އިމާރާތް ކުރަން ނޫނީ ފަރުދީ އެހެނިހެން ބޭނުންތަކަށް ގަލާއި، ވެއްޔާ، އަކިރި ނަގަންވާނީ "ރާއްޖޭގެ ތެރޭގަައި މީހުން ދިރިއުޅޭ ރަށްރަށުން ގަލާއި، ވެއްޔާ، އަކިރި ނެގުމާ ބެހޭ ގާނޫނާ"އި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އީޕީއޭ އިން ހުއްދަ ދީފައިވާ ތަންތަނުގައި ކަމަށެވެ.

އުސޫލުތަކާއި ޚިލާފަށް ވެއްޔާ، ގަލާ، އަކިރި ނަގާ ފަރާތްތަކުގެ މައްސަލަތައް އީޕީއެ އާ ގުޅިގެން ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުން ވެއްޔާ، ގަލާ، އަކިރި ނެގުމަކީ މަނާކަމެކެވެ. އަދި ކޮންމެ އަތޮޅަކުންވެސް ވެއްޔާ، ގަލާ، އަކިރި ނެގޭނެ ފަޅުތައް ވަނީ ބަޔާންކޮށްފައެވެ. ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުން ވެއްޔާ، ގަލާ، އަކިރި ނެގުމަކީ ކުރިން ވަަރަށް އާންމު ކަމެކެވެ.