ހއ. ބާރަށުން ހުއްދަނެތި ރުކާއި ގަސް ނަގަމުންދާތީ އެކަން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެ ރަށުން ނަގަމުން ދާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވީ ކަންހިނގާފައިވާ ގޮތް ބެލުމަށްޓަކާ ކަމަށާ މާދަމާ އީޕީއޭގެ ޓީމެއް އެ ރަށަށް ދާނެ ކަމަށެވެ.
ރާއްޖޭގެ ރަށްރަށުން ގަވާއިދާ ޚިލާފަށް ރުއް ގަސް ނެގުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. ބައެއް ކައުންސިލުންތަކުން ވެސް ވަނީ އީޕީއޭގެ ހުއްދަނެތި ރިސޯޓްތަކަށް އެ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ވިއްކާފަވެ. އެފަދަ ބައެއް މައްސަލަތައް ބަލާ ބައެއް ކައުންސިލްތައް ވަނީ މީގެ ކުރިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ބާރަށު ހާދިސާ ދިމާވި އިރު އީޕީއޭއިން މިއަދު ބުނީ މި އަހަރުގެ މިހާތަނަށް ނެގި ރުއްގަހަށްވުރެ އިންދި ރުއްގަސް ގިނަ ކަމަށެވެ.