ހަބަރު

ކުޅުދުއްފުށި ކުޅި ހިމާޔަތް ކުރަން ގޮވާލައިފި

ހދ. ކުޅުދުއްފުށީ ކުޅިން ބާކީ އޮތް ބައި ހިމާޔަތް ކުރަން ހިއުމަން ރައިޓްސް ވޮޗްއިން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.

ހިއުމަން ރައިޓްސް ވޮޗުން މިހެން ބުނެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރަން ކުޅި އާއި ފާ އަދި ޗަސްބިންތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ގޮވާލާ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުުގައި ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން ގޮވާލާފައި ވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ މިހާރުން މިހާރަށް ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތައް، ފެންބޮޑުވުމާއި އަދި ރަށް ގިރުމުގެ އިތުރު ކާރިސާތަކުން ސަލާމަތް ކުރުމަށް، ކުޅިތަކާއި ގަސްގަހާގެހި ހިމާޔަތް ކުރުމަށް ސަރުކާރަށް ގޮވާލަ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އުތުރުގައި އޮންނަ ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީ ކުރަން އެރަށުގެ ކުޅީގެ ބޮޑު ބައެއް މީގެ ކުރިން ހިއްކާފައިވާ ކަމަށާއި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ތަރައްގީގެ ނަމުގައި ކުޅީގެ ބާކީ ދިރުން އިތުރަށް ހަލާކު ކޮށްލުމަށް އިދާރާތަކުން ތައްޔާރުވަމުންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ އެސޯސިއޭޓް ޑައިރެކްޓަރު ޕެޓްރީޝިއާ ގޮޒްމަން ވިދާޅުވީ ސަރުކާރުން ކުޅިތައް ހަލާކު ކޮށްލައިފިނަމަ، ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން އަންނަ އިތުރު ރަށްތަކެއް ނުރައްކަލުގެ ތެރެއަށް ވެއްޓި، ފެންބޮޑުވުމާއި އިތުރު ކާރިސާތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.