ހަބަރު

ކުޅުދުއްފުށީ ކުޅިއަށް ދިރުން ގެންނަން މާހިރުންގެ އެހީ ހޯދަނީ

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ހިއްކި އެ ރަށު ކުޅީގެ ބާކީ އޮތް ބަޔަށް އަލުން ދިރުން ގެނެސް، ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދުމަށް އެންވައިރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

އެންވައިރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް"އިން ހުށަހަޅާފައިވާ އެހީ ގަބޫލު ކުރައްވަން ނިންމަވާފަ އެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ނެޓްވޯކެވެ.

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު މިއަދު އަވަސްއަށް ވިދާޅުވީ ކުޅި ހިއްކައިގެން ބޮޑު މަޝްރޫއުއެއް ހިންގާފައިވުން އެ ސަރަހައްދަށް ގުދުރަތީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެތަނަށް އަލުން ދިރުން ގެންނަން އެކްސްޕާޓުންގެ އެހީ ބޭނުންވާ ކަމަށެވެ.

"ގުދުރަތީ މާހައުލަކަށް ބަދަލުތަކެއް ގެނެސްފަ މިއޮތީ، ދެން ބަލަން މިޖެހެނީ ކުރިއަށް ކުރެވެން ހުރި ކަންކަން، ވަޓްސް ނެކްސްޓް؟ އެކަމަށް އެކްސްޕާޓުންގެ ލަފާ ބޭނުންވޭ، ހަމަ ޓަސްލާފައި މިހެން ހަދާށޭ އެހެން ހަދާށޭ ނުބުނެވޭނެ، ތަޖުރިބާ ހުރި ފަރާތްތަކުގެ އެހީއާއެކު ކުރިއަށް ދާން އެނގޭނީ،" ޑރ. ނަސީރު ވިދާޅުވި އެވެ.

ޑރ. ނަސީރު ވިދާޅުވީ، ތަނެއް ހިމާޔަތް ކުރަން ބޭނުންވާ މިންގަނޑުތަކެއް ވެސް ހުންނަ ކަމަށެވެ. އަދި ތަނެއް ހިމާޔަތް ކުރުމަކީ އެ ތަނެއް ބޭނުން ނުކޮށް ބޭއްވުމެއް ނޫން ކަމަށާއި އެ ތަނަކުން ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ބޭނުމެއް ހިފެވުން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަށް ކުރުމަށްޓަކައި ވެސް މިނިސްޓްރީއިން ދިރާސާތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މިފަހުން މިނިސްޓަރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ކުޅީގެ މިހާރުގެ ހާލަތު ވެސް ބައްލަވާލައްވާފަ އެވެ. އެ ދަތުރުގައި ރަށުގެ ބައެއް ޒުވާނުން ވަނީ އެ ތަނުގައި ނޭޗާ ޕާކެއް އެޅުމަށް މިނިސްޓަރުގެ ކިބައިން އެދިފަ އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެހީ ހޯދުމަށް މިނިސްޓްރީން ނިންމާފައިވަނީ ސޯޝަލް މީޑިއާގައި ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށް ދިނުމަށް އެދި ބޮޑު ކެމްޕެއިނެއް ފަށާފައިވަނިކޮށެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓުން ވެސް އެ މަސައްކަތަށް ޝައުގުވެރިވެފައި ތިބި ކަމަށް ބުނެފަ އެވެ. އަދި އަލުން ކުޅިއަށް ދިރުން ގެނައުމަކީ އުއްމީދު ކަމަށް ވެސް ބުނެފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވީ ނަމަވެސް އަދިވެސް ކުޅީގެ ހިތްގައިމު ސަރަހައްދެއް ސަލާމަތުން އެބަ އޮތެވެ. ރަށު ތެރެއަށް އޮތް ބައެވެ. އެ ތަނަކީ ގިނަ އަދަދެއްގެ ދޫނިތައް ޒިޔާރަތް ކުރާ ސަރަހައްދެކެވެ. އެއާޕޯޓް ހެދުމުގައި ވެސް އެތަނަށް އެއްވެސް ސަމާލު ކަމެއް ދީފައިނެތުމުން ވެއްޔާއި ޗަކަ ކުޅީގެ ތެރެއަށް ފައިބާ، ސަރަހައްދުގެ ދިރުން ވަރަށް ބޮޑަށް ދަނީ ގެއްލެމުންނެވެ.

މި ސަރުކާރުން ވަނީ ތިމާވެއްޓަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. އޭގެ ދަށުން ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރެންދޫ ކުޅި އާއި ހދ. ކޭލަކުނު ހިމާޔަތް ވެސް ކޮށްފައިވެ އެވެ.