ހަބަރު

ކުޅުދުއްފުށީ ކުޅީގެ ދިރާސާ، އެކްސްޕާޓުން މިނިސްޓަރާ ހިއްސާކޮށްފި

ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބަޔަށް ދިރުން ގެނެސް، އެތަނާގެ ހިމާޔަތަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ބޭރުގެ ތަޖުރިބާކާރުންތަކެއް އެ ރަށަށް ގޮސް ކުރި ދިރާސާ އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ހިއްސާކޮށްފި އެވެ. ކުރީގެ ސަރުކާރުން އެރަށުގައި އެއާޕޯޓެއް އެޅަން ކުޅީގެ ބޮޑު ބައެއް ވަނީ ހިއްކާފަ އެވެ.

ކުޅުދުއްފުއްޓަށް މިދިޔަ ހަފުތާ ބަންދުގައި ގޮސްފައިވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ގެ ހަތަރު ތަޖުރިބާކާރެކެވެ. އެ ޓީމާއެކު "ސޭވް މޯލްޑިވްސް" ގެ ޓީމަކާއި މިނިސްޓްރީ އަދި އީޕީއޭގެ ބޭފުޅުން ވެސް ދިޔަ އެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ނެޓްވޯކެވެ.

އެންވާރަމެންޓް މިނިސްޓަރު، އެ ޓީމާ ބައްދަލު ކުރެއްވީ އިއްޔެ އެވެ. ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ކުޅިން ހެދި ދިރާސާތަކުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރި ކަމަށެވެ. އަދި އެ ޓީމުން ވަނީ ކުޅީގެ ބައި އޮތް ބައިގެ ދިރުންތައް އިތުރަށް އާލާކުރުމަށް ކުރެވިދާނެ ކަންކަން ވެސް ހުށަހަޅާފަ އެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބަޔާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެކްސްޕާޓުންގެ ދިރާސާތަކަށް އެ މީހުން ދޭ ލަފަޔަށް ބަލައިގެނެވެ. ސަރުކާރުން ބުނެފައި ވަނީ ކުޅި ހިމާޔަތް ކުރަން ބޭނުން ވަނީ ފައިދާ ނެރެވޭ ގޮތަށް ކަމަށެވެ.

ންގްރޫވް އެކްޝަން ޕްރޮޖެކްޓް ހަތަރު އެކްސްޕާޓުން ވަނީ ކުޅުދުއްފުށީ ކުޅީގެ އެކިއެކި ދިރުންތަކާއި އެތަނުގެ މާހައުލާ ގުޅޭ ގޮތުން ދިރާސާތައް ކޮށްފަ އެވެ. އެ އެކްސްޕާޓުން ވަނީ އެ ކުޅިއަކީ ތަފާތު ރީތި ކުޅިއެއްކަން ފާހަގަކޮށް ޓްވީޓް ވެސް ކޮށްފަ އެވެ. ކުޅީގެ ބޮޑު ބަޔަކަށް އެކްސްޕާޓުން ޒިޔާރަތްކުރިއިރު އެކްސްޕާޓުންގެ ޓީމް ވަނީ ކުޅުދުއްފުއްޓާ ޖެހިގެން އޮންނަ ކޭލަކުނަށް ވެސް ޒިޔާރަތްކޮށް އެ ރަށް ބަލާލާފަ އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވަނީ ސޯޝަލް މީޑިއާގައި ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށް ދޭން އެދި ބޮޑު ކެމްޕެއިނެއް ބަޔަކު ފަށާފައި ވަނިކޮށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހަދަން ކުޅީގެ ބޮޑު ބައެއް ހިއްކާފައިވީ ނަމަވެސް އަދިވެސް ކުޅީގެ ހިތްގައިމު ސަރަހައްދެއް ސަލާމަތުން އެބަ އޮތެވެ. އެއީ ރަށުގެ އެތެރެއަށްވާ ގޮތަށް އޮތް ބައެވެ. މަށި ކުޅީގެ ގޮތުގައި މަޝްހޫރުވެފައިވާ ކުޅީގެ މި ބަޔަކީ ގިނަ އަދަދެއްގެ ދޫނި ޖައްސާ ސަރަހައްދެކެވެ.

އެއާޕޯޓް ހެދި އިރު އެތަނަށް އެއްވެސް ސަމާލު ކަމެއް ދީފައިނެތުމުން ވެއްޔާއި ޗަކަ ކުޅީގެ އެ ބައިގެ ތެރެއަށް ދެމިގަނެ ސަރަހައްދުގެ ދިރުން ވަރަށް ބޮޑަށް ވަނީ ގެއްލިފަ އެވެ.