ހދ. ކުޅުދުއްފުށީ އެއާޕޯޓް ސަރަަހައްދަށް އަރައި 18 ގޯތީގެ ތެރެއިން ދެ ގޯއްޗަކަށް ދައުލަތުން ދޭން ނިންމާފައިވަނީ އަދުލުވެރި ބަދަލެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުގައި މައްސަލަ އިސްތިއުފާނުކޮށްފައިވަނީ އެއާޕޯޓް ސަރަހައްދަށް އަރާތީ ތަޅާލަން ޖެހިފައިވާ ޑޭޒީވިލާ އާއި ކުލަވަރުގެ ވެރިންނެވެ. ޑޭޒީވިލާގޭގެ ބަދަލަށް ދޭން ނިންމާފައިވަނީ އަށް ލައްކަ ރުފިޔާ އެވެ. ކުލަވަރުގެ އަށް ބަދަލެއް ގޮތުގައި ދޭން ނިންމީ ހަ ލައްކަ ރުފިޔާ އެވެ.
ޑޭޒީވިލާގެ ވެރިޔާ އަލީ އިސްމާއިލް ކުލަވަރުގެ ވެރިޔާ މޫސާ ހަސަން އެދިފައިވަނީ ގޯތީގެ ބިމާއި މުދަލުގެ ބަދަލުގައި 12 ލައްކަ ރުފިޔާ ހޯދުމަށެވެ.
ދެ ގޯތީގެ މައްސަލާގައި ވަކިވަކިން ހައިކޯޓުން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ގޯތީގެ ވެރިން ހުށަހެޅި އަގުގެ ބަދަލުގައި ދައުލަތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ އަގަކީ އަދުލެވެރި ބަދަލެއް ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި އަސާސެއް ސާފުނުވާ ކަމަށެވެ.
ދައުލަތުގެ ބޭނުމަށް ނަގާ އާންމުންގެ ބިންތަކުގެ ބަދަލު ދިނުމުގައި އަގާމެދު ދެ ފަރާތުން އެއްބަސްނުވާނަމަ އަދުލުވެރި ބަދަލުގެ މިންވަރު ކަނޑައަޅަންޖެހޭނީ ޝަރީއަތުން ކަނޑައަޅާ އަގު ކޮމެޓީއަކުން ނިންމާ ނިންމުމެއްގެ މައްޗަށް ބެލުމަށްފަހު ކަމަށް ހުކުމްގައިވެ އެވެ.
ދެ ގޯތީގެ ބަދަލު ވެސް ކަނޑައަޅާފައިވަނީ އެ އުސޫލުން ބޭރުކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، އެ ދެ ގޯއްޗަށް ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ އަގު ބާތިލްކޮށް ހުކުމްގައި ބަޔާންކުރި އުސޫލާ އެއްގޮތަށް އަލުން އަގު ކަނޑައެޅުމަށް ހައިކޯޓުން ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގާފަ އެވެ.
މި ދެ މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ އުތުރު ގޮއްޕަށް ވަޑައިގެންނެވި ތިން ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރެވެ.
ގޭގެ ބަދަލުގެ ބައި ހައިކޯޓުން ބާތިލްކޮށްފައިވީ ނަމަވެސް އެ ދެ ގޭގެ ބަދަލުގައި ދައުލަތުން ދޫކޮށްފައިވާ ބިމާ ގުޅޭ ގޮތުން މައްސަލައެއް ނެތެވެ. ދެ ގޭގެ ވެރިން ވެސް އާ ބިން ގޯސްވެގެން އެކަން ހައިކޯޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
އެއާޕޯޓަށް ނެގި އަނެއް 16 ގޭގެ ބަދަލުގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ބަދަލާމެދު އެ ގޭތަކުގެ ވެރިން ހިތްހަމަޖެހެ އެވެ. އެމީހުން އެ މައްސަލަ ހައިކޯޓަށް ހުށައެއް ނާޅަ އެވެ.