ހައިކޯޓް

އިންތިހާބީ މެންބަރު ފަރޭގެ ކެމްޕޭން އޮފީހުގައި ރޯކޮށްލި އޭނާގެ ކޮއްކޮގެ މައްސަލަ ބާތިލް

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ފަރުހަތު މުހައްމަދުގެ ކެމްޕޭން އޮފީހުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ކޮއްކޮ، އަންވަރު މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފް ބާތިލުކޮށްފި އެވެ.

ފަރޭގެ ކެމްޕޭން އޮފީސް ރޯކޮށްލާފައި ފިލަން އެއާޕޯޓަށް ގޮސް ހުއްޓާ ހައްޔަރުކޮށްފައިވަނީ ފަރޭގެ ކޮއްކޮ ހދ. ކުޅުދުއްފުށީ، ހީނާމާގެ އަންވަރު މުހައްމަދެވެ. އޭނާ އަކީ 31 އަހަރުގެ މީހެކެވެ.

އެއއާޕޯޓުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމަށްފަހު ކޯޓުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އަންވަރު ހައްޔަރު ކުރުމުގެ އަމުރާއި އަދި މުއްދަތު އަމުރުތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަތައް މިއަދު ފަށަން ތާވަލް ކުރި އެވެ. އެހެންނަމަވެސް މިއަދަށް އެ މައްސަލަތައް ތާވަލުކޮށްފައި ވަނިކޮށް، ފަރޭގެ ކޮއްކޮ އަމިއްލައަށް އެދިގެން އެ މައްސަލަތައް ހައިކޯޓުން މިއަދު ބާތިލް ކުރީ އެވެ.

މި މައްސަލައިގައި އަންވަރާ ދެކޮޅަށް ފުރަތަމަ ނެރުނު ބަންދު އަމުރުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ކޯޓަށް ހާޒިރުވާން ކުރިން ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އަދި އޭނާ ހައްޔަރު ކުރީ ފިލައިގެން ރާއްޖޭން ބޭރަށް ދާން އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް ފުލުހުން ބުނި ނަމަވެސް އޭރު އޭނާ ބުނެފައިވަނީ ފިލައިގެން ދާން އުޅުނީ ނޫން ކަމަށާއި ދަރިފުޅު ޑޮކްޓަރަށް ދައްކަން ރާއްޖޭން ބޭރަށް ދާން ގޮސް ހުރީ ކަމަށެވެ.

ފަރޭގެ ކެމްޕޭން އޮފީހުގައި ހުޅު ޖަހާފައިވަނީ އިންތިހާބަށް ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށް އެއްރޭގެ މެންދަމުގެ ވަގުތު އެވެ.

ކުޅުދުއްފުށީގައި އާއްމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ ވިއްސާރަ ކޯޓެއް ލައިގެން ތިބި ދެ މީހުންނެވެ.