ހަބަރު

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ ދެ ގެއެއްގެ ބަދަލާމެދު ހިތްހަމަ ނުޖެހި ހައިކޯޓަށް

ހދ. ކުޅުދުއްފުށީ އެއާޕޯޓް ސަރަަހައްދަށް އަރައި 18 ގޯތީގެ ތެރެއިން ދެ ގޯއްޗަކަށް ދޭން އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުފާނުކޮށްފައިވަނީ އެއާޕޯޓް ސަރަހައްދަށް އަރާތީ ތަޅާލަން ޖެހިފައިވާ ޑޭޒީވިލާ އާއި ކުލަވަރުގެ ވެރިންނެވެ. ޑޭޒީވިލާގޭގެ ބަދަލަށް ދޭން ނިންމާފައިވަނީ އަށް ލައްކަ ރުފިޔާ އެވެ. ކުލަވަރުގެ އަށް ބަދަލެއް ގޮތުގައި ދޭން ނިންމީ ހަ ލައްކަ ރުފިޔާ އެވެ.

ޑޭޒީވިލާގޭގެ ވެރިޔާ އަލީ އިސްމާއިލް މިއަދު އަވަސްއަށް ބުނީ ގޭގެއަށް ދޭން ބަދަލުތައް ކަނޑައެޅީ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ސާވޭ ކުރަން އައިސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ނިންމައި، ލިބޭނެ ބަދަލުގެ އަގު އެންގި ކަމަށް އޭނާ ބުންޏެވެ.

އަލީ އިސްމާއިލްގެ ގެޔަކީ ރަނގަޅު ފެންވަރަކަށް އިމާރާތްކޮށްފައިވާ ގެއެކެވެ. ދެ ބުރިއަށް ހަދާފައިވާ އެ ގޭގެ ދެވަނަ ބުރީގެ އިމާރާތްކުރުން މިހާރު ވެސް ކުރިއަށްދާއިރު ފުރަތަމަ ބުރީގައި އާއިލާ ދިރިއުޅުމުންދެ އެވެ. އެގޮތުން އަލީ އިސްމާއިލްގެ ދެމަފިރިންނާއެކު އޭނާގެ ހަ ދަރިންގެ އާއިލާ ދިރިއުޅެ އެވެ. އެ ގެއިން ނުކުންނަ އަންގާފައިވީ ނަމަވެސް އަދިވެސް އެ އާއިލާ ދިރިއުޅެނީ އެ ގޭގަ އެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވާތީ ގެއިން ނުކުތުން އެ އާއިލާއިން މަޑުޖައްސާލާފައިވާއިރު 16 ގެއެއް މިހާރު ވަނީ ތަޅާލާފަ އެވެ. އަދި އާއިލާތައް ވެސް ވަނީ ގެއިން ނުކުމެ އެހެން ތަންތަނާ ދިރިއުޅެން ފަށާފަ އެވެ. ޑޭޒީވިލާގެ އިތުރުން ކުލަވަރުގެއަކީ ވެސް ތެޅި ގަލުން ރަނގަޅު ފެންވަރަކަށް އިމާރާތްކޮށްފައިވާ ގެއެކެވެ.

ކުލަވަރުގެ އާއި ޑޭޒީވިލާގެއިން ހައިކޯޓު އުތުރު ގޮއްޕަށް ހުށަހެޅި މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެއާޕޯޓަށް އަރާތީ ނެގި ގެތަކުގެ ތެރެއިން ބަދަލަށް އެއްބަސްވި ބައެއް އާއިލާތަކަށް މިހާރު ވަނީ ބަދަލަށްވީ ފައިސާ ދީފަ އެވެ. އަދި އަނެއް ބައި ގެތަކަށް އެއްކޮށް ފައިސާ އަދި ދީފައިނުވީ ނަމަވެސް ދޭން ނިންމާފައިވާ އަށް މަސް ދުވަހުގެ ކުލީގެ ތެރެއިން ދެ މަސް ދުވަހުގެ ކުލި ސަރުކާރުން ވަނީ ދީފަ އެވެ.

އެ 18 ގޯތީގެ ބަދަލުގައި އާ ގެވަޅު ދޭން ނިންމި ސަރަހައްދުތައް މިހާރު ވަނީ ސާފުކޮށްފަ އެވެ. އަދި ގެވަޅު ލިބޭނެ ތަންތަން ވަނީ އާއިލާތަކަށް އަންގާފަ އެވެ. ގެވަޅު ހޮވާފައިވަނީ ވެސް ގުރުއަތުލުމެއް ނެތި ކަމަށް އަލީ އިސްމާއިލް ބުންޏެވެ. އޭނާގެ މިހާރު ގެއަކީ ދެ ގޯޅި ގެވަޅެކެވެ. ނަމަވެސް ބަދަލުގެ ގޮތުގައި އޭނާއަށް މެދު ގެވަޅެއް ދޭން ނިންމާފައިވާތީ އެކަން ވެސް އޭނާ ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އިއްޔެ ކުޅުދުއްފުށީ އެއާޕޯޓް ރަންވޭއަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު ގެތަކުގެ ވެރިން އެއްބާރުލުން ދިން ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މީގެކުރިން ސަރުކާރުން ބޭނުންވީމަ ތަންތަން ހަލާކުކޮށްލަނީ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވީ ބަދަލު ދިނުމަށްފަހު ނޫނީ އެއްވެސް އާއިލާއަކަށް ގެތަކުން ނުކުންނަން މަޖުބޫރު ނުކުރުމަށް ކަމަށެވެ. ކޯޓުން ދޭން ނިންމި ބަދަލާމެދު ހިތްހަމަޖެހިގެން އެކަން އަމާންކަށް ނިންމައިދިނީތީ އާއިލާތަކަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައްސަލަ ޖެހިފައިވާ ދެ ގޭގެ ވާހަކަ މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ އިސްތިއުނާފުގެ މަރުހަލާ ނިމުމުން ނޫނީ އެ ދެ ގޭގެ އާއިލާއަށް ގެއިން ނުކުތުމަށް މަޖުބޫރު ނުކުރުމަށެވެ.