ހަބަރު

އަންހެން ކުއްޖާޔާ މާރާމާރީ ހިންގި ދެ އަންހެން ކުދިން ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި މިފަހުން އާންމުވި ވީޑިއޯއެއްގައި އަންހެން ކުދިންތަކެއް ވެގެން އަންހެން ކުއްޖަކަށް އަނިޔާކުރި، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދެ އަންހެން ކުދިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އޮގަސްޓް 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އަންހެން ކުދިން ތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 18 އަހަރުގެ އަންހެން ކުއްޖަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އެކުދީންގެ ނަންތައް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ.

އަންހެން ކުދިންތަކެއް ވެގެން ބުލީކޮށް އަނިޔާ ކޮށްފައިވަނީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ހަސަން (15އ) އަށެވެ. އެކުއްޖާވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ގެއްލިގެން ހޯދަންވެސް ފުލުހުން އިއުލާން ކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް އަމިއްލައަށް ހާޒިރުވެފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާތަން ފެނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ވީޑީއޯ އަކީ މިދިޔަ މޭމަހު ނަގާފައިވާ ވީޑިއޯ އެކެވެ. އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެތަށް ބައެއްގެ ފާޑު ކިޔުން ބުލީ ކުރާ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ފަދަ މައްސަލަތައް ޖެންޑާ މިނިސްޓްރީ ފަދަ މުއައްސަސާތަކުން ނުބަލާ ކަމަށް ބުނެ ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.