ހަބަރު

އިބޫގެ ހުވަދުއަތޮޅު ވައުދު: އެއާޕޯޓަކާއި ބްރިޖެއް

އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް ޕޯޓަކާއި އެއާޕޯޓެއް ގާއިމް ކުރާނެ ކަމަށާއި ކޫއްޑޫ އަދި ވިލިނގިލި ބްރިޖަކުން ގުޅާލަދޭނެ ކަމަށް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ މިރޭ ވައުދުވެވަޑައިގެންފި އެވެ.

ގއ. ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރަން ތަސައްވުރެ ކުރަހާއިރު ގއ. އަތޮޅާ ދޭތެރޭ ތަސައްވުރެއް އޮންނަން ޖެހޭ ކަމަށާއި މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ތެރެއިން 20 ޕަސެންޓް ރަށްތައް އޮތީ އެއަތޮޅުގައި ކަމަށާއި ގއ. އަތޮޅަކީ ހުނަރުވެރިން ގިނަ ރަށެއް ކަަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މިއަތޮޅުގައި ކުރާ ތަރައްގީގެ މަޝްރުއުތައް ހިންގާއިރުގާ ސީދާ މިއަތޮޅުން ރާއްޖެއިން ބޭރަށް ދެވެން ޖެހޭނެ، އެއީ އެންމެ ފައިދާ ހުރި ގޮތް، އަޅުގަނޑުމެންގެ ވެރިކަމުގައި ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް ޕޯޓަކާއި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ވިލިނގިއްޔަކީ މަސްވެރި ރަށެއް ކަމަށާއި އެރަށް ކައިރީގައިވަނީ މަސް ގަންނަ ސަރުކާރުގެ ކުންފުނި އޮންނަ ކޫއްޑޫ ކަމަށެވެ. މިއަދު ވިސްނަން ޖެހޭނީ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވޭފަދަ ނިޒާމެއް ގާއިމްކޮށް ގުޅުވާލުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މާލެއާ ހުޅުމާލެއާ ގުޅުވާލުމުގެ ބްރިޖްގެ އަގު ބެލިން، އެއީ 79 މިލިއަން ޑޮލަރު، އެހެން ނަމަވެސް މިއަދު އެ ބްރިޖް އަޅާ ހުޅުވި އިރުގައި އެތަނަށް 300 މިލިއަން ޑޮލަރަށްވުރެ ގިނަ ހަރަދުވެއްޖެ، ވިލިގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާބޮޑު ހަރަދެއް ދާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން ތިބޭފުޅުންނަށް ފެނިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މި ސަރަހައްދަށް ބާނާ މަސް ފިނިކޮށްގެން ބޭރު ކުރުމުގެ ބަދަލުގައި ހުވަދު އަތޮޅުގައި ފެކްޓްރީއެއް ގާއިމް ކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހިއްކާފައިވާ ބިމުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފާފައިނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފްލެޓް އެޅިފައިވާ ކަމަށެވެ. އަދި ގޯތި ދޫކުރެވިފައިވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހުގައި އަޅުގަނޑުމެން އުފައްދާ ކޯލިޝަން ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވިގެންދާނެ، އެގޮތުން މިރަށު [ވިލިނގިލީ] ގައިވެސް ނުހެދި ހުރި ގެތަށް ހެދުމަށްޓަކައި ސޯޝަލް ހައުސިންގެ ދަށުން ދެވޭ ލުއި ލޯނު މިރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ، އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށްވުރެ ބޮޑެއް ނުވާނެ، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ 5000 ރުފިޔާގައި ހިފެހެއްޓޭނެ،" އިބޫ ވިދާޅުވި އެވެ

އިބޫ އިތުރަށް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމް ވެއްޖެނަމަ ކުރެވިގެންދާނެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވެގެންދާނީ ރާއްޖޭގައި އިންސާފުގާއިމް ކުރުން ކަމަށެވެ. އަދި އިދިކޮޅު ވެރިކަމުގެ އެންމެ މުހިންމު ސިފަ އަކަށް ވެގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ. އެއީ ދޫކޮށްލާނެ ދެ ސިފަ ނޫން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.