ރާއްޖެ އާއި ލަންކާގައި 10 އަހަރު ކުރިން ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުުރުމަށް ފަހު، ޖެހިގެން އައި އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިޔައީ އަލުން މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުންމީދާއެކު އެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު މުހިންމު ހުރިހާ ކުޅުންތެރިން، އޭރުގެ ސްކޮޑުގައި ތިއްބެވެ. ރާއްޖެއަށް ބަލިކުރަން އެންމެ އުނދަގޫ އިންޑިއާވެސް ގުރޫޕް ސްޓޭޖުގައި ބަލި ކުރެވުމުން، މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އިތުރުވެގެން ދިޔަ އެވެ. ނަމަވެސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ރާއްޖެ ބަލިވީ ބަންގާޅުގެ ބިމުގަ އެވެ.
އޭގެ ކުރިން 2003 ވަނަ އަހަރު ބަނަގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ. މަސްހޫރު ޝާހް އިސްމާއީލް (ސާޔާ) އާއި ކ. ހުރާގެ އަލީ ޝިހާމް އަދި ތޮއްޑޫ މުހައްމަދު ނިޒާމުގެ ރަން ދުވަސްވަރުގައި، އެފަހަރުގެ ފައިނަލުގައި ބަންގުލަދޭޝް އަތުންވެސް ދިވެހިން ބަލިވީ ޕެނަލްޓީ ޖަހައިގެން ހިތްދަތި ގޮތަކަށެވެ.
މިއީ ބަނގުލަދޭޝްގެ ބިމުގައި ދިވެހިން ކުރި ހިތްދަތި ތަޖުރިބާތަކެވެ. ނުވަ އަހަރުފަހުން އަނެއްކާވެސް ދިވެހި ޓީމު ތިބީ ބަނގުލަދޭޝްގަ އެވެ. މާޒީގެ ފައިނަލުގެ ހިތްދަތި ތަޖުރިބާ ކުރި ގިނަ ކުޅުންތެރިން ގައުމީ ޓީމުން ރިޓަޔާ ކޮށްފި އެވެ. ސާފް ޗެމްޕިއަންޝިޕާ ދިވެހިން ކުރިމަތިލަނީ، ރާއްޖޭގެ ގައުމީ ޓީމު އާ ޓްރާންސިޝަނަލް ޕީރިއަޑެއްގެ ތެރެއަށް ވަންނަމުންދާ ވަގުތެއްގަ އެވެ. ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ސްކޮޑުގައި އެބަތިއްބެވެ. އެ ކުޅުންތެރިންނާއެކު ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ، މުހައްމަދު އާރިފް (ބަކާ) އާއި ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ. ބަކާ އާއި އަކުރަމް އަކީ 10 އަހަރު ކުރިން ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކުޅުންތެރިންނެވެ. ބަކާ އަކީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ.
ސާފް މުބާރާތް މާދަމާ ފަށާނެ އެވެ. ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާއާއެކު ގުރޫޕް "ބީ" ގަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވުހު ރާއްޖެ ނިކުންނާނީ ޝްރީލަންކާއާ ދެކޮޅަށެވެ. މިއަހަރު މާޗް މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަނޑައެޅުއްވި، ޓާގެޓަކީ އާ ޖީލަށް ފުރުސަތު ހޯދައިދިނުމެވެ. ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލި ފަހުން، ރައީސް އަބްދުﷲ ޔާމީން ޓީމާ ބައްދަލު ކުރެއްވި އެވެ. ޓީމާ ބައްދަލު ކުރެއްވައި ރައީސް އެދިވަޑައިގެންނެވީ މުބާރާތް ކާމިޔާބު ކޮށްދިނުމަށެވެ.
ރައީސްގެ އެދުމާއެކު، އެފްއޭއެމްގެ ޓާގެޓްވެސް ބަދަލެއް އަތުވެއްޖެ އެވެ. ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ ޓީމުގައި ކުރިން އޮތް ހާލަތާއި މިހާރުއޮތް ހާލަތު ތަފާތު ކަމަށެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕަށްފަހު، ކުޅުންތެރިންނަށް ރަނގަޅު ބަދަލެއް އައިސްފައިވާކަން އޭނާ ފާހަގަ ކުރި އެވެ. އެފްއޭއެމުން ބުނީ މުބާރާތަށް ކަނޑައެޅި ސްޓްރެޓެޖިކް ޓާގެޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"ރައީސްލުޖުމްހޫރިއްޔާ އެކޭއެއްގޮތަށް، ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުން ވާނީ މުބާރާތް ކާމިޔާބުކުރަން،" އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ. "ނަމަވެސް އެފްއޭއެމްގެ ސްޓްރެޓެޖިކް ޓާގެޓަކަށް ބަދަލެއް ނާދޭ."
ބަންގުލަދޭޝްގައި، ހިތްދަތި ދެ ފައިނަލުގެ ތާރީހު މާޒީއަށް ދިޔައީއެވެ. އެ ގައުމުގައި ރާއްޖެއަށް އާ ތާރީހެއް ލިޔެވޭނެ ހެއްޔެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕްގައި، މުހައްމަދު އާރިފް (ބަކާ) ވަނީ ބޮޑު ކާމިޔާބަކަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ ޓީމު ރޭ ވަނީ ބަނގުލަދޭޝްއަށް ގޮސްފަ އެވެ. ވެރިރަށް ޑާކާއިން ރާއްޖޭގެ ޓީމަށް މަރުހަބާ ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި އޭރު ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް އެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕަށް ފަހު ރާއްޖެއިން ވަނީި ސްކޮޑު 22 ތިރިކޮށްފަ އެވެ. ބަންގުލަދޭޝްގައި ކުރިއަށް ގެންދާ ޓްރެއިނިންތަކަށް ފަހު، ދެ ކުޅުންތެރިން އުނިކޮށް ފައިނަލު ސްކޮޑު މުބާރާތުގެ ކޮމިޓީއަށް ހުށަހަޅާނެ އެވެ.