ފެޝަން

ފެޝަންތައް ހުސްވެ، މިވެސް ގޮތެއް

ތަފާތު ސްޓައިލުތަކުގެ ފެޝަން ޓްރެންޑުތައް ކޮންމެ ދުވަހަކުމެ ތައާރަފުވަމުންދެ އެވެ. މީގެ ތެރެއިން ބައެއް ސްޓައިލްތައް ވަރަށް ކަމުދެ އެވެ. އަދި ކަމުނުދާ ސްޓައިލްތައްވެސް ހުރެ އެވެ. މީގެ އިތުރަށް ދެން ހުންނާނީ "ހައިރާންކޮށްލާ" ސްޓައިލުތަކެވެ. ގިނަ ފަހަރަށް މިކަހަލަ ސްޓައިލްތަކަށް ފާޑުކިޔުންތައް އަމާޒުވެ، ވަނީ ބޮޑު މަޖާގަނޑަކަށެވެ.

މި އަހަރު ތައާރަފުކުރި ޓީޝާޓް ގަމީހާއި ޒާރާގެ "މުންޑު" އާއި ކައްގަނޑު ނެތް ފަޓުލޫނާއި އަދި ކުރިމަތި ނެތް ޖިންސަކީ މި ބުނާ ކެޓަގަރީއަށް ފެތުނު ސްޓައިލުތަކެވެ. ގިނަ މީހުނަށް އެ އެއްޗެހި ވީ ބޮޑު ޖޯކަކަށެވެ. އަނެއްކާވެސް މި ކެޓަގަރީއަށް އިތުރުކޮށްލާނެ ސްޓައިލެއް މި ވަނީ ތައާރަފުކޮށްފަ އެވެ. ފިރިހެނުންނަށް ހާއްސަ ކްރޮޕް ޓޮޕެވެ.

މިއީ ފެޝަން ކުންފުނި، އެސޮސްއިން ތައާރަފުކުރި ކްރޮޕް ޓޮޕެކެވެ. ހުދުކުލައިގެ މި ކްރޮޕް ޓޮޕް އެމީހުންގެ ފިހާރަތަކުންނާއި އޮންލައިންކޮށް ގަންނަ ލިބެ އެވެ. މި ކްރޮޕް ޓޮޕަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ގިނަ މީހުން ތިބީ ހައިރާންކަން މަތީގަ އެވެ.

ކޮލޯތިން ލޭބަލް، ރިކްލެއިމްޑް ވިންޓޭޖްއިން ޑިޒައިކޮށްފައިވާ މި ކްރޮޕް ޓޮޕްގެ އަގަކީ 10 ޔޫރޯ އެވެ. މީގެ ތިން ސައިޒެއްވެސް ހުރެ އެވެ. އެއީ ސްމޯލް، މީޑިއަމް އަދި ލާޖް އެވެ.

މި ކްރޮޕް ޓޮޕާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ގިނަ ބަހުސްތައް ކުރެވެމުންދާއިރު، ބައެއް މީހުން ބުނަނީ މިއީ ހުސް ގަޔާ ހުންނަން ނުކުރޭ ފިރިހެނުންނަށާއި އެބްސްތައް ދައްކާލަން ބޭނުންވާ މީހުންނަށް ރަނގަޅު އަންނައުނެއް ކަމަށެވެ. އެކަމަކު ބޮލުގައި އިންނަ ސުވާލަކީ، ފިރިހެނުން ހަމަ ކްރޮޕް ޓޮޕެއް ލާނެ ހެއްޔެވެ؟

މީހެއްގެ ގޮތެއް ނޭނގެ އެވެ. އެކަމަކު ޖަސްޓިން ބީބާވެސް މި ކްރޮޕް ޓޮޕް ލައިފި އެވެ.

އައްޑިހައިގެ އަހަރުތަކުގައި ފިރިހެނުންގެ ފެޝަން ޓްރެންޑެއް

ފިރިހެނުންގެ ކްރޮޕް ޓޮޕް ފުރަތަމަ ތައާރަފުވީ އައްޑިހައިގެ އަހަރުތަކުގަ އެވެ. އެމެރިކާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޕްރިންސްގެ ފަރާތުންނެވެ. އޭނާގެ ކޮންސާޓް ޓުއާތަކުގައި މުޅިންވެސް ލާ އުޅުނީ ކްރޮޕް ޓޮޕެވެ.

ޖޯނީ ޑެޕް 1984 ވަނަ އަހަރު ކުޅުނު ފިލްމު "ނައިޓްމެއާ އެލްމް ސްޓްރީޓް" ގައިވެސް ކްރޮ ޓޮޕް ކަހަލަ ގޮތަށް ހުންނަ ސްވެޓްޝާޓެއް ލިއެވެ. އަދި ނުވަދިހައިގެ އަހަރުތަކުގައި ގެނެސްދިން ވިލް ސްމިތުގެ ސިޓްކޮމް ސީރީޒް "ފްރެޝް ޕްރިންސް އޮފް ބެލް އެއާ" ގައި އޭނާވެސް ކްރޮޕް ޓޮޕް ލާފައިވެ އެވެ. އޭގެ 20 އަހަރުފަހުން، ވިލްގެ ދަރިފުޅު ޖޭޑެން ސްމިތުވެސް މި ޓްރެންޑް ފޮލޯކޮށްފައިވެ އެވެ.

އެކްޓަރު ޒެކް އެފްރޮން އާއި ކިޑް ކުޑީވެސް ބައެއް އިވެންޓުތަކުގައި ކްރޮޕް ޓޮޕް ލާފައި އެބަހުއްޓެވެ.