އޮފްބީޓް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޮމާޓޯ ފެސްޓިވަލެއް!

ސްޕެއިން ސަގާފީ ފެސްޓިވަލެއް ކަމުގައިވާ "ލަ ޓޮމޭޓީނާ" ނުވަތަ ޓޮމާޓޯ ފެސްޓިލް ،ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފި އެވެ. މި ފެސްޓިވަލް ބޭއްވީ ކަނޑިމާ މޯލްޑިވްސް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އެވެ.

ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މި ފެސްޓިވަލުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މި ފެސްޓިވަލުގައި ޓޮމާޓޯ ބޭނުން ކޮށްގެން ކުޅޭ ތަފާތު ގޭމްތައް ކަމުގައިވާ ޓޮމާޓޯ ފައިޓް، ޓަގް އޮފް ވޯ، މިނީ ފުޓްބޯލް، ވޯޓާ ބަކެޓް ރިލޭ، ކްލައިމްބް ދި ކޮކްނަޓް ޓްރީ އާއި އިތުރު ގޭމްތައް ކުރިއަށް ގެންދިޔަ އެވެ.

މި ފެސްޓިވަލުގައި ބޭނުންކުރި ޓޮމާޓޯތައް ވަނީ ތިން ދުވަސްވަންދެން އަވީލައި މަޑުކޮށްފަ އެވެ. އެހެން އެކަންކުރީ މި ޓޮމާޓޯތައް އުކާއިރުގައި މީހުނަށް ތަދުނުވާނެ ގޮތް ހެދުމަށެވެ. އަދި ފެސްޓިވަލް ނިމުމުން މީހުންގެ ގައިގައި ހޭކިފައިރު ޓޮމާޓޯތައް ދުއްވާލުމަށްޓަކައި ފެންޖެހުމަށް ފަޔާ ބްރިގޭޑް ވެސް ބޭނުން ކުރި އެވެ.

ސްޕެއިންގައި ޓޮމާޓޯ ފެސްޓިވަލެއް އެންމެ ފުރަތަމަ ބޭއްވީ 1945 ގަ އެވެ. އެއީ ސްޕެއިން ރަށެއްކަމުގައިވާ ބުނޯލްގެ ވެލެންސިއަން ޓައުންގަ އެވެ. މި ފެސްޓިވަލުގައި ޓޮމާޓޯ ބޭނުންކޮށްގެން ތަފާތު ކުޅިވަރުތައް ކުޅުމާއި މީހުން ގަޔަށް ޓޮމާޓޯ އުކުންފަދަ ހަރާކާތްތައް ކުރިއަށް ގެންދެ އެވެ.