މެންޗެސްޓާ ޔުނައިޓެޑް

ދުވަސްތަކަކަށް ފަހު މޮރީނިއޯ ހިނިތުންވެލައިގެން!

ޖެހިޖެހިގެން ދެ މެޗުން ބަލިވެ، ހޯސޭ މޮރީނިއޯއަށް ކުރިމަތިވި ޕްރެޝަރުތަކަށް ފަހު، ބާންލީއާ ދެކޮޅަށް 2-0 ގެ ނަތީޖާއަކުން، ކާމިޔާބު ހޯދައި މޮރީނިއޯއަށް ހިނިތުންވެލާނެ ފުރުސަތެއް ލިބިއްޖެ އެވެ.

މިދިޔަ ހަފުތާގައި، އިނިގިރޭސި މީޑިއާތަކުން ފެތުރި ވާހަކަ އަކީ، ޔުނައިޓަޑްގައި މޮރީނިއޯގެ މަގާމުގެ ޔަގީން ކަމާއެކު ސުވާލު އުފެދިފައިވާ ކަމަށެވެ.

"މި ނަތީޖާއާމެދު އަހަރެން އުފާ ވެއްޖެ،" މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އެކަމަކު އަހަންނަށް ހީވަނީ ކަލޭމެންގެ [ނޫސްވެރިން] ތެރެއިން ބައެއް މީހުން ތިބީ ދެރަވެފަ ހެން، ކަލޭމެންނަށް ރަނގަޅު ވާނީ އަހަރެމެން ބަލި ވިއްޔާ،"

މެޗުގައި ޔުނައިޓަޑްގެ ދެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ ރޮމެޔޫ ލުކާކޫ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓަޑަށް ލިބުނު ޕެނަލްޓީގައި ނަތީޖާ ފުޅާ ކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް ޕައުލް ޕޮގްބާ ފޮނުވާލި ޕެނަލްޓީ ބާންލީގެ ކީޕަރު ޖޯ ހާޓް ދިފާއު ކުރި އެވެ.

އޭގެ 10 މިނެޓް ފަހުން، ޔުނައިޓަޑްގެ މާކޯސް ރަޝްފާޑްއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އޭނާ އަށް ކާޑު ދެއްކީ ބާންލީގެ ޑިފެންޑަރު ފިލް ބާޑެސްލީއާ ދެމެދު ހިނގި ކަރިމަތިލުމަކާ ގުޅިގެންނެވެ.

މޮޅާއެކު، ޔުނައިޓަޑް ވަނީ ތާވަލުގެ 19 ވަނަ އަށް ޖެހިލާފަ އެވެ. މިދިޔަ ހަފުތާގައި ޔުނައިޓަޑްގެ ދަނޑުގައި 3-0 ން އެ ޓީމު ބަލި ކުރި ޓޮޓެންހަމް ވަނީ ވަޓްފޯޑް އަތުން 2-1 ން ބަލިވެފަ އެވެ. ކާޑިފް ސިޓީ އަތުން އާސެނަލްއަށް ލިބުނީ އުނދަގޫ މޮޅެކެވެ.