ހަބަރު

ރެއިން ފެށިގެން ތުޅާދޫއިން ކަރަންޓް ކެނޑި، ދަތިތަކާ ކުރިމަތިވެފައި

Sep 3, 2018
2

ބ. ތުޅާދޫ އިން ރެއިން ފެށިގެން ކަރަންޓް ކެނޑި ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެއްޖެ އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު "އަވަސް" އަށް ވިދާޅުވީ، ރޭ ދަންވަރު 3:15 އެހާއިރު މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އަދިވެސް މައްސަލަ ހައްލުކޮށް ކަރަންޓް ދެވިފައިނުވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ، ރަށުގައި ހުންނަނީ 250 ކިލޯ ވޯޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯ ވޯޓް އެއް ޖަނަރޭޓަރު ކަމަށެވެ. ކަރަންޓް ކެނޑިފައިވަނީ އެ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، ޖަނަރޭޓަރުތައް ބާވެފައިވުމުން މަރާމާތު ކޮށްގެން އަލުން ކަރަންޓްދޭން ހަ ގަޑިއިރަށްވުރެ ގިނަ އިރު ނަގާނެ ކަމަށާއި އޭގެ ސްޕެއާ ޕާޓްސްތައް ގެނެސްގެން ކަރަންޓްދޭން އެއަށްވުރެ ގިނަ ވަގުތު ނަގާނެ ކަމަށް އެރަށު އިންޖީނުގެއާ ހަވާލުވެ ހުރި ފެނަކައިގެ އިސް ވެރިޔާ ބުނެފައިވާ ކަމަށެވެ. އަދި އަވަހަށް ކަރަންޓް ދިނުމަށް އިތުރު ޖަނަރޭޓަރެއްވެސް ގެނަންނަން ޖެހިދާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ ރަޝީދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.