ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ބައްދަލު ކުރައްވައިފި އެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް ރިޔާސީ އިންތިހާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޑޯރިސްއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖެ އިން ކޮމަންވެލްތާއި ގުޅޭނެ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.
މަހުލޫފް ގޭ ބަންދުގައި ހުންނަވަނިކޮށް މީގެ ކުރިން ވަނީ ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕާއި ރާއްޖެއަށް ކެނެޑާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ވެސް ބައްދަލު ކުރައްވާފަ އެވެ.
މަހުލޫފް ކޮށްފައިވާ ޓްވީީޓަކާއި ގުޅިގެން އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެގޮތުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ދެން އޮތީ ހުކުމް އިއްވުމެވެ. އޭގެ އިތުރުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.