ބޮލީވުޑް

ޝާހުގެ ކާމިޔާބީގެ ޝުކުރު ސަލްމާންގެ ބައްޕައަށް

ބޮލީވުޑްގެ ބޮޑު ދެ ސްޓާރުން ކަމުގައިވާ ޝާހުރުކް ޚާން އާއި ސަލްމާން ޚާންގެ އެކުވެރިކަމުގެ ގުޅުމުގައި ކުނި ޖެހި، ދެ މިތުރުން ހަތުރުންނަށް ވެގެންދިޔަ ދުވަސްތައް ފަހަނައަޅާ ގޮސްފި އެވެ. އެ ރުޅިވެރިކަމަށް ނިމުން އައިސް އަނެއްކާވެސް އެ ދެމީހުންގެ މެދުގައި އެކުވެރިކަމުގެ ގާތް ގުޅުމެއް އުފެދިފައިވާތާ އަހަރުތަކެއްވެއްޖެ އެވެ.

ޝާހު ވަނީ ދާދިފަހުން، ސަލްމާންގެ ރިއަލިޓީ ޝޯ "ދަސް ކާ ދަމް" ގައި ބައިވެރިވެފަ އެވެ. އެ ޝޯގައި އެ ދެމީހުންނާއެކު ރާނީ މުކަރްޖީ ވެސް ބައިވެރިވި އެވެ. އެ ޝޯގެ ތެރެއިން ޝާހު ވަނީ ސަލްމާން އާއި އޭނާގެ އާއިލާއާއި ބެހޭގޮތުން އަސަރުގަދަ ވާހަކަތަކެއް ދައްކާފަ އެވެ.

ޝާހު ބުނި ގޮތުގައި މިއަދު އޭނާއަށް ލިބިފައިވާ މަޝްހޫރު ކަމާއި ކާމިޔާބީގެ ފަހަތުގައިވާ ފަރާތަކީ ސަލްމާންގެ ބައްޕަ، ސާލިމް ޚާނެވެ.

"އަހަރެން މުމްބާއީއަށް އައިސް ފުރަތަމަ ވަރަށް އުނދަގުލުގައި އުޅުނީ، އެހެން އުޅެނިކޮށް އެއް ދުވަހު ސަލްމާންގެ ގެއަށް ކެއުމަކަށް ދައުވަތު ލިބުނީ، ސަލްމާންގެ ބައްޕައާއި ބައްދަލުވީ އެ ދުވަހު، އޭނާގެ ބައްޕަ ސާލިމް އަހަންނަށް ވަރަށް ހިތްވަރުދިން މި ދައިރާއިން ކުރިއަށް ދިއުމަށް، މިއަދު އަހަރެން 'ޝާހުރުކް ޚާން' ގެ ގޮތުގައި މި ހުރީ އޭނާގެ ސަބަބުން،" ޝާހު ބުންޏެވެ.

"ދަސް ކާ ދަމް" ޝޯއަށްވެސް ދިޔައީ ސަލްމާންގެ ދައުވަތަކަށް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ސަލްމާން ދައުވަތެއް ދީފިނަމަ ކޮންމެ ތަނަކަށްވެސް ދާނެކަމަށް ޝާހު ބުންޏެވެ.