ހަބަރު

ތަރައްގީއާއި އުފާ ސާބިތުކޮށްދީފިން، އިތުބާރު ކުރޭ: ރައީސް

ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއާއި އުފާ ފާގަތިކަން ހޯދައިދެވޭނީ ގަދަބާރުން ނޫންކަން ސާބިތުކޮށްދީފައިވާނެ ކަމަށާއި އެހެންކަމުން އަދިވެސް އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގަންނަވައިފި އެވެ.

އއ ތޮއްޑޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް، ރައްޔިތުންނާ ބާއްދަލުކޮށް ތާއީދު ހޯއްދެވުމަށް އެރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި އެހެން އެއްވެސް ވެރިކަމެއްގެ ފަސްއަހަރާއި ނުބައްދަލު ތަރައްގީއާއި ފާގަތިކަން ރައްޔިތުންނަށް އެމަނިކުފާނު ގެނެސްދީފައިވާ ކަމަށާއި އެކަންކަން ކުރީ އެއްގޮތަކަށްވެސް ގަދަ ބާރުން ތަންތަނަށް ވަދެ ތަންތަން ތަޅައި ފިތުނައާއި ނާމާންކަން ފަތުރައިގެން ނޫން ކަމަށެވެ. ފިތުނަ އުފެއްދުމާއި އަނިޔާވެރިކަމަމީ އެމްޑީޕީގެ މީހުންގެ ވިސްނުމެއް ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދޭން ޖެހެނީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނޫންނަމަ ރައްޔިތުން އެކުރެވުނު މޮޔަ ކަންތަކާމެދު ދެރަވެ ކަރުނައަޅަންޖެހޭ ދުވަހެއް އަތުވެދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ ދީނުގެ ހައްގުގައި ގައުމިއްޔަތުގެ ހައްގުގައި ރައްޔިތުންނަށް އުފާފާގަތި ކަމާއި ކުރިއެރުން ހޯދައިދެވޭނީ ގަދަބާރުން ތަންތަން ތަޅައި ހަދައިގެން ނޫންކަން އަޅުގަނޑު މި ދައްކައިދިނީ... ހައްގު މަގުގައި ކުރެވޭ މަސައްކަތެއް މި މަސައްކަތަކީ. މިއަށްވުރެ ބޮޑު މަސައްކަތެއް އަޅުގަނޑުމެންނަކަށް ގައުމީ ވާޖިބެއްގެ ގޮތަކުންނެއް ދިވެހި ރައްޔިތުންނަށް ކުރިމަށްޗެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް މިއަދުވެސް ވިދާޅުވީ، އެ ބޭފުޅުންގެ ކޯލިޝަން ކާމިޔާބު ނުވާނެ ކަމަށެވެ. އެއީ އެއްކޮޅަށް ބުރަވާއިރަށް ވެއްޓި ވިއްސިވިހާލިވެގެންދާނެ ކޯލިޝަނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ ގިނަ ޕާޓީތައް އެކުވެގެން ހަދާ ކޯލިޝަނެއް ކާމިޔާބުނުވާނެ ކަމަށް އެންމެ ފުރަތަމަވެސް ވިދާޅުވެ ވާހަކަފުޅުދެއްކެވީ ރައީސް ނަޝީދު ކަމަށާއި އެއީ ނަޝީދު ދެއްކެވި ވަރަށް ބުއްދި ހެޔޮ ވާހަކަފުޅެއް ކަމަށެވެ.

"އެހެންވީމަ މި ލަނގުރާނަތަކުން އެންމެ ލަނގުރާނައެއް ވެއްޓުނަސް މި ވާގޮތަކީ ޅޮހަށް އަރައިހުރި މީހާ އެބަ ވެއްޓޭ. އެހެންވީމަ ހަމަ ހިތާމަކުރަންޖެހޭ ބައެއް ބޭފުޅުން މިގޮތަށް ޅޮހަށް އަރައިވަޑައިގަންނަވަން އުޅުއްވާތީ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅުން ތަރައްގީގެ މަޝްރޫއުތަކާއި ތަރައްގީގެ ވައުދުތައް ވަމުންގެންދާތީ ރައީސް މިއަދުވެސް ވަނީ އިބޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ އެމަނިކުފާނު ގެންނަވާފައިވާ ތަރައްގީއާ ގާތަށްވެސް ތަރައްގީގެ ވިސްނުން ވިސްނައިގަންނަން އުނދަގޫވާނެ ކަމަށެވެ. ބްރިޖްގެ ވާހަކަ ދައްކަވާއިރުވެސް ފާޑު ވިދާޅުވަނީ އޭގެ އިންޖިނޭރިން ކަންކަން އެނގިވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވި އެވެ. އަދި ތައުލީމީ ދާއިރާގެ ވާހަކަ ދައްކަވާއިރުވެސް މި ސަރުކާރުގައި ތައުލީމީ ދާއިރާ ތަރައްގީވި ވަރަށް މީން ޒަމާނެއްގައިވެސް ފަސް އަހަރެއްގެ ތެރޭގައި އެވަރުގެ ބޮޑު ކުރިއެރުމެއް ނާންނަ ކަމަށް އިދިކޮޅު ބޭފުޅުންވެސް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ މީހުންނަށް ބްރިޖްގެ އިންޖިނޭރީން އެއް ނޭނގެ. ކަނޑު އަޑީގެ 40 މީޓަރު އަޑިއަށް ތޮރުފި. ދުނިޔޭގެ ކްރަސްޓްއަށް 100 މީޓަރު އަޑިއަށް ތޮރުފި. މިވަރުގެ ބްރިޖެއް ނޯންނާނެ ދުނިޔޭގަ... އެބޭފުޅުންގެ ޝައުގުވެރިކަން އޮތްލެއް ބޮޑުކަމުން ވިދާޅުވަނީ ދުނިޔެއިން ބޭރަށް ވެސް ފޮނުވައިލާނަމޭ. އެހެންވީމަ ދެން އަޅުގަނޑުމެން މިޖެހެނީ ރޮކެޓު ތައްޔާރުކޮށްގެން ފަޒާގައި ތިބޭ މިކުދިން ގެންނަން. އެކަމަކު ސަމާސަ ކަނޑާލާފައި އަޅުގަނޑު ދަންނަވާނީ، ތައުލީމީދާއިރާގެ ވާހަކަ ދައްކާއިރުވެސް މިބޭފުޅުން ވިސްނާވަޑައިގަންނަވަން ވާނޭ... " ރައީސް ވިދާޅުވި އެވެ.