މިއަދު ބަންގުލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕުގައި، ރާއްޖެއިން ހާސިލު ކުރަން ބޭނުންވާ ޓާގެޓް މަތި ނުކުރާ ކަމަށް އެފްއޭއެމްުން ބުނެފި އެވެ.
މިހާރުގެ ކޯޗް ޕީޓާ ޝެގަޓް، އާއެކު އެއްބަސްވުމުގައި ސޮއި ކުރި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމްގެ ޓާގެޓަކީ މުބާރާތުން ގައުމީ ޓީމުގެ އާ ޖީލަށް ފުރުސަތު ހޯދުން ކަމަށާއި، އެހެންވެ މުބާރާތް ކާމިޔާބު ކުރުން ލާޒިމު ނޫން ކަމަށެވެ.
ސާފް ސުޒުކީ ކަޕަށް، އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރި ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓީމާ ބައްދަލު ކުރައްވައި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް އެދިވަޑައިގެންފަ އެވެ. ރައީސް އެގޮތަށް އެދިވަޑައި ގަތުމުން އެފްއޭއެމްގެ ޓާގެޓް ބަދަލު ކުރިކަމަށް ވާހަކަ ފެތުރުނެވެ.
ނަމަވެސް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ، ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހާސިލު ކުރަން ބޭނުންވަނީ ސްޓްރެޓެޖިކް ޓާގެޓެއް ކަމަށާއި އެކަން ބަދަލު ނުވާ ކަމަށެވެ.
"ރައީސްލުޖުމްހޫރިއްޔާ އެކޭ އެއްގޮތަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުން ވާނީ މުބާރާތް ކާމިޔާބު ކުރަން،" ޖަވާ ވިދާޅުވި އެވެ. "ނަމަވެސް އެފްއޭއެމުން ކަނޑައަޅާފައި އޮތް ސްޓްރެޓެޖިކް ޓާގެޓަކަށް ބަދަލެއް ނާދޭ،"
ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ ޓީމުގައި ކުރިން އޮތް ހާލަތާއި މިހާރު އޮތް ހާލަތު ތަފާތު ކަމަށެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕަށްފަހު، ކުޅުންތެރިންނަށް ރަނގަޅު ބަދަލެއް އައިސްފައިވާކަން އޭނާ ފާހަގަ ކުރި އެވެ.
ގަތަރުގެ ޓްރެއިނިން ކޭމްޕަށް ފަހު ރާއްޖެއިން ވަނީި ސްކޮޑު 22 ކުޅުންތެރިންނަށް ތިރިކޮށްފަ އެވެ. ބަންގުލަދޭޝްގައި ކުރިއަށް ގެންދާ ޓްރެއިނިންތަކަށް ފަހު، ދެ ކުޅުންތެރިން އުނިކޮށް ފައިނަލް ސްކޮޑު މުބާރާތުގެ ކޮމިޓީއަށް ހުށަހަޅާނެ އެވެ.
މުބާރާޓުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލު ކުރާނީ، މެދުކެނޑުމަކަށްފަހު މުބާރަތަށް އައި ޕާކިސްތާން އަދި ނޭޕާލެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 3:00 ގަ އެވެ. ގުރޫޕް އޭ ގެ ދެ ވަނަ މެޗުގައި، މިއަދު ހަވީރު 6:00 ގައި މުބާރާތް ބާއްވާ ގައުމު ބަނގުލަދޭޝް ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގުރޫޕް ބީ ގެ ފުރަތަމަ މެޗު އޮންނާނީ މާދާމާ އެވެ. ފުރަތަމަ މެޗުގައި މާދަމާ 6:00 ގައި އިންޑިއާ އާއި ލަންކާ ވާދަ ކުރާނެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ރާއްޖެއާ ދެކޮޅަށް ނިކުންނާނީ ލަންކާ އެވެ.