ހޮލީވުޑް

ކްރޭޒީ ރިޗް އޭޝިއަންސްއަށް ބޮޑު ކާމިޔާބީއެއް

ހޮލީވުޑްގައި ފުރަތަމަ ފަހަރަށް އޭޝިއާ ނަސްލުގެ ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ. ފާއިތުވިި ނުވަ އަހަރުގެ ތެރޭގައި ގެނެސްދިން ހޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ ފިލްމުތަކުގެ ތެރެއިން އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބުނީ މި ފިލްމަށެވެ.

މިދިޔަ މަހު 15 ގައި ރިލީޒްކުރި "ކްރޭޒީ ރިޗް އޭޝިއަންސް" އަށް މިހާތަނަށް 117 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މި ފިލްމު އެ މަގާމު ދިފާއުކުރީ އެމީ ޝޫމާގެ 2015 ވަނަ އަހަރު ނިކުތް ފިލްމު "ޓްރެއިންރެކް" ފަހަތައް ޖައްސާލުމަށްފަހު އެވެ. "ޓްރެއިންރެކް" އަށް ލިބިފައި ވަނީ 110.2 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

އެމެރިކާގެ ބޮކްސް އޮފީހުގެ އިތުރުން، ދުނިޔޭގެ ބޮކްސް އޮފީހުގައިވެސް މި ފިލްމަށް ވަނީ ރަނގަޅު އާމްދަނީއެއް ލިބިފަ އެވެ. އެގޮތުން ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް 136.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މި ފިލްމު އުފެއްދީ 30 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ސީކުއެލްއެއް ގެނެސްދީފާނެ ކަމުގެ އިޝާރާތެއް

މި ފިލްމުގެ ސީކުއެލް ގެނެސްދީފާނެ ކަމަށް ހޮލީވުޑް ރިޕޯޓާއިން ވަނީ ބުނެފަ އެވެ. ވޯނާ ބްރާދާސްއިން ސީކުއެލް ތައްޔާރުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި ސީކުއެލްއެއް ގެނެސްދޭނީ ހަމަ މި ފިލްމުގެ ޓީމާއި އެކުގައި ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ސްޓޫޑިއޯއިން އަދި ޑީލް ފައިނަލްކޮށްފައެއް ނުވެ އެވެ.

މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ކޮންސްޓެންސް ވޫ، މިޝޭލް ޔޯ، އައުކަފީނާ އަދި އަލަށް ތައާރަފުވާ ހެންރީ ގޯލްޑިން އެވެ. ކޮންސްޓެންސްއަކީ އެމެރިކަން ޓީވީ ސީރީޒް "ފްރެޝް އޮފް ދި ބޯޓް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓްރެސެކެވެ.