ދުނިޔެ

ބްރެޒިލްގެ ދާރުލް އާސާރު އަނދާ އަޅިއަށް، ބަޖެޓު ނެތުމުގެ ޝަކުވާ

Sep 4, 2018

ރިއޯ ޑިޖެނެރޯ (ސެޕްޓެމްބަރު 4) - ބްރެޒިލްގެ ވެރިރަށް ރިއޯ ޑިޖެނެރޯގައި ހުންނަ މައި ދާރުލް އާސާރުގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އަނދާ އަޅިއަށްވެފައިވާއިރު، އެ ހާދިސާގެ ހިނގަން މެދުވެރިވީ އެތަނަށް ކަނޑައެޅި ބަޖެޓު ކަނޑާލުމުން
ކަމަށް ތުހުމަތުކޮށްފި އެވެ.

މިއަހަރު އެ ދާރުލް އާސާރަށް 200 އަހަރު ފުރުން ފާހަގަކޮށްފައިވާއިރު، އެތަނުގައި 20 މިލިއަން އައިޓަމް ހުރި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

"އެކަށީގެންވާ ސަޕޯޓެއް ނުލިބޭތާ އެތައް އަހަރެއް ވެއްޖެ،" ދާރުލް އާސާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވެ އެވެ.

ބަޖެޓު ނުލިބުމުގެ ސަބަބުން، އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މުޅި އިމާރާތަށް އޭގެ ނުރައްކާ ބޮޑުކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ އެތަން ބަންދު ކުރި ފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި، ހުޅުގަނޑު މުޅި އިމާރާތަށް ފެތުރުނު ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއްނުވެ އެވެ. އެ ހާދިސާއާއި ގުޅިގެން، ގިނަ ބަޔަކު ވަނީ ދާރުލް އާސާރުދޮށަށް އެއްވެ މުޒާހަރާވެސް ކޮށްފަ އެވެ.