ވާހަކަ

ބުނެދޭށޭރުހެމޭ

(2 ސެޕްޓެމްބަރ 2018 އާ ގުޅޭ)

"ރާދު... ކީފާ... ކީފާއާއި އަރްސަލްއާ ދެމެދު ގުޅުމެއް އޮތީތަ، އަހަންނަށް އެ ދެމީހުންގެ ދޭތެރެއަށް ވަދެވުނީތަ؟ އަރްސަލް ކައިވެނިކުރަން ބޭނުންވަނީ އަހަންނާތަ ނޫނީ ކީފާއާތަ؟" ނިމްރާއަށް އޮޅުން އަރާފައިވާކަން އޭނާގެ މޫނުމަތިން ފާޅުވިއެވެ. ފަރުވާތެރިކަމާއެކު ނިމްރާއަށް ބަލަން އިން ރާދިންގެ މޫނުން ހިތްހަމަނުޖެހުން ފާޅުވިއެވެ. ނަމަވެސް އޭނާ އެ އަސަރު ނިކަން އަވަހަށް ފޮރުވާލައިފިއެވެ. ލުއި ހިނިގަނޑެއް ރާދިން ޖަހާލިއެވެ.

"އޮފްކޯސް ޔޫ އާ ހިޒް ސްޕެޝަލް ގާލް ޑާލިންގް" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.

"ކީފާ ކީއްވެ އަރްސަލްއަކީ އޭނާ ހައްޤެއްކަމަށް ބުނަނީ... އަރްސަލްއާއި ކީފާއާ ދެމެދު ގުޅުމެއް އޮތްވާ އެ ދެމެދަށް ގަސްދުގައި އަހަރެން ވެސް ނުވަންނާނެއެއްނު، އަހަރެންދެކެ ކީފާ ނަފުރަތުކުރާކަން އެނގޭ، ރާދު ޕްލީޒް، އަހަރެން ހިތްހަމަޖައްސައިދޭން ވާހަކަނުދައްކާ ތެދަށް ހުރިހާކަމެއް ކިޔައިދީފާނަންތަ؟" ނިމްރާ އިނީ ކެތްތެރިކަން ކުޑަވެފައެވެ.

"އަރްސަލް އެއްޗެކޭ ބުނީތަ؟" ރާދިންގެ މޫނުން ވެސް ސީރިއަސްކަން ފާޅުވެގެންދިޔައެވެ.

"ނުބުނޭ... އެ ދެމެދުގައި އޮންނަނީ އެކުވެރިކަން ކަމުގައި މީގެ ކުރީން އަހަރެން ހީކޮށްގެން ހުރީ" ނިމްރާ އިސްޖަހާލިއެވެ.

"ނިމް، ތި ވިސްނުން އެއްގޮތަކަށް ވެސް ރަނގަޅެއްނޫން، އަރްސަލްއާއި ނިމްގެ ދެމެދުގައި އޮތީ އެއްވެސް އަންހެންކުއްޖަކާ އޭނާއާ ދެމެދު މިހާތަނަށް ނެތް ވަރުގަދަ ގާތްގުޅުމެއް، އޭނާއަކީ މީހުންގެ ކުރިމަތީ ބޭކާރުވާހަކަދައްކައި ސަމާސާކުރާނޭ މީހެއްނޫން، ނިމްއާ ކައިވެނިކުރުމުގެ ގަސްދު އަރްސަލްގެ ނެތްނަމަ އޭނާ އެކަން އިޢުލާނެއްނުކުރާނެ، ޚާއްޞަކޮށް އަހަންނާއި ބައްޕަ ގާތުގައި ނިމްއާ ކައިވެނިކުރަން ބޭނުންވާކަމެއް ނުބުނާނެ، ދެން އޮތީ ކީފާގެ ވާހަކަ... ކީފާއަކީ އަހަރެމެން ދެ މީހުންނާއެކު އެންމެ ގިނަދުވަހު ހުރި ރައްޓެއްސެއް، އޭނާއަށް އަރްސަލްދެކެ ލޯބިވެވުނީ، އެހެންނަމަވެސް އަރްސަލް ލޯތްބެއްނުވޭ، ވަރަށް ސާފުކޮށް އަރްސަލް ވަނީ ކީފާއަށް ބުނެދީފައި އޭނާއަށް ކީފާދެކެ ލޯތްބެއް ނުވެވޭނެކަން އަދި ނިމްއާ ކައިވެނި ކުރަން ނިންމިކަން ވެސް އަރްސަލް އޮތީ ބުނެފައި، އެ ރިޖެކްޝަން ކީފާއަށް ތަޙައްމަލެއްނުކުރެވުނު، ޗެރިޓީ ޑިނާ ނައިޓްގައި އަހަންނަށް ކޮންމެވެސް ވަރަކަށް އަޑުއިވުނު ނިމްއާ ދިމާއަށް ކީފާ ކީ އެއްޗެހި، ކީފާ އެ ބޭނުންވާ ފުރުޞަތެއް ދުވަހަކުވެސް އަރްސަލް ނުދޭނެ، މޯ ދެން ހަންޑްރެޑް ޕަސަންޓް އައި އޭމް ޝުއާ، ސޯ ޓްރަސްޓް މީ ޑާލިންގް، އަރްސަލް ބޭނުންވަނީ ހަމައެކަނި ނިމް، އޭނާގެ ހިތްހަމަޖެހުމާއި އުފާވެރިކަން ގުޅިފައިވަނީ އޭނާގެ ސްކާލެޓްއާ، އޭނާގެ ދިރިއުޅުމުގައި އިތުރު އަންހެންކުއްޖަކަށް ފުރުޞަތެއްނެތް، ޔަގީންކުރޭ، ކައިވެނިކުރަން އެހާ ކައިރިވެފައިވަނިކޮށް ތިކަހަލަ ބޭކާރު ޚިޔާލު ކުރާކަށްނުވާނެ، އަހަރެން ވެސް ދުށުމަށް އެދެނީ ތި ދެ މީހުން ގުޅިގެން އުޅޭތަން، ޔޫ އާ ޑެސްޓިންޑް ޓު ބީ ޓުގެދާރ، ޓްރަސްޓް ޔޯ ލަވް ޑާލިންގް" ރާދިން ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އައި އޭމް ސްކެއާޑް ރާދު، ހީވަނީ އަރްސަލް ގެއްލިދާނޭ" އިސްއުފުލައި ރާދިންއަށް ބަލާލި ނިމްރާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ރާދިން ވަގުތުން ސޯފާއިން ތެދުވިއެވެ. އޭނާ އައިސް ނިމްރާގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލަމުން ވާހަކަދައްކަންފެށިއެވެ.

"ތި ބިރުވެރިކަން ހިތުން ނެރެލާ، އަރްސަލްއެއް ނުގެއްލޭނެ، މިފަހަރު ނިމްއަށް ނިމްގެ ލޯތްބެއް ނުގެއްލޭނެ، އެ ޔަގީންކަން އަހަރެން ދެން، ނުރޮއްޗޭ އިނގޭ ޑާލިންގް، ހިނިތުންވެލައި ހީނލާފައި އުޅޭތަން ދުށުމަށް އަހަރެން ބޭނުންވަނީ، އަހަންނަށްވުރެ ކުރީން ހަލަފްއަށް ތި ދެމެދުގައި އޮތް ލޯބި އެނގިއްޖެ، އޭނާ އޭރުއްސުރެ ނިންމައިގެން ހުރީ އަރްސަލް ދުވަހަކުވެސް ނިމް ދޫކޮށެއްނުލާނޭކަން، ވީ ބްރަދާސް ލަވް ޔޫ އަ ލޮޓް، ނިމްއަށް ދެރައެއް ލިބޭކަށް އަހަރެމެން އެކަކު ވެސް ނޭދެން، ބޮޑުކަމެއް ދިމާވާ ހިނދު އަހަރެމެން އަބަދުވެސް ތިބޭނަން ނިމްއާއެކު، ޔޫ ޑޯންޓް ހޭވް ޓު ވޮރީ މައި ޑާލިންގް ސިސްޓަރ، އެނގޭތަ!... ބައްޕަ ހުރީ ވަރަށް ހިތްހަމަޖެހިފައި، އަރްސަލް ގާތު ބުނެފަ އޮތީ ނިމްއާ ވާހަކަދައްކައިގެން ކައިވެނިކުރާނޭ ތާރީޚެއް ކަނޑައަޅަން، އަހަންނާއި އާނާ ގަސްދުކުރަނީ ތި މީހުންނަށްވުރެ ކުރީން ކައިވެނިކުރަން، އަރްސަލް ވެސް އެދެނީ އެގޮތް، ނިމްގެ ސަބަބުން އެންމެންގެ ދިރިއުޅުން ބަދަލުވެއްޖެ، އަހަރެމެން އެންމެންގެ ހަޔާތަށް އުފާވެރިކަން އަތުވެއްޖެ، ޔޫ ބްރިންގް ފޯތް ގުޑްލަކް އެންޑް ފޯޗުން އިންޓު އަވާ ލައިވްސް.... ނައު ސްމައިލް މައި ޑާލިންގް" ނިމްރާގެ ލޯކައިރި ރާދިން ފުހެލަ ދިނީ ހިނިތުންވެލައިގެން އިނދެއެވެ. ނިތްކުރިމައްޗަށް ވެއްޓިފައި އޮތް ނިމްރާގެ އިސްތަށިގަނޑުގެ ބައި ރީތިކޮށް އެއްފަރާތްކޮށްލާ އޮމާންކޮށްލާފައި އޭނާގެ ނިތްކުރީގައި ރާދިން ބޮސްދިނެވެ.

"މީގެ ފަހުން ހަމައެކަނި ހެޕޯ ތޯޓްސް އިނގޭ، ބަލާބަލަ އެކަހަލަ ބޭކާރުކަންތަކާ ފިކުރުވާވަރުން ވެފައި ހުރި ގޮތް، ބަލިމީހެއް ވައްތަރު މޫނުން ޖަހަނީ، އެއްގޮތަކަށް ވެސް ކަންބޮޑުވެގެންނުވާނެ، ކީފާއަކަށް ނާދެވޭނެ ނިމްއާ ހަމައަކަށް، ހަމައެގޮތަށް މިޢުވާނުގެ އުނދަގުލެއް ވެސް ނުފޯރާނެ ނިމްއަކަށް، އެއީ މާޒީއާއެކުވެގެން ގޮސްފައިވާ ހަނދާންތަކެއް، އަލުން އެކަންކަމާ ފިކުރުކުރުމަކީ ބޭކާރުކަމެއް، ގެޓް ވެއްޖެތަ" ނިމްރާގެ ނޭފަތުކޮޅުގައި ހިފައި ރާދިން ތަޅުވާލިއެވެ.

"ތެންކިއު... ތެންކިއު ރާދު" ނިމްރާ ހިނިތުންވެލީ ހިތަށް ލިބުނު ހަމަޖެހުމުންނެވެ. ހިތުގައިވީ ރިހުން ހިނދުކޮޅެއްގެ ތެރޭގައި ލުއިވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ.

"އަވަހަށް މެރީކުރަންވީ، އަހަންނަށް ހީވަނީ މި ބޮޑު ތަނުގައި ޑާލިންގް އެކަނި އުޅެންވީމަ ބޯސަކަރާތްވަނީހެން، އެހެންވެ ބޭކާރު ކަންތައްތަކާ ވެސް ތިހާ ބޮޑަށް ތި ވިސްނަނީ" ރާދިން ހިނިގަނޑެއް ޖަހާލިއެވެ. ލުއި ހިނިތުންވުމެއް ނިމްރާ ބަދަލުކޮށްލިއިރު ރާދިންގެ ވާހަކަތައް އޭނާއަށް ޤަބޫލުކުރެވުނެވެ.

* * * * *

"ކޮންއިރަކުން ދެ ކުދީންގެ ކައިވެނި އޮތީ؟" ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ޝަރުމީނު އަހާލީ ކާމޭޒުދޮށުގައި އިން ބިލާލުގެ ގާތުގައެވެ.

"ތާރީޚެއް ނުބުނޭ، އެކަމަކު ހީވަނީ ވަރަށް އަވަހަށް ތާރީޚެއް ވެސް ކަނޑައަޅާފާނޭހެން" ބިލާލު ބުންޏެވެ.

"އަރްސަލްއަށް އެ ކުއްޖާ ވަރަށް ކަމުދާކަން އެނގޭ، ކިޔައިދިންތަ އެ ދެ ކުދީން ބައްދަލުވީގޮތެއް" ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރަމުން ޝަރުމީނު ދިޔައެވެ.

"ތީއޭ އަޖައިބުވާ ކަމަކީ، ހަލަފްއާއި ރާދިންގެ ފަރާތުން އެކައްޗެއް ވެސް ނޭނގުނު، އަރްސަލް ވެސް އެއްޗެއް ބުނީއެއްނޫން، އަހަރެންގެ ހިތާއި ޟަމީރު ނުބުނޭ އެ ކުއްޖާއަކީ ގޯސްކުއްޖެކޭ، އެ ދެ ކުދީން އެކަކުއަނެކަކާ ވަރަށް ގުޅޭ، ނިމްރާއާ ބެހޭގޮތުން އެނގެން އަހަރެން ވެސް ބޭނުން، އަރްސަލްގެ ކަންކަން ރާދިންއަށް އެނގިދާނެ، އެކަމަކު ހަލަފްއަށް ނިމްރާ އެނގެންވީ ގޮތެއް ނޭނގެނީ، އަރްސަލް އުޅޭގޮތުން އޭނާ ނިމްރާއާއި ހަލަފް ބައްދަލުކޮށްދޭނެއެކޭ އަހަރެން ނުބުނާނަން، އެ ތިން ކުދީންގެ މެދުގައި ވެސް ނިމްރާ ނުހަނު މަޤުބޫލު، އެގޮތަށް ފެނިލުމަކުން ނިމްރާއަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަމެއް ނޭނގޭނެ، އެހެންވިޔަސް ހީވަނީ އަހަރެމެންގެ ލޯބި އޭނާ ހޯދާނޭހެން، މިހާރު ވެސް ހުރިހާ ހަޤީޤަތެއް ނޭނގުނެއްކަމަކު އޭނާ އަހަރެމެންގެ ރުހުން ހޯދައިފި، ނޫންތަ ޝަރޫ" ބިލާލު ހީނލިއެވެ.

"ތެދެއް ތިބުނީ، އަރްސަލްއާ ބިލާލު ވާހަކަދައްކަބަލަ، އޭނާ ގާތު އަހަނިކޮށް ނިމްރާއާ ދިމާވިގޮތް ކިޔައިދީފާނެހެން ހީވޭ، ކައިވެނީގެ ކުރީން އަހަރެމެންނަށް ވެސް އެނގެންވާނެތާ އެއީ ކޮންގެއަކު ކާކުގެ ދަރިއެއްކަން، އަރްސަލް އަމިއްލައަށް ކައިވެނި ފޯމު ފުރިޔަ ދީގޭން ނުވާނެ، އެންމެންގެ ހާޟިރުގައި އެކަން ކުރާގޮތަށް ބިލާލުވާނެ އަރްސަލްއާއި ރާދިން ގާތު ބުނަން، ޅީދަރީންނަށްވުރެ ބޮޑަށް އިޙްސާސް ކުރެވެނީ ދެ އަންހެން ދަރީން އަހަންނަށް ލިބެން އުޅެނީއޭ" ހިނިތުންވެލައިގެން ކޯތާފަތުގައި އެއްއަތް ޖައްސާލައިގެން ޝަރުމީނު ހުރިގޮތުން އޭނާ ޚިޔާލަކަށް ގެއްލިފައި ހުރި ކަހަލައެވެ.

"ޝަރޫ... މިހާރުއްސުރެ ހުވަފެން ބަލަންފެށީތަ" ހެމުންހެމުން ބިލާލު ބުނެލިއެވެ.

"ހުވަފެން ބެލުމަށްވުރެ މި ހުރިހާ ދުވަހު އަހަރެން ބަލަމުންއައި ހުވަފެންތަ ހަޤީޤަތަކަށް ވާން އުޅޭހެން މިހާރު ހީވަނީ، އަރްސަލް އަހަންނަށް މަންމަ ނުކިޔަސް އޭނާގެ ބެލުމުގައި ނަފުރަތުކަމެއްނުވޭ، އެރޭ ބިލާލު ހުރިހާ ކުދީންގެ މަންމަ ކަމުގައި ބުނުމުން ވެސް އަރްސަލް އެކަމާ ދެކޮޅެއްނުވި، ހާދަ ބޮޑު ހިތްހަމަޖެހުމެކޭ އެއީ" ބިލާލަށް ޝަރުމީނު ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ.

"ރާދިންއަށްވުރެ އަރްސަލް މީހަކާ އިނީމަ ގޭތެރޭގައި ފޯރި ގަދަވާނޭ އަހަންނަށް ވެސް ހީވޭ، ނިމްރާއަށް ބަލާލާފައި އެނގޭ އޭނާ ވަރަށް ޅަކަން، އަހަރެން ވެސް ޝައުގުވެރިވޭ ނިމްރާ ފަދަ އަންހެންކުއްޖަކަށް އަހަރެމެންގެ އެ ބޯހަރު އަރްސަލްގެ ހިތް ލެނބުނު ގޮތެއް އެނގެން" ބިލާލު މިހެން ބުނުމާއެކު ޝަރުމީނު ހީނގަތެވެ.

* * * * *

ރާދިންއާ ވާހަކަދެއްކިފަހުން ނިމްރާ ހުރީ ހަމަޖެހިފައެވެ. އަރްސަލްއަށް ވެސް ނިމްރާގެ ޠަބީޢަތް ބަދަލުވެއްޖެކަން ފާހަގަކުރެވުނެވެ. އޭނާގެ ނިމްރާ އަނބުރާ ލިބުނު ފަދައެވެ. އަރްސަލްގެ ސަމާސާކުރުންތަކަށް ނިމްރާ ފުރިހަމަ ރައްދުދެއެވެ. އޭގެ ފަހުން ތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ހޮނިހިރު ދުވަހާ ދިމާކޮށް ހަލަފްއާއި ޝިހާނާ ނިންމީ ނިމްރާގެ ގާތަށް އައުމަށެވެ. ޝިހާނާ އެ ޚިޔާލު ރާދިންގެ ގާތުގައި ބުނުމުން އޭނާ އަރްސަލްގެ ގާތުގައި ބުންޏެވެ. އެންމެން އަންނަ ގޮތަށް ހަމަޖެހުނީ ދެނެވެ.

އެޕާޓްމެންޓުގެ ޕެޓިއޯގައި ހުރި ގޮނޑިތަކުގައި އަރްސަލްއާއި ހަލަފްގެ އިތުރުން ޝިހާނާ ތިއްބެވެ. ބާބެކިއު ހަދަން ތައްޔާރުކޮށްފައިވާ އެއްޗެހި ގޭސް ގްރިލްގެ މަތީ އަތުރަން ރާދިން ހުއްޓެވެ. އޭނާއަށް އެހީވާން ނިމްރާ އުޅެއެވެ. ދުވަސްތަކަކަށްފަހު މާޙައުލަށްވެރިވެފައި އޮތް އުދާސްކަން ފިލައިފައިވާ ކަހަލައެވެ. ޝިހާނާގެ ބާރު ހިނިގަނޑާއެކު ދެން ތިބި މީހުން ވެސް ހެއްވާލައެވެ. ހުއްޓާނުލާ އަރްސަލްއާ ދިމާކުރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަހަލައެވެ. ހަލަފް އެއްބައިވާން އެއްޗެކޭ ބުނެލާއިރަށް އަރްސަލް އޭނާގެ އަނގަ ބަންދުކޮށްލައެވެ. އެއާއެކު އަރްސަލްއަށް ހުއްޓުވަން ނިމްރާ އެއްޗެކޭ ބުނެލައެވެ.

އަރްސަލް ފޯނު ނަގައި ނިމްރާއަށް ކެމެރާ އަމާޒުކޮށްލުމާއެކު ފޮޓޯއެއް ނެގިއެވެ. އެއާއެކު ޝިހާނާއާއި ހަލަފް ވެސް ފޮޓޯ ނަގަން ވެއްޖެއެވެ.

"އިންސްޓާކޮށްނުލާތާ ކޮންދުވަހެއް" ހަލަފް ބުނެލިއެވެ.

"އިއްޔެ އިރުއޮއްސުނު އިރު ކޮންމެވެސް މީހެއްގެ ކާރެއް އިންސްޓަގްރާމްކޮށްފައި އޮތީ، އެކަމަކު ވެސް އެބުނީ ކޮންދުވަހެއްހޯ، އަދި މިއުޅެނީ ސައުވީސްގަނޑިއިރު ނުވެގެންނޭ، މީނަ ކުރާހާ ކަމަކާ އުޅޭހާތަނެއް ހޯދާކަށް މީހަކަށް އުނދަގުލެއްނުވާނެ، އިންސްޓަގްރާމާއި ފޭސްބުކް ބަލާލީމަ ފުދޭނެ" ޝިހާނާ އިނދެފައި ބުންޏެވެ.

"އޭތް! އަހަންނާއި އާނާއާ ދެ މީހުންގެ ފޮޓޯއެއް ހިނގާބާ އިންސްޓާކޮށްލަން، މައި ނިއު ސިސް އިން ލޯ" ޝިހާނާ ދެއްކި ވާހަކައަށް ސަމާލުކަމެއްނުދީ ހަލަފް އޭނާގެ އަމިއްލަ ވާހަކަދެއްކިއެވެ.

"ހަމައެކަނި އާނާތަ" ނިމްރާ ބުނެލީ ހަލަފްއަށެވެ.

"ތީ ސިސް އިން ލޯއެއްނޫނޭ، ތީ ރެޑްއެއްނު، މައި ރެޑް... ޑެވިލްއަށް ދެން މިފަހަރު ދޫކޮށްލައިގެން މި ހުރީ" ނިމްރާއަށް ބަލާލައި ހަލަފް އެއްލޯ މަރާލިއެވެ.

"އެހެންތަ؟" އަރްސަލް އިނދެފައި ނިކަން ބާރަށް ބުނެލިއެވެ. ދުރުގައި ހުރި ރާދިންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަރްސަލް އަތްހޫރާލަންވާއިރަށް ހަލަފް އިންތަނުން ތެދުވެ ދުވަމުން ކަހަލަ ގޮތަށް އައިސް ނިމްރާގެ ގާތުގައި ހުއްޓުނެވެ. އޭނާގެ ކޮނޑަށް އަތްވަށްޓާލައިގެން ހުރެ ސެލްފީއެއް ހަލަފް ނެގިއެވެ.

"ކާކު ހުއްދަ ދިނީ އޭނާއާއެކު ފޮޓޯ ނަގަން" އަރްސަލް ގޮނޑިން ތެދުވަމުން ބުނެލިއެވެ.

"އައި ލަވް ޔޫ ރެޑް" ހަލަފް ތަންކޮޅެއް ބާރަށް ބުނެލިގޮތުން ހީވީ އަރްސަލްއަށް އިއްވަން ބުނިހެނެވެ. ދަތްކުނޑިވިކާލި އަރްސަލް އަތްމަޅާލައިފައި ފަރާތްފަރާތް ހޯދާލީ އަތުގައި ޖެހޭނެ އެއްޗެއް ހުރިތޯއެވެ. އެވަގުތު މޭޒުމަތީ އޮތް ހަލަފްގެ އައިނު ފެނުމުން އޭނާ ނުބައިގޮތަކަށް ހީނލިއެވެ. އަދި މޭޒުމަތީ އޮތް އަވިއައިނުނަގައި ހަލަފްއާ ދިމާއަށް އަރްސަލް ހޫރުވާލިއެވެ.

"ނޯ... ނޯ... ނޯ... އިޓްސް އަ ލިމިޓެޑް އެޑިޝަން، އެއޮތް އަގުބޮޑު އައިނު" ހަލަފް އަޑުގަދަ ކުރަމުން އައިނު ހިފަން އުޅެގަތެވެ.

"ތީ ހަމަ ޑެވިލްއެއް" ނިމްރާ ކަޅިއަޅާލިއެވެ. އެއާއެކު އުނަގަނޑުގެ ދެފަރާތުން ދެއަތް ވިއްދާލި ގޮތަކަށް އަރްސަލް ހީނގަތީއެވެ.

"ދެޓްސް ކްރީޕީ ޑޫޑް" ޝިހާނާ ތެދުވެ އަރްސަލްގެ ކޮނޑުމަތީ ބޮނޑިއެއް އެޅިއެވެ.

ބާބެކިއު ނިމި އެންމެން ކައި ނިންމައި ގްރިލް އާއި ތަށިތައް ސާފުކޮށް ހުރިހާކަމެއް ނިންމުނު އިރު އިރުއޮއްސިއްޖެއެވެ. ބަދުގެ ތެރެއިން ޕެޓިއޯއަށް ނުކުމެވޭގޮތަށް ކަހާލާފައި ދޮރު ހުއްޓެވެ. ނިމްރާގެ އުނގުގައި ބޯއަޅާލައިގެން އޭނާގެ ކަނާތްތިލައިގައި ހިފަހައްޓާލައިގެން އަރްސަލް އޮތީ ދެ ލޯ މަރާލައިގެންނެވެ. ނިމްރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މާހައުލަށްވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން އެޕާޓްމެންޓް ތެރޭގައި ޖަހާފައި ހުރި އިނގިރޭސި ލަވައިގެ އަޑު އެ ހިސާބަށް އިވިއިވި ހުއްޓެވެ. "ސްކާލެޓް، އައި ވޯޒް މޭޑް ފޯ ލަވިންގް ޔޫ" ނިމްރާއަށް ގޮވާލުމުން އޭނާ ބަލާލި ހިނދު އަރްސަލް ބުނެލިއެވެ. އަރްސަލް ވެސް އޮތީ އިވެމުންދިޔަ ލަވަ ޓޯރީކެލީއާއި އެޑްޝީރަންގެ އައި ވޯޒް މޭޑް ފޯ ލަވިންގް ޔޫ ލަވަ އަޑުއަހަންކަން ނިމްރާއަށް އެނގުނެވެ. އެ ލަވައިގެ ކޮންމެ ލަފުޒެއް އެ ދެ ހިތާ ގުޅިފައިވާ ކަހަލައެވެ.

"އަރްސަލް، އަވަހަށް މެރީކުރަމާ" އަރްސަލްގެ ނިތްކުރިއާއެކު އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލަމުން ނިމްރާ ބުންޏެވެ. އެއާއެކު އަރްސަލް ތެދުވިއެވެ. އަދި ނިމްރާ ގެނެސް އޭނާގެ އުނގަށްލިއެވެ.

"އަހަރެން ވެސް ބޭނުންވަނީ އެގޮތް، ބައްޕަ ގާތު ބުނެގެން އެންމެ އަވަހަށް ހުރިހާ ކަމެއް ހަމަޖެހޭނެ ދުވަހެއް ކަނޑައަޅާނަން، ސްކާލެޓް ބޭނުންވަނީ އަހަރެމެންގެ ކައިވެނި ކޮންގޮތަކަށް ކުރެވެން، މި ބުނީ ކޯޓުގައިތޯ، ގޭގައި ތޯ... ޕާޓީއެއް ބާއްވާނަންތޯ" ނިމްރާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އިނދެ މަޑުމަޑުން އަރްސަލް ވާހަކަދެއްކިއެވެ.

"އަހަންނަށް ތިކަންކަން މުހިންމެއްނޫން، އަހަންނަށް މުހިންމީ އަރްސަލްއާ ކައިވެނިކުރެވުން" ނިމްރާގެ ބުނެލިއެވެ.

"ދުނިޔޭގެ ހުރިހާ އުފަލެއް ސްކާލެޓްއަށް ދޭން އަހަރެން ބޭނުންވާކަން އެނގޭދޯ" އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ.

"އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން، ވަގުތު ޖެހެންދެން ސްކާލެޓް ކެތްކުރޭ، ވީ އެންމެ އަވަހަކަށް އެންމެ ފުރިހަމަ ގޮތުގައި އަހަރެންގެ މީހަކަށް ހަދާނަން" ނިމްރާގެ ކޯތާފަތުގައި އަރްސަލް ބޮސްދިނެވެ. އެވަގުތު ކައިރިން ޕްލޭޝްގެ އަލި ކަނޑައިގެން ދިއުމާއެކު އަރްސަލްއާއި ނިމްރާއަށް ވެސް ވަގުތުން ބަލާލެވުނެވެ. ރާދިން ފޯނު ހިފަހައްޓައިގެން ހެވިފައި ހުރިއިރު އޭނާގެ އުނަގަނޑުގައި ދެއަތް ވަށާލައިގެން ހިނިތުންވެފައި ޝިހާނާ ހުއްޓެވެ.

"ރާދު..." އަރްސަލް ހަރުކަށި ގޮތަކަށް ގޮވާލިއެވެ.

"ސޮރީ މޭން... ޔޫ ގައީޒް ލުކް ސޯ ކިއުޓް" ހެވިފައި ހުރެ ރާދު ބުންޏެވެ.

* * * * *

ޖެހިގެން އައި ދުވަހު ރާދިންއާއި އަރްސަލް މަޝްވަރާ ކުރިއެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގެންދާނޭ ގޮތަކާމެދުއެވެ. ދެ މީހުން މަޝްވަރާކޮށް ތާރީޚެއް ކަނޑައެޅިއެވެ. ނިމްރާއާއި އަރްސަލްގެ އުފަންދުވަސް ކައިރިވެފައި އޮތް އިރު އެ ދުވަހާ ދިމާނުވާނޭ ގޮތަށް ކައިވެނީގެ ތާރީޚު ކަނޑައަޅަން އަރްސަލް އިސްކަން ދިނެވެ.

"ޝީ ޑިޒާވް އެވްރި ހެޕިނެސް، ނިމްގެ ފުރަތަމަ ކައިވެންޏަށްވާއިރު، އަހަރެން ބޭނުންވަނީ ބޮޑުވެޑިންއެއް ބާއްވަން" ރާދިން ބުންޏެވެ.

"އަހަރެން ތިކަމާ ދެކޮޅެއްނޫން، އަހަރެން ވެސް ބޭނުން ވެޑިން ޑްރެސްގައި ސްކާލެޓް ބަލާލަން" އަރްސަލް ހީނލާފައި ބުނެލިއެވެ.

"މިހާރުއްސުރެ ކުރާ ޚިޔާލަކީ އެއީ ދޯ، އެ ވެޑިން ޑްރެސް އިން ނިމް ރެސްކިއުކުރާނޭ ގޮތެއްތަ؟ އެހެންވެއޭ ނިމް ބުނަނީ ތީ ޑެވިލްއެކޭ، މިހާރު ތި ސިކުނޑީގައި ހިނގަނީ މީހަކަށް ބަލާލަން ކެރޭވަރުގެ ޚިޔާލުތަކެއްނޫން ވިއްޔާ" ރާދިން ދިމާކޮށްލުމުގެ ރާގުގައި ބުނެލިއެވެ.

"އައި ކާންޓް ހެލްޕް އިޓް ބްރޯ" ހިނިގަނޑެއް ޖަހާލަމުން އަރްސަލް ބުނެލިއެވެ.

"މިއަދު ބައްޕައާ މަޝްވަރާކުރަމާ، ކޯޓުގައި ބައްޕަގެ ކަނެކްޝަންއެއް ހުރެދާނެ، އަވަހަށް ފޯމު ފުރުމުގެ ކަންތައް ކުރިއަށް ގެންދަން ފެންނަނީ" ރާދިން ބުންޏެވެ. އަރްސަލް އެގޮތާ އެއްބަސްވިއެވެ.

އޮފީސް ނިންމާފައި ކެބިންއިން ނުކުންނަން އުޅެނިކޮށް އަރްސަލްއަށް ކީފާ ގުޅިއެވެ. އޭނާ ފޯނުގައި ހުއްޓައި ޒިވަން އައިސް އެ މީހުންގެ ކެބިންއަށް ވަނެވެ. ރާދިންއާ ވާހަކަދައްކަމުން އޭނާ ވެސް އެ މީހުންނާއެކު ނުކުތެވެ. އަރްސަލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އޭނާ ފޯނު ބާއްވާލުމާއެކު ރާދިންއަށް ބަލާލިއެވެ.

"ކާރުގަ އަހަރެން މިދަނީ، ޒޭވިއާ ދޭންވީނު ރާދުއަށް ރައިޑެއް" އަރްސަލް ބުނެލިއެވެ. މާގިނަ ވާހަކައެއް ނުދައްކާ އަރްސަލް އެމީހުންގެ ގާތުން ހިނގައްޖެއެވެ.

"އޭނާއަށް ކޮންކަމެއް ލައިގަތީ" ޒިވަން އެހިއެވެ. ރާދިން ދެކޮނޑު އަރުވާލައި މޫނަށް ހަދާލި ގޮތުން އޭނާއަށް ވެސް ނޭނގޭކަން ހާމަކުރިއެވެ.

"ގެއަށްތަ ޑްރޮޕްކޮށްދޭންވީ" ޒިވަން އަހާލިއެވެ.

"މިދަނީ ނިމް ގާތަށް، ޒިވަން އަންނަންވީނު" ރާދިން ބުނުމުން ޒިވަން ބޯޖަހާލިއެވެ. (ނުނިމޭ)