ސާފް ސުޒުކީ ކަޕް

ފުޓްބޯޅަ އަލުން ބިނާކުރަން ޕާކިސްތާނަށް ވަގުތު ބޭނުން: ކޯޗް

ޕާކިސްތާންގެ ފުޓްބޯޅައިގެ އެތެރޭގައި ޖެހުނު މައްސަލަތަކުން އަރައިގެނެ ވިއްޖެ ކަމަށާއި މީ ޕާކިސްތާންގެ ފުޓްބޯޅަ ކޮޅަން ޖަހަންވީ ވަގުތު ކަމަށް އެ ޓީމުގެ ކޯޗް ހޯސޭ އެންޓޯނިއޯ ނޮގެއިރާ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލާ ދެކޮޅަށް ނިކުންނަ މެޗު ވާނީ، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާންގެ ސީނިއާ ޓީމުން ކުޅޭ ފުރަތަމަ މެޗަށެވެ. ބްރެޒިލަށް އުފަން ނޮގެއިރާ ބުނީ، ސާފް ޗެމްޕިއަންޝިޕް ވާނީ ޕާކިސްތާންގެ ފުޓްބޯޅަ ކޮޅަށް ނަގަން ފަށާ ދަތުރުގެ ފުރަތަމަ މަންޒިލު ކަމަށެވެ.

އިންޑޮނޭޝިއާގައި ނިމިގެން ދިޔަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި، ޕާކިސްތާންގެ 23 އަހަރުން ދަށުގެ ޓީމުން ވާދަ ކުރި އެވެ. އެ މުބާރާތުގައި، ނޭޕާލްގެ މައްޗަށް ހޯދި މޮޅަކީ، އޭޝިއާގެ ފުޓްބޯޅައިގައި 40 އަހަރު ފަހުން ޕާކިސްތާން ހޯދި ފުރަތަމަ މޮޅެވެ. އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ އަމާޒަކީ ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުން ކަމަށެވެ.

"ޕާކިސްތާންގެ އެތެރޭގައި ޖެހުނު މައްސަލަތަކާ ގުޅިގެން ފީފާއިން އެޅި ސަސްޕެންޝަންގެ ފިޔަވަޅަށް ފަހު މިހާރު ވަނީ މައްސަލަތައް ހައްލު ކުރެވިފައި،" ނޮގެއިރާ ބުންޏެވެ. "މީ ޕާކިސްތާންގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ލިބޭ ފުރުސަތެއް، އަހަރެންގެ ވިސްނުމުގައި ޕާކިސްތާން ފުޓްބޯޅަ އަލުން ހަމަޔަކަށް އެޅެން އެއް އަހަރު ނަގާނެ."

މިދިޔަ މަހު ރާއްޖެއާ ދެކޮޅަށް ގަތަރުގައި ޕާކިސްތާނުން ކުޅެން އޮތް މެޗު ކެންސަލު ކުރަން ޖެހުނު ސަބަބާ ބެހޭގޮތުން ނޮގެއިރާ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ، ގަތަރަށް ދާން ވިސާއަށް އެދި ވަރަށް ކުރިން ހުށަހެޅި ނަމަވެސް އެކަންކަން ހަމަނުޖެހުނު ކަމަށެވެ.

ޕާކިސްތާނާ ދެކޮޅަށް ނިކުންނަ ނޭޕާލްގެ ވަގުތީ ކޯޗް ބާލް ގޯޕާލް މާހަޖަން ބުނީ، އޭނާގެ ޓާގެޓަކީ ގުރޫޕް ސްޓޭޖު ފަހަނައަޅާއި ދިއުން ކަމަށާއި މުބާރާތުގެ ތައްޓާ މެދު ވިސްނާނީ އެއަށްފަހު ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގައި، ނޭޕާލް ޓީމު ގޮވައިގެން އޭނާ އަންނަން ޖެހުނީ، މިދިޔަ މަހާ ހަމަޔަށް އެޓީމުގެ ކޯޗުގެ ގޮތުގައި ހުރި ޖަޕާންގެ ކޯޖީ ގޮޔޯޓޮކޫގެ ވިސާގެ މައްސަލަ ޖެހި ނޭޕާލަށް އެތެރެވުމުގައި މައްސަލަ ދިމާވުމުންނެވެ. އޭޝިއަން ގޭމްސްއަށް ފަހު އިންޑޮނޭޝިއާއިން ނޭޕާލަށް ދިއުމުގެ ފުރުސަތު އޭނާ އަށް ނުލިބުނީ، އޭގެ ކުރިން ނޭޕާލްގައި ހޭދަ ކުރި މުއްދަތުގައި ޓްއަރިސްޓް ވިސާގައި އޭނާ އުޅުމުންނެވެ.

ކުރިން ނޭޕާލްގެ ގައުމީ ޓީމަށް ކުޅުނު ފޯވަޑް ބާލް ގޯޕާލް ބުނީ އޭނާގެ ޓީމުގައި އޮތީ ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ހިމެނޭ މަސްހުނި ސްކޮޑެއް ކަމަށެވެ.

"އަހަރެމެންގެ ޓީމާ މެދު ވަރަށް އިތުބާރު އެބައޮތް، އަހަރެމެން މިތަނަށް އައިސް މިތިބީ މުބާރާތުގެ ތަށި ހޯދަން، ނަމަވެސް އަހަރެމެންގެ އެންމެ ފުރަތަމަ ޓާގެޓަގަކީ ގުރޫޕް ސްޓޭޖަށްވުރެ ދުރަށް ދިއުން." ބާލްގޯޕާލް ބުންޏެވެ.

ނޭޕާލާއި ޕާކިސްތާން ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު 3:00 ގަ އެވެ. މިއަދުގެ ދެ ވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިއަދު 6:00 ގަ އެވެ.