ދުނިޔެ

ފެންބޮޑުވެފައިވާ ކެރެލާގައި ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

Sep 4, 2018

ކެރެލާ (ސެޕްޓެމްބަރު 4) - އިންޑިއާގެ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގައި ފެތުރެމުންދާ ހުމުގެ ސަބަބުން މިހާތަނަށް 11 މީހުން މަރުވެފައިވާތީ، އެ ސަރަހައްދުގެ އޮފިޝަލުން އެލާޓު ނެރެފި އެވެ.

އެ ހާދިސާގައި މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އަށް އަރާފައިވާއިރު، ބަލިމަޑުކަމެއް ފެތުރުނު ނުދިނުމަށްޓަކައި ފެނުގެ އަސަރު ކުރި ހުރިހާ މީހުން ދުރާލާ ބޭސް ކެއުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ 5،000 އަށް ވުރެ ގިނަ ކޭމްޕުތަކުން ހިމާޔަތް ހޯދާފައިވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފެނުގެ ސަބަބުން އުފެދޭ ކޮލެރާ، ބޭރަށްހިންގުން ޓައިފޮއިޑް، ހެޕަޓައިޓިސް އަދި ރެޓް ފީވާ ފަދަ ބަލިމަޑުކަމަކަށް ދުރާލާ ތައްޔާރުވެގެން ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ލެޕްޓޮސްޕިރޯސިސް ނުވަތަ ރެޓް ފީވާ، ފެންބޮޑުވެފައިވާ 13 ސަރަހައްދުގެ ތެރެއިން ފަސް ސަރަހައްދެއްގައި ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.