ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލް، ޓްރީޓޮޕް އިން ޑޮކްޓަރަށް ދެއްކުމާއި އެނޫންވެސް އައުޓް ޕޭޝަންޓް ހިދުމަތްތަކަށް އާސަންދައިން ކަވަކުރަން ފަށައިފި އެވެ.
ޓްރީ ޓޮޕުން މީގެ ކުރިން އާސަންދަ ކަވާކުރަނީ ހަމައެކަނި އިން ޕޭޝަންޓް ނުވަތަ އެޑްމިޓްކޮށްގެން ދޭ ފަރުވާއަށް އެކަންޏެވެ. ކޮންސަލްޓޭޝަންއާއި ލެބް ޓެސްޓުތަކާއި ސްކޭން، އެކްސްރޭ ފަދަ އައުޓްޕޭޝަންޓް ހިދުމަތްތަކަށް އާސަންދައެއް ނުލިބެ އެވެ. ނަމަވެސް އެ ފަދަ ހިދުމަތްތަކަށް ވެސް މިއަދުން ފެށިގެން އާސަންދަ ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް އެކްސްޓާނަލް ރިލޭޝަންސް، އަބްދުލް ޣަފޫރު މިއަދު "އަވަސް" އަށް ވިދާޅުވީ، ފްރައިވެޓް އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް ޓްރީ ޓޮޕްއިން ވެސް މިހާރު އައުޓްޕޭޝަންޓް ހިދުމަތްތަކަށް އާސަންދަގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އާސަންދަ ބޭނުންވާ މީހުންނަށް އެހެން ހޮސްޕިޓަލްތަކާ އެއް ރޭޓެއްގައި އާސަންދަ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް އިން މީގެ ކުރިން ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޗާޖުކުރާ އަސްލު އަދަދަކީ 750 ރުފިޔާއެވެ. ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓަކާއެކު 525 ރުފިޔާއަށް ޑޮކްޓަރަށް ދައްކާލެވެ އެވެ. އެހެންކަމުން މިހާރު އާސަންދައިން ކަވަރުކުރުމުން 425 ރުފިޔާއަށް ސްޕެޝަލިސްޓް އެޕޮއިންޓްމަންޓެއް ޓްރީ ޓޮޕް ކްލިނިކުން ހައްދާލެވޭނެ އެވެ.
ޕްރައިވެޓް ހޮސްޕިޓަލް، ކްލިނިކްތަކަށް އާސަންދަ ދެނީ އެކި ކަހަލަ ކޮންސަލްޓޭޝަންތަކަށް އެކި ވަރަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދައްކާނަމަ 50 ރުފިޔާ، ސްޕެޝަލިސްޓަކަށް ދައްކާނަމަ 100 ރުފިޔާ އެވެ. ސްކޭން އަދި އެކްސްރޭ ފަދަ ހިދުމަތްތަކަށް ވެސް ފިކްސްޑް އަދަދެއް ކަނޑައެޅިފައި އޮވެ އެވެ. އެހެންކަމުން އާސަންދަ ލިބުމަކީ ހުރިހާ ހޮސްޕިޓަލެއްގެ އަގުތައް އެއްގޮތް ވާންޖެހޭ ސަބަބެއް ނޫނެވެ.
އިން-ޕޭޝަންޓް ސާވިސަސްއަށް އިސްކަންދޭ ގޮތަށް އޮޕަރޭޓްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް ގާއިމްކުރާ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. އެހެންކަމުން އެ ހޮސްޕިޓަލަށް ދިވެހިން ކުރާ އުންމީދު ބޮޑެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ އެ ހޮސްޕިޓަލްގެ ހިދުމަތްތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިން-ޕޭޝަންޓް ސާވިސަސްއަށް ބޮޑަށް އިސްކަންދޭ ގޮތަށް އޮޕަރޭޓްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާފައިވާ އެ ހޮސްޕިޓަލްގެ ހިދުމަތްތަކަށް މިހާރުވެސް ޑިމާންޑް ބޮޑެވެ.